27
ފެބްރުއަރީ 2010 - ރަށެއްގައި އުޅުނު ޒުވާނަކު، ﷲ އަށް ހުރިހާ
ބާރެއް ލިބިވޮޑިގެންވާ ކަމަށް ޤަބޫލު ކުރުމާ ދެކޮޅު ހަދައެވެ. މިޒުވާނާ
ދަޢުވާ ކުރާ ގޮތުގައި އޭނާ ކާން ބޭނުން ނުވާ ވަގުތެއްގައި އޭނާ ކެއުމަށް
އިރާދަކުރެއްވުމުގެ ބާރެއް ﷲ އަށް ލިބިވޮޑިގެނެއް ނުވެއެވެ. އޭނާގެ
މިބަހަށް ހެކި ދެއްކުމައްޓަކައި، މިޒުވާނާ ނިންމީ ބަނޑުހައި ހޫނުކަން
މަތީގައި އެއްވެސް އެއްޗެއް ނުކައި އެއް ދުވަސް ވަންދެން ހުރުމަށެވެ. އަދި
އޭނާ ނުކާން ހުއްޓާ ﷲ އިރާދަ ކުރެއްވުމުން އޭނާއަށް ކާން މަޖުބޫރު ވޭތޯ
ބެލުމަށެވެ.
ޒުވާނާގެ މަންމައަށް މިކަން އެނގުމުން، މީނާގެ މިމޮޔަ ޚިޔާލު ދޫކޮއްލާތޯ އެކި ގޮތްގޮތަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޒުވާނާ އޭނާގެ މަންމަ ކުރިހާ ކަމަކާއި ބުނިހާ ބަސްތަކަކަށް ދިނީ ބީރު ކަންފަތެކެވެ. އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ޒުވާނާ އޭނާގެ މަންމަ ދެކެ ރުޅިއައިސްގެން ނިންމީ ގަހަކަށް އަރާ އެންމެނާ ވަކިވެ އިނދެ އޭނާގެ އެމަސައްކަތް ކުރިޔަށް ގެންދިއުމަށެވެ. ޒުވާނާޔާ މެދު ރަޙުމްކުރާ ޙާލު އޭނާގެ މަންމަ ކާއެއްޗެހި ގެނެސް، އެގަސްދޮށުގައި ބެހެއްޓިއެވެ. އެއީ އޭނާއަށް ވިސްނި، އެގޮތް ދޫކޮށް ކެއުމަށް ބޭނުންވެއްޖެ ޙާލަތެއްގައި ކެއުމަށްޓަކައެވެ.
ރޭގަނޑުގެ އަނދިރިކަން ވެރިވި ހިނދު، ޒުވާނާ އަރާއޮތް ގަސްކައިރިންލާފައި ދިޔަ ވަގުންގެ ބައިގަނޑަކަށް، ގަސްދޮށުގައި މީރު ކެއުމެއް ބަހައްޓާފައި ހުއްޓާ ފެނިއްޖެއެވެ. އަދި ހައިރާންކަމާއެކު އެކަކު އަނެކަކަށް ބަލައިލިއެވެ. އެމީހުން ހީކުރީ، އެއީ ކޮންމެވެސް މީހަކު މީރު ކެއުމަކުން އެމީހުންނަށް ވިހަ ލުމުގެ މަޤްޞަދުގައި ކޮއްފައިހުރި މަކަރުވެރި ރޭވުމެއްކަމުގައެވެ. ދެން އެމީހުން ވަށައި ހޯދައި ބަލަންފެށިއެވެ. މީހަކު ފެނޭތޯއެވެ. މިހެން ހޯދަމުން ދަނިކޮށް އެއްކަލަ ޒުވާނާ ގަހުގެ ކުރީގައި އޮއްވާ ފެނިއްޖެއެވެ.
ވަގުންތައް ޒުވާނާ ތިރިއަށް ބޭލިއެވެ. އަދި ގަހުގެ ކައިރީ ބަހައްޓާފައިހުރި އެކެއުމަކީ ވިހަލާފައި ހުރި ކެއުމެއްތޯ ބެލުމައްޓަކައި އެކެއުން ކެއުމަށް އޭނާއަށް އަމުރުކުރިއެވެ. ނަމަވެސް އެޒުވާނާ އަދިވެސް ހުރީ ﷲ އާއި މެދު އޭނާ ޖަހަމުން އެދާ ގޮންޖެހުމުގެ މަތީގައި ކަމަށް ވުމާއިއެކު ކެއުމަށް އިންކާރުކުރިއެވެ. މިކަމުގެ ސަބަބުން ވަގުންތައް އޭނާޔާ މެދު ނުބައި ހީއެއް ކުރިއެވެ. އަދި އޭނާގެ ގައިގާ ތަޅަންފެށިއެވެ. އެންމެފަހުން ޒުވާނާއަށް ކެތްނުވެގެން، އޭނާ ޖަހަމުން އެދާ ގޮންޖެހުން ދޫކޮށްލައި ކާން ފެށިއެވެ. މިތަންފެނުމުން ވަގުންތަކަށް ޔަޤީންވީ އެކެއުމަށް ވިހަނުލާ ކަމެވެ. އަދި ޒުވާނާ ދޫކޮށްލުމަށްފަހު އެމީހުން ހިނގައްޖެއެވެ.
އެންމެފަހުން ޒުވާނާ އޭނަގެ ކުށް ޤަބޫލު ކުރިއެވެ. ”އާއެކެވެ! ﷲ އަށް ހުރިހާ ބާރެއް މިލްކުވެ ވޮޑިގެންވެއެވެ.“