ތަރުޖަމާކުރީ: ބިންތު އަބްދުﷲ އަބްދުލް ޣަނީ
24 ފެބްރުއަރީ
2010 - ދީނާރުގެ މަންމަ އަކީ ވަރަށް ހެޔޮލަފާ އަންހެނެކެވެ. އޭނާގެ މަންމަ
ތަކުރާރުކޮށް އޭނާގެ ނުބައި އުޅުމަށާއި ފާފަތަކަށް ތައުބާވުމަށް ނަޞޭޙަތްތެރި
ވެއެވެ. ނަމަވެސް އޭނާގެ މަންމަގެ ބަސްތަކުން އެކަށީގެންވާ ރަނގަޅު އަޘަރުތަކެއް
އޭނާގެ ކިބަޔަކުން ނުފެނެއެވެ.
އެއްދުވަހަކު ދީނާރު ގަބުރުސްތާނެއްގެ ކައިރިން ދަމުން ބިންމަތީގައި އޮތް އިންސާނެއްގެ ކަށިކޮޅެއް ނެގިއެވެ. އަދި އެކަށިކޮޅު އޭނާގެ އަތުތެރޭގައި ކުދިކުދިވެގެންގޮސް ހިރަފުހަށްވީ މަންޒަރު ފެނުމުން ވަރަށް ބޮޑަށް ހައިރާންވިއެވެ. އަދި އޭގެ ސަބަބުން އޭނާއަށް ވަރަށް ބޮޑު ފުން އަޘަރެއް ކުރިއެވެ. އޭނާގެ މާޟީވި ދުވަސްތަކާއި، ކުރެވިފައިވާ ފާފަތަކާއިމެދު އޭނާއަށް ވިސްނެން ފެށުނެވެ. އަދި ބޭއިޚްތިޔާރުގައި އޭނާއަށް ބުނެވުނެވެ.” ދީނާރެވެ! ކަލެއަށް ހަލާކު ހުއްޓެވެ. ކަލޭ ނިމިގެންގޮސް މި ފިސް ވެފައިވާ ކަށިކޮޅުފަދައިންވެ، ކަލޭގެ ހަށިގަނޑު ހިރަފުހަށްވާނެއެވެ.“
ދެން މާޟީވެ ދިޔަތަނުގައި އޭނާއަށް ކުރެވުނު ހުރިހާ ފާފަތަކެއް އޭނާގެ ލޮލުގެ ކުރިމަތީގައި ސިފަވާން ފެށިއެވެ. އަދި ތައުބާވުމަށް ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. ދެން އޭނާގެ މޫނު އުޑާ ދިމާއަށް އުފުލާލުމަށްފަހު ބުންޏެވެ. ”މިއަޅާގެ ވެރި ރަސްކަލާކޮ! މިއަޅާ މިއަދު އިބަރަސްކަލާނގެ ހަޟްރަތަށް ރުޖޫޢަ ވެއްޖައީމެވެ. މި އަޅާގެ ތައުބާ ޤަބޫލު ކުރައްވާ މިއަޅާއަށް ހެޔޮރަޙުމަތް ލައްވަވާފާންދޭވެ!“
މުޅިން ބަދަލު ވެފައިވާ ހިތަކާއި ވިސްނުމަކާއިގެން ދީނާރު އޭނާގެ މަންމަގެ ގާތަށް ދިޔައެވެ. އަދި ބުންޏެވެ. ”މަންމާއެވެ! ސާހިބުމީހާޔަށް ފިލައިގެން އުޅޭ އަޅެއް ހައްޔަރު ކުރެވިގެން ސާހިބުމީހާގެ ގާތަށް ގެނައުމުން އެއަޅާ ދޭތެރޭ ސާހިބުމީހާ ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟“
ދީނާރުގެ މަންމަ ޖަވާބުގައި ބުންޏެވެ. ”އޭނާއަށް އަދަބު ދިނުމުގެ ގޮތުން ސާހިބުމީހާ އޭނާ ލުމަށް ދޭނީ ހަފުސް ވެފައިވާ (ބާވެ ހަޑިވެފައިވާ) އަންނައުނެވެ. އަދި ކެއުމަށް ދޭނީ ވަރަށް ފެންވަރު ދަށް ކާނާއެވެ. އަދި ސާހިބުމީހާ އޭނާ ދެވަނަފަހަރަށް ފިލިޔަ ނުދިނުމަށްޓަކައި އޭނާގެ ދެފަޔާއި އަތް ބަނދެ ހައްޔަރު ކުރާނެއެވެ.“
ދީނާރު އޭނާގެ މަންމަގެ ޖަވާބުގެ އަޑުއިވުމުން ބުންޏެވެ. ”އެހެންވިއްޔާ އަހަރެން ބޭނުމީ ބާވެ ހަފުސްވެފައިވާ ހެދުމެކެވެ. އަދި ވަރަށް ފެންވަރު ދަށް ހިމަ ގޮދަނެވެ. އަދި ދެހިލިހިލާ ގަނޑެވެ. މަންމާއެވެ! ފިލައިގެން އުޅުނު އަޅަކާމެދު ކަންތައް ކުރާނޭ ފަދައިން އަހަންނާއިމެދު ކަންތައް ކުރާށެވެ. އޭރުން ފަހަރެއްގައި އަހަރެންގެ އިޙްސާންތެރިކަމާއި ވަފާތެރިކަންފެނި އަހަރެންގެ ވެރިރަސްކަލާންގެ އަހަރެންގެ މައްޗަށް ހެޔޮ ރަޙުމަތްލައްވަފާނެއެވެ.“ ދީނާރުގެ މަންމައަށް ދީނާރަށް ކޮށްފައިވާ ފުންއަޘަރާއި އޭނާގެ ވަރުގަދަ ޢަޒުމު ފެނުމުން އޭނާ އެބުނިގޮތަށް ކަންތަށް ކޮށްދިނެވެ.
އޭގެފަހުން ކޮންމެ ރެޔަކު އިރާކޮޅު، ދީނާރު ހުއްޓުމެއް ނެތި ބާރަށް ރޮއެވެ. އަދި އޭނާ، އޭނާގެ އަމިއްލަ ނަފުސަށް ތަކުރާރުކޮށް ބުނަމުން ދެއެވެ. ”ދީނާރެވެ! ކަލެއަށް ހަލާކު ހުއްޓެވެ. ނަރަކައިގައި ދެމި ހުރުމުގެ ބާރު ކަލޭގެ ގައިގައި އެބަހުރި ހެއްޔެވެ؟ މަތިވެރި ރަސްކަލާނގެ ކޯފާ ކަލޭގެ މައްޗަށް ޙައްޤުވުމަށް މަގުފަހިވާފަދަ ދިރިއުޅުމެއް އުޅުނުކަމަށްޓަކައި ކަލޭ ހާދަ ލަދުކުޑައެވެ.“ އަދި އެހެންގޮސް ހެނދުނުވާއިރުވެސް އޭނާގެ އެޙާލަތަކަށް ބަދަލެއްނާދެއެވެ.
ދީނާރުގެ ހަށިގަނޑުދަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވެ ހިކިއަނަރޫފަ ވަމުންނެވެ. ދީނާރުގެ މަންމައަށް މިމަންޒަރުތައް ބަލަން ހުންނަން ކެތް ނުކުރެވިގެން އޭނާއަށް ބުންޏެވެ. ”ދަރިފުޅާއެވެ! ކަލޭގެ އަމިއްލަ ނަފުސަށްވެސް ރައްކާތެރިވާށެވެ.“
ޖަވާބުގައި ދީނާރު ބުންޏެވެ. ”މަންމާއެވެ! ކުޑަ ވަގުތު ކޮޅަކަށް އަހަރެން މިގޮތުގައި ދެމިހުރިޔަ ދޭށެވެ. އޭރުން ފަހަރެއްގައި ފަހުން އަހަރެންނަށް ވަރަށް ދިގުމުއްދަތެއްގެ ހިތްހަމަޖެހުމާއި އަރާމެއް ލިބިދާނެއެވެ. މާދަމާ އަހަރެން އަހަރެންގެ ވެރިރަސްކަލާނގެ ހަޟްރަތުގައި ވަރަށް ގިނައިރު މަޑުކުރަން ޖެހޭނެއެވެ. އަދި އެކަލާނގެ އަހަރެންނަށް އަމުރުކުރައްވާނީ ރީތީގެ ހިޔަލުގައިވާ ތަނަށް ނުވަތަ ހިތަށްވެސް ނާރާފަދަ ނުބައި އަދި ބިރުވެރި ކަންތައްތަކުން ފުރިފައިވާތަނަށް ދިއުމަށް ކަމެއް އަހަރެންނަކަށް ނޭންގެއެވެ.“
ދީނާރުގެ މަންމަ އަނެއްކާވެސް ބުންޏެވެ. ”ދަރިފުޅާއެވެ! ކުޑަކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަރާމުކޮއްލާށެވެ.“
ޖަވާބުގައި ދީނާރު ބުންޏެވެ. ”މަންމާއެވެ! އަހަރެން ހޯދަން ބޭނުންވެގެން މިއުޅެނީކީ ވަގުތީ އުފަލާއި އަރާމާއި ހިތްހަމަޖެހުމެއް ނޫނެވެ. އަހަރެންނަށް މަންމައާއި އެހެންމީހުން ސުވަރުގެއަށް، އަދި އަހަރެން ނަރަކަވަންތަ ވެރިންނާއެކު ނަރަކައަށް ދާތަން ފެންނަފަދައެވެ.“
ދެން ދީނާރުގެ މަންމަ އޭނާ ދޫކޮށްލާފައި އެތަނުން ހިނގައްޖެއެވެ. އަދި ދީނާރު ކުރިއެކޭ އެއްފަދައިން ރުއިމާއި ނަމާދުކުރުމާއި ޤުރުއާން ކިޔެވުމަށް އެނބުރި ރުޖޫޢަ ވެއްޖެއެވެ.
އެއްރެޔަކު ޤުރުޢާން ކިޔަވަމުން ކިޔަވަމުން ގޮސް ތިރީގައިއެވާ އާޔަތް އޭނާ ކިޔެވިއެވެ.
އަދި އެއަށްފަހު، އެއާޔަތުގެ މާނައާއި މެދު ފުންކޮށް ވިސްނައި އެއާޔަތް އޭނާ ތަކުރާރުކުރަން ފެށިއެވެ. ދެން އޭނާ ވަރަށް ބާރަށް އަޑުން އަޑުނަގާ ރޯންފެށިއެވެ. އަދި އޭގެ އިރުކޮޅަކުން އޭނާ ހޭނެތިގެން ވެއްޓިއްޖެއެވެ. އޭނާގެ މަންމަ ދުވެފައި އައިސް އޭނާ ނަގައި ހޭއަރާތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ފުށުން ހޭއެރި ކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އޭނާގެ މަންމަ ހީކުރީ އޭނާ މަރުވީކަމުގައެވެ. އަދި ފުންހިތާމަޔާއެކު އޭނާގެ ދަރިފުޅުގެ މޫނަށް ބަލައިލުމަށްފަހު އޭނާ ބުންޏެވެ. ”އޭ އަހަރެންގެ ލޯބިވާއެވެ! އޭ އަހަރެންގެ ހިތުގެ ހިތްހަމަޖެހުމާއެވެ! އަހަރެމެން ދެން ބައްދަލުވާނީ ކޮންތަނަކުން ހެއްޔެވެ؟“
ހަޤީޤަތުގައި ދީނަރު އަދި މަރެއް ނުވެއެވެ. އަދި އޭނާގެ މަންމަގެ އެއަޘަރުން ފުރިފައިވާ ބަސްތަށް އަޑު އިވުމުން، ބަލިކަށި އަޑަކުން އޭނާ ބުންޏެވެ. ”މަގޭ މަންމާއެވެ! ހަމަކަށަވަރުންވެސް އަންނާނޭކަން ޔަގީންވެގެންވާ އެޤިޔާމަތް ދުވަހު މަންމައަށް އަހަރެން ނުފެނިއްޖެނަމަ ނަރަކައިގެ ކަންތައްތައް ބަލަހައްޓާ މަލާއިކަތާ، މާލިކުގެ އަރިހުން އަހަރެންގެ ވާހަކަ އަހާށެވެ.“ ދެން އޭނާގެ ކަރުބުޑުން އަޑެއް އިވުމަށްފަހު އޭނާ މަރުވެއްޖެއެވެ.
ދީނާރުގެ މަންމަ އޭނާގެ މަރުވެފައިވާ އެދަރިފުޅުގެ ހަށިގަނޑު ހިނަވާ ކަފުން ކުރުމަށްފަހު ޖަނާޒާގެ ކަންތައްތައް ހަމަޖެއްސިއެވެ. އަދި އެއަށްފަހު ބޭރަށް ނުކުމެ އިޢްލާން ކުރަމުން ބުންޏެވެ. ”އޭ މީސްތަކުންނޭވެ! ނަރަކަޔަށް ބިރުން މަރުވެގެން ދިޔަ މީހެއްގެ މައްޗަށް ކަށުނަމާދު ކުރުމަށްޓަކައި އަންނާށެވެ.“ މިއިއުލާނުގެ އަޑުއިވުމުން ހުރިހާ ދިމާލަކުން މީސްތަކުން އަންނަން ފެށިއެވެ. ބުނެވޭގޮތުގައި އެދުވަސްވަރު އެންމެ ގިނައިން މީހުން އެއްވެ އަދި އެހާގިނައިން ކަރުނަ އެޅި ދުވަހެއް އެދުވަސް ނޫނީ ނާދެއެވެ.
ދީނާރުގެ ޖަނާޒާ ބޭއްވުނު ދުވަހުގެރޭ، އޭނާގެ ރަޚުމަތްތެރިޔަކަށް ހުވަފެނުގައި އޭނާ ފެނުނެވެ. ފެހިކުލައިގެ ފަށުވި ފޭރާމެއްގައި ވަނިކޮށެވެ. އަދި އޭނާ އަންނަނިވި އާޔަތް ފަޚުރުވެރިކަމާއި އުފަލާއިއެކު ކިޔަވަމުން ސުވަރުގޭގައި ހިނގަމުން ދަނިކޮށެވެ.
އަދި ދީނާރުގެ އެކުވެރިޔާއަށް ފެނުނު ހުވަފެނުގައި ދީނާރު ބުނެއެވެ. ”އެންމެ ޢިއްޒަތްތެރި އަދި އެންމެ މަތިވެރިވެ ވޮޑިގެންވާ އިލާހު ގަންދީ ބުނަމެވެ! އެއިލާހުގެ ހެޔޮރަޙުމަތްފުޅުން އަހަރެންގެ ކުށްފާފަތަށް ފުއްސަވާދެއްވައިފިއެވެ. މިއަޅާގެ ވެރިރަސްކަލާކޮ! މިއަޅާގެ މަންމައަށް މިޚަބަރު ފޯރުކޮށް ދެއްވަވާފާނދޭވެ.“