Share

މުއްސަނދިކަމަކީ ކޮބައިބާވައެވެ!

ފޮނުއްވީ: އުއްމު ކުލްޘޫމް (جزاها الله خيرا)

23 ފެބްރުއަރީ 2010 - އެއްދުވަހަކު ސާދާގަރަކު ބާޒާރުން ގެއަށް އަންނަމުން މިސްކިތަށް އަރައިފިއެވެ. އޭރު މިސްކިތު ދާލަމަތީގައި ޛިކުރުކުރަން ދަރުވޭސީއަކު އިނެވެ. މީނާ އިން އިޚްލާޞްތެރިކަން ފެނި، ވިޔަފާރިވެރިޔާގެ ހިތުގައި މަޑުމޮޅި ޝުއޫރުތައް ހިނގައި އޭނާ ބާޒާރުން ގެނައި ރަން ކީސާއެއް ދަރުވޭސީއާ ދިމާލަށް ޖައްސާލަމުން ބުންޏެވެ.”ތިބާ މިފައިސާގައި ހިފާށެވެ. ތިބާ މިފައިސާ ބޭނުންކުރާނީ ﷲ ގެ މަގުގައި ކަން އަހަރެންނަށް ޔަޤީނެވެ.“

”މަޑުކޮށްބަލާށެވެ.“ ދަރުވޭސީ ބުންޏެވެ. ”އަހަރެންނަކަށް ތިހަލާލު ވާނެކަން ޔަޤީނެއް ނޫނެވެ. ކަލެއަކީ މުއްސަންޖަކީމު ހެއްޔެވެ؟“ ”މަދުވެގެން އެއްހާސް ރަން ދީނާރު މިހާރުވެސް ގޭގައި އަދި ހުންނާނެއެވެ.“ ފަހުރުވެރިކަމާއެކު ސާދާގަރު ބުންޏެވެ.

”އެހެންވިއްޔާ އިތުރު އެއްހާސް ދީނާރު ކަލޭ އަދި ބޭނުންހެއްޔެވެ؟“ ދަރުވެސީ ސުވާލު ކުރިއެވެ.

”އާއެކެވެ. ކޮންމެ ދުވަހަކު އިތުރު ފައިސާ ހޯދުމަށް އަހަރެން މަސައްކަތް ކުރަމެވެ.“ ސާދާގަރު ޖަވާބު ދިނެވެ.

”އެހެންވިއްޔާ އެއަށްވުރެ އިތުރަށް އެއްހާސް ދީނާރު ކަލޭ ބޭނުން ހެއްޔެވެ؟“

ސާދާގަރު ޖަވާބު ދިނެވެ. ”އާއެކެވެ. ޔަޤީނެވެ. ކޮންމެ ދުވަހަކުވެސް އިތުރު ފައިސާ ދެއްވުމަށް އެދި ﷲ އަށް އަހުރެން ދަންނަވަމެވެ.“

ދަރުވޭސީ ސާދާގަރާ ދިމާލަށް ރަން ކީސާ ކޮއްޕާލާފައި ބުންޏެވެ. ”އަހަންނަކަށް ތިޔަ ކީސާއަކު ނުހިފޭނެއެވެ. މުއްސަންޖަކަށް ފަޤީރެއް އަތުން ފައިސާ ނެގުން ހުއްދައެއް ނުވާނެއެވެ.“ ކުޑަކޮށް ނުރުހުން ވެފައި ސާދާގަރު އެހިއެވެ. ”އަހަރެންނާ ދިމާއަށް ފަޤީރެކޭ ގޮވާ ކަލެއަކީ މުއްސަންޖެކޭ ތިބުނަނީ ކީއްވެ ހެއްޔެވެ؟“

”އަހަރެން މުއްސަދީ ﷲ ދެއްވާ ރިޒްޤާއި މެދު އަހަރެން ހިންހަމަޖެހޭތީއެވެ. ކަލޭ ފަޤީރަކަށް ވަނީ، ދެއްވި ތަނަވަސް ނިޢުމަތްތަކުގެ މައްޗަށް ޝުކުރުވެރިނުވެ އިތުރު ފައިސާ ދެއްވާތޯ އަބަދުވެސް ﷲ އަށް ދަންނަވަމުންދާތީއެވެ.“ ދަރުވޭސީ ޖަވާބު ދިނެވެ.


އަޞްލު: 'ދަރުމަ' މަޖައްލާއިން ނެގެފައި