Share

ﷲ ތާޢާލާ ޣާފިލުވެވޮޑިގެންވާކަމަށް ހީނުކުރާށެވެ.

08 ފެބްރުއަރީ 2010 - ކިތައް މީހުންގެ ކުރިމަގު ކަލެއާހެދިގެން ގެއްލިފައި ވޭހެއްޔެވެ. މިހާރުވެސް ކިތައް ކަންތައް ނާއިންސާފުންކުރަމުން އެބަ ގެންދަމު ހެއްޔެވެ. ކިތައް ޔަތީމުންނެއް ކަލޭގެ ސަބަބުން މަގުމަތި ވެފައިވޭ ހެއްޔެވެ. ނުހައްޤުން ކިތައް މީހުނާއި މެދު ކަލެއަށް ކަންތައް ކުރެވޭ ހެއްޔެވެ. ހުވަފަތް ކިތައް އަނބިން އެބައިމީހުންގެ ގެތަކުން، ނެރެވިފައިވޭ ހެއްޔެވެ. ކިތައް ޢާއިލާ ރޫޅިފައި ވޭހެއްޔެވެ. އަދި ކިތައް އިންސާނުންގެ ފުރާނަ ކަލެއާހުރެ މިދުނިޔެ ދޫކޮށްފައިވޭހެއްޔެވެ. ”وَلا تَحْسَبَنَّ اللَّهَ غَافِلا عَمَّا يَعْمَلُ الظَّالِمُونَ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الأبْصَارُ“ ”އަނިޔާވެރިން ކުރާ ކަންތަކާއިމެދު، ﷲ ޣާފިލްވެވޮޑިގެންވާކަމަށް ހީނުކުރާ ހުށިކަމެވެ. އެއިލާހު އެއުރެން ފަސްކުރައްވާހުށީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ.“ (އިބްރާހީމް ސޫރަތުގެ 42 ވަނަ އާޔަތް) سبحان الله !

ނިކަމެތި އަންހެން ކުއްޖެކެވެ. އަދި އަތްމަތި ތަނަވަސް ޖާނައިމާލާއި، އާރާއިބާރުގެ ގޮތުން މުޖްތަމަޢުގައި ބާރުހުރި ފިރިހެނަކު އުޅުނެވެ. މީނާގެ އަންހެނުންނާއި ދެދަރިން މީނާއާއި އެކު އުޅުނެވެ. މިމީހާއަކީ އެއްވެސް ޢަދުލު އިންޞާފެއް ނެތް ބަރުހިތެއްގެ ވެރިއެއް ކަމުގައި ވިއެވެ. މީނާގެ ހިލަ ހިތުގެ މިޘާލަކީ މިދުނިޔޭގައި ވާނަމަ ވާހާ އެއްމެންގެ މައްޗަށް މީނާގެ ހިތުގެ ބުރަދަން ހުށަހެޅިކަމުގައި ވިޔަސް އެއެންމެން ގެނބި ޣަރަޤު ވެގެން ދާނެ ފަދަ ބަރުކަމެކެވެ. މީނާގެ އަންހެނުން ބުނެއެވެ. ”އަހަރުމެންނީ އެންމެނާއި ވަކިން ބޮޑު ގެއެއްގައި އުޅޭ އަދި އަހަރެންގެ ފިރިމީހާއީ މަތިވެރި މަޤާމެއްގެ ވެރިއަކު ކަމުގައި ވިއެވެ. އޭނާ އަކީ ހަރުކަށިކަމުގައި ޙައްދު ފަހަނަ އަޅާފައިވާ، މީސްތަކުންނާއި މެދު ނާއިންޞާފުން ކަންތައްކުރާ މީހެކެވެ. އަހަރުމެންގެ ގެއަށް ނޯކަރަކު ހޯދައިފި ނަމަ ދެމަހަށް ވުރެ ގިނަ ދުވަހަކު އަހަރުމެންގެ ގޭގައި އެއިން އެއްވެސް ނޯކަރަކު މަޑުނުކުރެއެވެ. އެއީ އެނޯކަރުންނަށް އަހަރުމެންގެ ފަރާތުން ދެވޭ އަނީޔާއާއި ގޯނާ ތަކާއި ޢަޛާބުގެ ބޮޑުކަމުންނެވެ. އަހަރުމެން އެބައިމީހުންނަށް ނުކުރާ އެއްވެސް ބާވަތެއްގެ އަނިޔާއެއް މިބިންމަތީ ނުވާނެކަން ކަށަވަރެވެ. މާނައަކީ ޙައްދުފަހަނަ އަޅާ ދިއުމެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު އަހަރެންގެ ފިރިމީހާގެ އަވަށުގައި ދިރިއުޅޭ މީހަކު އޭނާގެ އަންހެން ދަރިފުޅު ގޮވައިގެން އަހަރުމެން ގާތަށް އައިސް ބުންޏެވެ. ’މިހިރީ އަހަރެންގެ އަންހެން ދަރިއެވެ. މީނާ ކަލޭމެންގެ ގޭގެ ނޯކަރަކަށް ހަދާ ދޭށެވެ. އަދި ކަލޭ އެދޭ ކޮންމެ މުސާރަ އަކަށް އަހަރެން ރުހި ޤަބޫލެވެ. އަހަންނަށް އެއިން އުޅެވިދާނެއެވެ.‘ މިދެމީހުން ރަނގަޅު މުސާރައަކަށް އެއްބަސް ވުމަށް ފަހު މުއްސަނދި މީހާއަށް މިއައި މީހާ ބުންޏެވެ. ’އަހަރެން ކޮންމެ މަހަކުވެސް މުސާރަ ބަލާ އަންނާނަމެވެ. ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމެވެ.‘ މިގޮތައް މިކަން ނިންމުމަށްފަހު މީނާ ނިކުމެގެން ދާން ފެށުމުން ބާރަ އަހަރުގެ ނިކަމެތި އެއަންހެންކުއްޖާ އާދޭސްކޮށް ރޮމުން ގޮވަން ފެށިއެވެ. ’ބައްޕާއެވެ. އަހަރެން އާދޭސްކޮށް ބުނަމެވެ. އަހަރެން މިތަނަށް އެކަނި ދޫކޮށްފައި ނުދާށެވެ. އަހަރެން މަންމައާއި ބައްޕައާއި ދުރުގައި އުޅޭނީ ކޮންފަދައަކުން ހެއްޔެވެ. އަހަންނާއި މެދު ތިގޮތަށް ކަންތައް ނުކުރާށެވެ.‘ އެހެނަސް ބައްޕަ ދަރިފުޅަށް ފުރަގަސްދީ ހިނގައްޖެއެވެ.

މުޅިން އެކަނިވެރިވެ، ބީރައްޓެހި ބައެއްގެ ކައިރީގައި ބީރައްޓެހި ގެއެއްގައި ނޯކަރެއްގެ ގޮތުގައި މައުސޫމު އަންހެން ކުއްޖާ ވެއްޖެއެވެ. ހާސްކަމާއި ބިރުވެރިކަން ވަށައިގެން ވާޙާލުގައެވެ. އަންހެން ކުއްޖާގެ ހަމައެކަނި އުންމީދަކީ އުރުދުންގައި މަސައްކަތް ކުރަން ހުރި އޭނާގެ ބޭބެއެވެ. އަންހެން ކުއްޖާގެ ބޭބެ އޭނާއަށް ހިއްވަރުދީ ބުނެއެވެ. ’އޭއަހަރެންގެ ލޯބިވާ ކޮއްކޯއެވެ! އަހަރެން إنشاء الله އެނބުރި އައުމަށް ފަހު ކޮއްކޮއަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. އަދި އުފާވެރި ތަނަވަސް ދިރިއުޅުމެއް އުޅޭ ކުއްޖަކު ކަމުގައި ކޮއްކޮ ވާނެއެވެ. އަހަރެން ކޮއްކޮ މިނިވަންކޮށް ގެއަށް ގެންނާނަމެވެ.‘ މިއީ އެކުއްޖާގެ ހަމަ އެކަނި އުންމީދެވެ.“

އަންހެން ކުއްޖާއަށް ޢާޛާބުތައް ދެވެން ފެށީ ކޮންފަދަ އަކުން ހެއްޔެވެ. މުއްސަނދި ފިރިހެނާގެ އަންހެނުން ކިޔާ ދިނެވެ. ”220 ވޯލްޓަށްވުރެ މަތިން ކަރަންޓު ޝޮކު އޭނާއަށް ދެމެވެ. އަދި ފާރުގައި އެލުވާ އައްސާ ތަޅާ އަނިޔާކޮށް ހަދަމެވެ. އަދި އޭނާއަށް ކާންދެނީ ދުވަސްވެ ކުނިވެ ނުބައިވެފައިވާ ކާތަކެއްޗެވެ. ފިނި މޫސުމުގެ އެންމެ ފިނިގަދަ ރޭތަކުގައި ބަދިގޭގެ ތަށިމުށިމަތީގައި އޭނާ ނިންދަވަމެވެ. ހަފަހަރު މަތިން އޭނާ އަހަރުމެންގެ ކިބައިން ފިލަން އުޅުނެވެ. އަހަރުމެން އެއިން ކޮންމެ ފަހަރަކު އޭނާ އަތުލައިގަނެ ތަޙައްމަލު ކުރަންދަތި އެންމެހާ އަނިޔާތަކާއި ޖަރީމާތައް އޭނާޔާއި މެދު ހިންގަމެވެ. އަހަރެންގެ ފިރިމީހާއަށް ލިބިފައިވާ މަޤާމުގެ ބޭނުން ކޮށްގެން އޭނާ ފިލާ ކޮންމެ ފަހަރަކު އަތުލައިގަނެ ވޭންދެނިވި ޢަޛާބުތައް ދައްކަމުއެވެ.“ ނިކަމެތި އަންހެން ކުއްޖާ ބުނެއެވެ. ’އަހަރެން، އަހަރެންގެ އަވަށަށް ދިޔައީ ހަމައެކަނި ދެފަހަރުއެވެ. އެއީ އުރުދުންގައި މަސައްކަތްކުރަން ހުރި އަހަރެންގެ ބޭބެ ޤައުމަށް އެނބުރި އައިމަގުމަތީގައި ނިޔާވި ޚަބަރު ލިބުމުންނާއި އަހަރެންގެ މަންމަ ނިޔާވި ޚަބަރު ލިބުމުންނެވެ. އަދި އެދެމީހުންގެ ޖަނާޒާއަށް މެނުވީ އަހަރެން ނުދަމެވެ.‘

އަންހެން ކުއްޖާގެ ހުރިހާ އުންމީދުތައް ފުނޑު ފުނޑު ވިއެވެ. މިނުބައި ނުލަފާ ޡާލިމުންތައް އެއަންހެން ކުއްޖާއަށް ޢަޛާބު ދެމުން ގެންދިޔައެވެ. މަޑުމަޑުން އޭނާގެ ލޮލުގެ ފެނުން ނެތެމުން ފަނޑުވަމުން ދިޔައެވެ. ފަހަރަކަށް ވުރެ ފަހަރެކެވެ. އޭގެ ސަބަބުން ގެއަށް ބާޒާރު ކުރާއިރު ނުބައިވެ ހަލާކުވެފައިވާ ތަކެތި ގަނެވޭ އިރުވެސް އޭނާއަށް ނޭގެއެވެ. މިމަންޒަރު ދެކި ބާޒާރުގައި ތިބޭ މީހުން ހަމްދަރުދީވެ އޭނާއަށް ބާޒާރު ކޮށްދެއެވެ. އަދި އެއްޗިއްސައިގެން އެނބުރި ގެއަށް އޭނާ އާދެއެވެ. އިންތިހާއެއްނެތް އަނިޔާތަކުގެ ނަތީޖާއަކަށްވީ އަންހެން ކުއްޖާގެ ލޮލުގެ ފެނުން އެއްކޮށްނެތި ދިއުމެވެ. އެކުއްޖާ މުޅިން ލޯފަންވުމުން، މިއީ ކީއްކުރާ މީހެއްހޭ މީނާގެ އެއްވެސް އަގެއް ނެތޭ ބުނެ، އެމީހުން އެކުއްޖާ މަގުމައްޗަށް އެއްލާލިއެވެ. މަގުމަތީގައި އަންހެން ކުއްޖާ ހިޔާވަހިކަމަކަށް އެދި އެއްގެއިން އަނެއްގެއިން ދުވަނިކޮށް ބަޔަކު މީހުން އޭނާ ލޯފަން ކުދިން ގެންގުޅޭ ތަނަކަށް ގެންދިޔައެވެ.

ދިހަ އަހަރުގެ ވޭން ތަޙައްމަލު ކުރުމަށްފަހު ލޯފަން މީހުން ބަލަހައްޓާ މަރުޒަކަށް، އޭނާގެ ޢުމުރުން ބާވީސް އަހަރުގައި ލެވުމަށްފަހު، ﷲ ތާޢާލާ އޭނާގެ އަނިޔާވެރިންގެ ކިބައިން ބަދަލު ހިއްޕަވާ ދެއްވިއެވެ. ދިހަ އަހަރަށް ފަހުގައި އަނިޔާވެރި ދެމަފިރިންގެ ދަރިން ބޮޑެތިވެ ފިރިހެން މީހާގެ ޢުމުރުން ދުވަސްވެ، އޭނާއަށް ލިބިފައިވާ މަތީ މަޤާމު ގެއްލި އޭނާގެ ބޭނުން މީހުނަށް ކެނޑުނު ހިނދު، އޭނާގެ ނުބައި އަޚްލާޤުގެ ސަބަބުން އޭނާއަށް މީހުން ނަފްރަތު ކުރަން ފެށިއެވެ. މިކަމާއި އޭނާ ވަރަށް ކަންބޮޑުވިއެވެ. މީނާގެ ފިރިހެން ދަރި ބޮޑުވެ، ނުހަނު ރީތި އަންހެން ކުއްޖާކާއި ކައިވެނި ކުރިއެވެ. ޅީދަރިފުޅު ބަލިވެ އިނުމުން ގޭގެ އެންމެން މިކަމާ އުފާ ކުރަމުން ދިޔައެވެ. މާމަ ދަރިއަކު ގެއަށް އައުމުގެ އުފަލެވެ. އަދި ﷲ ތަޢާލާ އެއިލާހުގެ ފުރަތަމަ ރޭވެވުން މެދުވެރި ކުރެއްވެވިއެވެ. އެހެނީ ބަލިވެއިން އަންހެންކުއްޖާ ލޯފަން ފިރިހެންކުއްޖަކު ވިހެއުމެވެ. މިލޯފަން ތުއްތުކުއްޖާއާއި، އެތަކެއް އަނިޔާތަކަށް ފަހު ލޯފަންވި އެނޯކަރު ކުއްޖާއާއި ވަނީ ކޮންފަދަ ގުޅުމެއް ބާވައެވެ. މިކަންތަކަކީ އެބައިމީހުން ކުރި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ވީކަމެއްބާއޭ އެމީހުން ވިސްނަން ފެށިއެވެ. އަދި އެބައިމީހުން ހިތާހިތާ ބުނަމުންދިޔައެވެ. އަދި އަހަރުމެންނަށް ދެވަނަ ކުއްޖަކު ލިބުނުކަމުގައި ވިޔަސް މިފަދައިން ކަންތައް އަނެއްކާ ނުވާނެ ބާއެވެ. ވަރަށް ކަންބޮޑުވެ ހަދާނެގޮތް ހުސްވިއެވެ. އެމަތިވެރި މަޤާމުގައިވީ ފިރިހެނާ އޭނާގެ ކާފަދަރި، ލޯފަންވި ނޯކަރު ކުއްޖާ ފަދައިން ލޯފަންވެފައިވީތަން ފެނުމުން، ހިއްދަތިވެގެން ގޮސް ޝޮކެއް ޖެހި ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނެވެ.

ޑޮކްޓަރު ޢާއިލަށް ހިތްވަރު ދެމުން ބުންޏެވެ. ’ކަންބޮޑު ނުވާށެވެ. މިއީ ވާރުތަވެފައިވާ ކަމެއް ނޫނެވެ. އަދި ދަރިފުޅު ލޯފަންކުއްޖެއްގެ ގޮތުގައި އުފަން ވެފައިވަނީ ﷲ ގެ މިންވަރުފުޅުންނެވެ. އަދި އިންޝާ ﷲ މުސްތަޤުބަލުގައި ކަލޭމެނަށް ރަނގަޅު ފުރިހަމަ ދަރިއަކު ލިބޭނެ ކަމުގެ ފުރުޞަތު އެބައޮތެވެ.‘ އޭގެ ދެއަހަރު ފަހުން އަނިޔާވެރި ދެމަފިރިން އެމީހުންގެ ދަރިފުޅަށް އިތުރު ކުއްޖަކު ހޯދުމަށް ހިއްވަރު ދެމުން ބުންޏެވެ. ’އަހަރުމެންނަށް މިހާރު ލިބޭނެ ހަމައެކަނި އުފަލަކީ ކަލެއަށް ލިބޭ ދަރިއެކެވެ. އަހަރުމެންނަށް ފިރިހެން ނުވަތަ އަންހެންކުޖައްކު ވިޔަސް ހޯދާ ދޭށެވެ.‘ އެހެންކަމުން ޅީދަރި ދެވަނަ ފަހަރަށް ބަލިވެއިނދެ ވިހާ ދުވަސް ޖެހިއްޖެއެވެ. އެންމެން ތިބީ ވާނެ ގޮތެއް ނޭނގި ކަންބޮޑުވެ ހާސްވެފައެވެ. ވިހެއުމުގެ ވަގުތު ޖެހި އަންހެންކުއްޖާ ވަރަށް ރީތި އަންހެން ކުއްޖަކު ވިހައިފިއެވެ. އުފަލުންތިބި ޢާއިލާގެ މީހުން ޑޮކްޓަރާއި ސުވާލުކުރަމުން ދިޔައެވެ. ’ދަރިފުޅުގެ ލޮލުގެ ފެނުން ރަނގަޅު ހެއްޔެވެ؟‘ ދަރިފުޅުގެ ލޯލުގެ ފެނުން ރަގަޅުކަމަށާއި އެއްވެސް މައްސަލައެއް ނެތްކަމަށް ޑޮކްޓަރު ބުންޏެވެ. އަނިޔާވެރި ދެމަފިރިންނަށް ލިބުނު އުފާ ވެރިކަން އިތުރު ވެގެން ދިޔައެވެ. ނަމަވެސް ދަރިފުޅަށް ހަމަސްދުވަސް ފާއިތު ވުމަށް ފަހު އެކުޑަދަރިފުޅުވެސް ލޯފަން ވެއްޖެއެވެ. މީއެމީހުންނަށް މެދުވެރިވި ދެވަނަ މުޞީބާތެވެ. ކުއްޖާގެ މާމައަށް މިކަންމިވަނީ ކިހިނެތްކަމާއި މެދު ވިސްނެން ފެށުނެވެ. ’މިކަންތައްގަނޑަކީ ހަމަހުރެފައިވީ ކަންތައް ގަނޑެއްކަމުގައި ނުވާނެއެވެ. މިއީ އަހަރުމެން އެނިކަމެތި ނޯކަރު ކުއްޖާއާއި މެދު ކަންތައް ކުރި ގޮތުގެ ނަތީޖާއެވެ. އެކުއްޖާއަށް ދެވުނު ޢަޛާބުތަކުގެ ބަދަލެވެ. އޭނާއަކީ ޅަޢުމުރުގައި ޔަތީމުވެ، އޭނާގެ ނުބައި ބައްޕަ މަދު ފައިސާ ކޮޅަކަށްޓަކައި ބޭނުންކުރި ނިކަމެތި ކުއްޖެކެވެ. އެހެންކަމުން މިއީ ﷲ ގެ ހަޟްރަތުން އޭގެ ބަދަލުގައި އަހަރުމެންގެ މައްޗަށް އައި އަޛާބެއްކަމުގައި މެނުވީ ނުވާނެއެވެ.‘ އެހިނދު އެއަންހެނާ ނޯކަރުކުއްޖާ ވީތަނަކުން ހޯދުމަށް މަސައްކަތް ފެށިއެވެ. ހޮސްޕިޓަލުތަކާއި، ކުލީ ގޭގެއާއި، ޔަތީމު ޚާނާތަކާއި މިނޫންވެސް އެންމެހާ ތަންތަނެވެ. ލޯފަން މީހުން ގެންގުޅޭ ގެއަކުން މިކުއްޖާ ފެނުމަށް ދާންދެނެވެ. އަންހެންމީހާ ނޯކަރު ކުއްޖާ ގާތަށްގޮސް އޭނާ ގައިގައި ބައްދާ ބޮސްދީހަދަން ފެށިއެވެ. އަދި ބުނަމުން ދިޔައެވެ. ’މަގޭ ދަރިޔާއެވެ. އަހަންނަށް މަޢާފުކުރާށެވެ.‘ އެކުއްޖާ ސުވާލުކުރިއެވެ. ’ތިއީ ކާކުހެއްޔެވެ؟ ‘އަންހެންމީހާ މިއީ ތިމަންނައޭ ބުނުމުން އެކުއްޖާ ދިހަ އަހަރުވަންދެން ތަޙައްމަލުކުރި އަނިޔާތަކުގެ މަތިން ހަނދުމަވާން ފެށިއެވެ. ތިމަންނައަށް އެވެނި މިވެނި އަނިޔާއެއްދީ ކަރަންޓު ޖައްސާހެދި އެއަނިޔާވެރި އަންހެނާއެވެ. ތިމަންނައަށް ބަދިގޭގެ ފިނި ތަށިމުށިތައްމަތީ ނިދަން މަޖުބޫރުކުރުވާ އަދި ކުނިކާތަކެތި ކާންދިން އެއަންހެންމީހާއެވެ. އެއަނިޔާވެރި ހިތި ހަދާންތައް ނޯކަރުކުއްޖާގެ ސިކުނޑީގައި ވިންދުޖަހަންފެށިއެވެ. އޭނާގެ ލޯބިވާ ބޭބެއައި މަންމަ ނިޔާވި ދުވަސް ހަނދާނަށް އައެވެ. އޭނާގެ ބައްޕަ އޭނާ އެއަނިޔާވެރިންގެ އަތްމައްޗަށް ދޫކޮށްލި ދުވަހެވެ. ކަރަންޓު ޝޮކުތައް އޭނާއަށް ދެވުނު ދުވަސްތަކެވެ. އޭނާގެ ޙަޔާތާއި މުސްތަޤުބަލު ބަރުބާދު ކޮށްލެވުނު ދުވަސްތަކެވެ. ލޯފަން މީހެއްގޮތުގައި ވީދުވަހު މަގުމައްޗަށް އެއްލާލެވުނު ދުވަހުގެ ހަނދާނެވެ. އަންހެންމީހާ ނޯކަރުކުއްޖާއަށް ބުންޏެވެ. ’ދަރިފުޅާއޭ، އަހައްނަށް މަޢާފުކޮށްފިން ހެއްޔެވެ؟‘ އެމީހުންގެ އެހުރިހާ އަނިޔާތަކަށް ފަހުގައިވެސް، ހިއްތިރި ނޯކަރުކުއްޖާގެ ޖަވާބަކީ މިއީއެވެ. ’އަހަރެން ކަލެއަށް މަޢާފުކޮށްފީމެވެ.‘

ނޯކަރުކުއްޖާއަށް ކުރިން ދެވުނު އަނިޔާތަކުގެ ބަދަލު ދިނުމަށްޓަކައި އަންހެންމީހާ އޭނާގެ ގެއަށް ނޯކަރުކުއްޖާ އަނބުރާ ގެންދިޔައެވެ. އަދި އަންހެންމީހާގެ ލޯފަން މާމަދަރިންނާއި އެކު ނޯކަރުކުއްޖާ ބަލަމުން ގެންދިޔައެވެ. އަންހެންމީހަ ބުންޏެވެ. ’ފަހަރުގައި އަހަރެން ކުރިން ކުރި ނުބައި ކަންތައްތަކުގެ ފާފަ، މިނިކަމެތި އަންހެންކުއްޖާއަށް އަޅާލާ އޯގާތެރިގޮތުގައި ބެލުމުގެ ސަބަބުން ފޮހެވިދާނެ ކަންނޭނގެއެވެ.‘

ނަބިއްޔާ (صلى الله عليه وسلّم) އަލީ އިބްނު އަބީ ޠާލިބަށް ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އަނިޔާ ލިބިފައިވާ މީހާގެ ދުޢާއާއި މެދު ރައްކާތެރި ވެހުންނާށެވެ. އެހެނީ އެދުޢާއާއި ﷲ އާއި ’ދެމެދު އެއްވެސް‘ ހުރަހެއް ފަރުދާއެއް ނުވެއެވެ.“ (ސަހީހް ބުޚާރީ އަދި މުސްލިމް)


އަޞްލު: www.anaskhalifa.com