Share

ކަލޭމެން އަހަރެންނަށް ތިޔަ މަގުދެއްކީ ކަލޭމެންނަށްވެސް ނޭނގޭފަދަ މަގަކަށެވެ.

ތަރުޖަމާ: ބިންތު ޢަބްދު ﷲ ބިން ޢަބްދުލް ޣަނީ (جزاها الله خير)

01 މާރޗް 2010 - ތިރީގައި މިވާ ވާހަކައަކީ ޢަބްދުލް ވާޙިދު ބިން ޒައިދު ރިވާކުރައްވާފައިވާ ވާހަކައެކެވެ:

އެއްދުވަހެއްގައި އަހަރެމެން ކަނޑު އުޅަނދެއްގައި ވީމެވެ. ކުއްލިޔަކަށް ޖެހެމުން ދިޔަ ވައިބާރުވެއްޖެއެވެ. އަދި އަހަރެމެންނަށް މަޖުބޫރުވީ އެގަދަ ކަނޑު ދޫކޮށް ރަށެއްގެ ޙިމާޔަތް ހޯދުމަށެވެ. އެރަށުގައި އަހަރެމެން ނޫން އެހެން މީހަކު އުޅޭތަން ފެނުމުން އަހަރެމެން އަޖައިބުވިއެވެ. އަހަރެމެންގެ ކުރިމަތީގައި އަވަދި ނެތި ބުދަކަށް އަޅުކަން ކުރުމުގައި ފިރިހެނެއް ހުއްޓެވެ. އަހަރެމެން އެމީހާއަށް ތަޢާރަފުވީމެވެ. އަދި ބުނީމެވެ. ”އަހަރެމެންގެ ބޯޓުގައި ކަލޭ ތިޔަކުރާފަދަ ކަމެއްކުރާމީހަކު ނެތެވެ.“

އެމީހާ އެހިއެވެ. ”އެހެންވިއްޔާ ދެން ކަލޭމެން އަޅުކަން ކުރަނީ ކޮން ފަރާތަކަށް ހެއްޔެވެ؟“

އަހަރެމެން ބުނީމެވެ. ”އަހަރެމެން އަޅުކަން ކުރަނީ ﷲ އަށެވެ.“

”ﷲ އަކީ ކޮންފަރާތެއް ހެއްޔެވެ؟“ އޭނާ އެހިއެވެ.

އަހަރެމެން ބުނީމެވެ. ”އެކަލާނގެއީ، އެކަލާނގެ ޢަރުޝިކޮޅު އުޑުގައިވާ އަދި އުޑުތަކާއި ދުނިޔެއާއި، އެދެމެދުގައި ވާހައި ތަކެއްޗެއް މިލްކުވެވޮޑިގެންވާ ކަލާނގެއެވެ.“

”ކަލޭމެންނަށް އެކަން އެނގުނީ ކިހިނެތް ހެއްޔެވެ؟“ އެމީހާ އެހިއެވެ.

”ސާފު ހެއްކާއި ދަލީލާއިއެކު އެކަލާނގެ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވިއެވެ. އަދި އަހަރެމެންނަށް އެކަން އަންގައި ދިނީ ރަސޫލާއެވެ!“

”ދެން ކަލޭމެންގެ ރަސޫލާއަށްވީ ކިހިނެއް ހެއްޔެވެ؟“

”އެކަލޭގެފާނުގެ ރިސާލަތު ފުރިހަމަކުރައްވާ ނިންމެވުމުން، ﷲ އެކަލޭގެފާނުގެ މަރު ގެންނެވީއެވެ.“ އަހަރެމެން ޖަވާބު ދިނީމެވެ.

”އެކަމުގެ އެއްވެސް ނިޝާނެއް އެކަލޭގެފާނު ކަލޭމެންގެ ތެރެއަށް ދޫކުރައްވާފައި ނުވޭ ހެއްޔެވެ؟“ އެމީހާ އެހިއެވެ.

”އެކަލޭގެފާނު އަހަރެމެންގެ ތެރެއަށް ކީރިތި ޤުރުއާން ދޫކުރެއްވިއެވެ!“ އަހަރެމެން ބުނީމެވެ.

”އަހަރެންނަށް އެދައްކަ ބަލާށެވެ!“ އެމީހާ އެދުނެވެ.

އަހަރެމެން ޤުރުޢާން ދެއްކުމުން އޭނާ ބުންޏެވެ. ”އަހަރެންނަކަށް ތިކިޔާކަށް ނޭނގެއެވެ!“، އެހެންކަމުން ޤުރުއާނުން ބައެއް އަހަރެމެން އޭނާއަށް ކިޔައިދިނީމެވެ.

ދެން އޭނާ ރޯންފެށިއެވެ. އަދި ބުންޏެވެ. ”އެފަރާތެއްގެ ބަސްފުޅު މިފޮތުގައިވާ ފަރާތަށް އަހަރެމެން އުރެދިގެން ނުވާނެއެވެ!“

އެމީހާ ހަމައެކަނި އިސްލާމްދީން ޤަބޫލުކުރީކީ ނޫނެވެ. އޭނާ އިސްލާމްދީނުގެ އަސާސުތައް އުނގެނި، އޭނާ އުނގެނުނު ކަންކަމަށް ޢަމަލު ކުރަން ފެށީއެވެ.

ވައިމަޑުވެ މޫސުން ރަނގަޅުވެ އަހަރެމެން ފުރަން ތައްޔާރުވުމުން އަހަރެމެންގެ ބޯޓުގެ ދަތުރުވެރިއަކަށް ވެވިދާނެތޯ އަހަރެމެން ކުރެން އޭނާ އެދުނެވެ. އަދި ހަމަޔަޤީނުންވެސް އެނާ އަހަރެމެންނާއެކު އައުމަށް އަހަރެމެން އެއްބަސްވީމެވެ. އަދި އޭނާ އަހަރެމެންނާއެކު އައުންވީ ރަނގަޅު ކަމަކަށެވެ. އެއީ އޭގެ ސަބަބުން އޭނާއަށް ޤުރުއާނުން އެތައް އާޔަތެއް ހިތުދަސްކޮށްދިނުމުގެ ފުރުޞަތު އަހަރެމެންނަށް ލިބުމެވެ. ދަތުރުގެ ފުރަތަމަ ދުވަހުގެ ރޭގަނޑު އަހަރެމެން ހުރިހާ ފަޅުވެރިން ނިދުމަށްޓަކައި ތައްޔާރުވަމުން ދިޔައީމެވެ. އެވަގުތު އަހަރެމެންގެ އާދަތުރުވެރިޔާ ބުންޏެވެ. ”އޭ މީސްތަކުންނޭވެ! އެފަރާތަކަށް އަހަރެންނަށް ކަލޭމެން ތިޔަ މަގުދެއްކި ކަލާނގެ އަވަހާރަފުޅު ލައްޕަވާ ހެއްޔެވެ؟“

އަހަރެމެން ބުނީމެވެ. ”އެކަލާނގެއީ ދާއިމަށް ދެމިވޮޑިގެންވާ، އަހަރެމެންނަށް ރިޒުޤު ދެއްވާ އަދި އެކަލާނގެ ހެއްދެވިހާ ތަކެއްޗެއް ރައްކައުތެރި ކުރައްވާ އިލާހެވެ. އެކަލާނގެއަށް އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއް ނުވެއެވެ!“

އޭނާ އަހަރުމެންނާއި ދިމާއަށް ބަލާލުމަށްފަހު ބުންޏެވެ. ”އޭނާގެ ވެރިއިލާހުގެ ޙާޟިރުގައި، އަޅަކު ނިދުމަކީ ހަމަކަށަވަރުންވެސް ނުބައި އާދައެކެވެ!“ އެއަށްފަހު އޭނާ ތެދުވިއެވެ. އަދި ނަމާދުކުރަންފެށިއެވެ. އޭނާގެ ރުއިމުގެ އަޑު ހެނދުނު ވަންދެން ދެމިހުއްޓެވެ.

’ޢަބާދާންއޭ‘ (ކުރީގައި އީރަނުގައިވާ ތަނެއް) ކިޔާ ތަނަކަށް އަހަރެމެން ފޯރުމާއިއެކު އަހަރެން، އަހަރެންގެ އެކުވެރީންނަށް ބުނީމެވެ. ”މި މީހާއަކީ މިތަނަށް ބީރައްޓެއްސެކެވެ. އަދި އޭގެ އިތުރުން އޭނާ އަކީ އަލަށް އިސްލާމްވި މުސްލިމެކެވެ. އެހެންކަމުން އަހަރެމެން އެންމެން އެކުގައި އޭނާއަށް އެހީވުމުގެ ގޮތުން ފައިސާކޮޅެއް އެއްކޮށްލަން ވާނެއެވެ!“ އެކަމަކު އަހަރެމެން އޭނާއަށް ފައިސާ ދޭންއުޅުނު ހިނދު އޭނާ ބުންޏެވެ. ”މީކޯއްޗެއް ހެއްޔެވެ؟“

އަހަރެމެން ބުނީމެވެ. ”ކަލޭ ޚަރަދު ކުރާނެ ފައިސާއެވެ!“

އޭނާ ބުންޏެވެ. ”ﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ! ކަލޭމެން އަހަރެންނަށް ތިޔަ މަގުދެއްކީ ކަލޭމެންގެ އަމިއްލަ ނަފުސަށް ވެސް ނޭނގޭފަދަ މަގަކަށެވެ. ކަނޑު މެދުގައިވި، ވީރާނާވެފައިވާ ސަހަރާއެއްގައި އެކަލާނގެ ފިޔަވާ އެހެން ފަރާތަކަށް އަހަރެން އަޅުކަން ކުރަމުން ދިޔައިރުވެސް އަހަރެންނަށް ދަތިކަމެއް އެކަލާނގެ މިންވަރު ނުކުރައްވައެވެ. އެހެންކަމަށް ވީއިރު، މިއަދު އަހަރެން އެކަލާނގެއަށް މެނުވީ އަޅުކަން ނުކުރާއިރު، ފުދުންތެރި ނޫން މީހަކަށް އަހަރެން ވުމަށް އެކަލާނގެ މިންވަރު ކުރައްވާނެ ހެއްޔެވެ؟ ހަމަކަށަވަރުން އެކަލާނގެއީ ހައްދަވާ ރިޒުޤު ދެއްވާ އިލާހެވެ.“ އެއަށްފަހު އޭނާ އަހަރެމެން ދޫކޮށް އޭނާގެ މަގުގައި އޭނާ ކުރިޔަށް ދިޔައީއެވެ.

އޭނާ އުޅޭތަނެއް ނޭނގި ދުވަސްތަކެއް ފާއިތުވެ ދިއުމަށްފަހު، އޭނާ އުޅެނީ މިވެނި އެވެނި ތަނެއްގައި ކަމާއި އުޅެނީ ވަރަށް ބޮޑަށް ބަލިވެކަމުގެ ޚަބަރު އަހަރެމެންނަށް ލިބުނެވެ. އެތަނަށް އަހަރެމެންނަށް ދެވުނުއިރު ފެނުނީ އޭނާ މަރުގެ ތުންފަތް މަތީގައި ވަނިކޮށެވެ. އޭނާއަށް ސަލާމް ކޮށްލުމަށްފަހު އަހަރެން ބުނީމެވެ. ”ކަލޭ އެއްވެސް ކަމަކަށް ބޭނުން ހެއްޔެވެ؟“

އޭނާ ބުންޏެވެ. ”އެފަރާތެއް އެނގިގެން ނުވާ ޙާލުގައި އަހަރެން ވަނިކޮށް ކަލޭމެން އެރަށަށް ގެންދެވި އިލާހު އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް އަހަރެންނަށް ދެއްވައެވެ.“

ދެން އަހަރެން އޭނާގެ މަގަތުގައި އިށީނީމެވެ. އޭނާއަށް ހިތްވަރުދީ ކުޑައިރުކޮޅަކު އޭނާގެ ގާތުގައި މަޑުކޮށްލުމުގެ މަޤުޞަދުގައެވެ. ނަމަވެސް އަހަންނަށް ވަރަށް އަވަހަށް ނިދިއްޖެއެވެ. އަދި ނިދީގައި އަހަރެންނަށް ހުވަފެނެއް ފެނުނެވެ. އެހުވަފެނުގައި ޢަބާދާނުގެ ގަބުރުސްތާނުން، އަހަރެން ދުވަހަކުވެސް ނުދެކޭފަދަ ރީތި އަންހެން ކުއްޖެއް ދުށީމެވެ. އެކުއްޖާ ބުނަމުންދެއެވެ. ”އޭނާގެ ފަސްދާނުލުން އަވަސްކުރާށެވެ. މާޔޫސްކަމުގައި އޭނާއަށް އަހަރެން އިންތިޒާރު ކުރާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.“ ކުއްލި ސިހުމަކާއެކު އަހަރެންނަށް ހޭލެވުނެވެ. އޭރު އޭނާ ހަމަ މަރުވީއެވެ. އަހަރެން އޭނާ ހިނަވާ ކަފުން ކުރީމެވެ. ފަސްދާނުލުމުގެ ކަންތައް ނިމުމަށްފަހު، އެރޭ އަނެއްކާވެސް އަހަރެންނަށް ހުވަފެނެއް ފެނުނެވެ. އެހުވަފެނުގައި އަހަރެންނަށް އޭނާ ފެނުނީ ސަމައްތަރު ހެޔޮ ރީތި ފިރިހެނެއްގެ ގޮތުގައި ވަނިކޮށެވެ. އަދި ހަމަ އެއްކަލަ އަންހެން ކުއްޖާ އެނދުގައި އިށީނދެ އިންދައެވެ. އެއަންހެން ކުއްޖާގެ ފަހަތުގައި އިށީނދެ އިނދެގެން އޭނާ އަންނަނިވި އާޔަތް ތަކުރާރުކޮށް ކިޔަމުން ގެންދެއެވެ.

”سَلامٌ عَلَيْكُمْ بِمَا صَبَرْتُمْ فَنِعْمَ عُقْبَى الدَّارِ“
”ތިޔަބައިމީހުން ކެތްތެރިވި ކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ފަހެ އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅު ކަމާއެވެ.“
(ސޫރަތުއްރަޢްދު 24)

އަޞްލު: (އަލް މާޢިދު އަދި މަޖާލިސް: 40-42)