22
ޖެނުއަރީ
2010 މިކަމުގައި ފޮރުވިގެންވަނީ، ތަވްޙީދުގެ ސިއްރު ތަކުގެ ތެރެއިން
މަތިވެރި ސިއްރެކެވެ. އެއީ، ﷲ ގެ ހަޟްރަތަށް ރުޖޫޢަވުމުން މެނުވީ ހިތްތަކަށް،
ހިތްހަމަޖެހުމާއި، އަމާންކަމާއި، ޘާބިތުކަން ނުލިބުމެވެ. ﷲ ތަޢާލާ ފިޔަވައި، އެހެން
ފަރާތްތަކަށް ލޯބި ކުރެވިގެން އެދޭ އެދުންތަކަކީ އެއިލާހުގެ ވަޖުހުފުޅަށް ނޫން
އެހެން ފަރާތްތަކަށް ވެވޭ އެދުންތަކެވެ. އެދުމާއި، ލޯބި އެފަރާތަކަށް ވުމާއި،
ހުރިހާ ކަމެއްގެ މަޤްސަދު އެފަރާތަކާއި ގުޅިފައިވާ ފަރާތަކީ އެއް ފަރާތެކެވެ.
ދެމަންޒިލަކަށް، އެންމެ ފަހުގެ މަޤްސަދު ރުޖޫޢަވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.
ޚަލްޤުތަކުގެ ފެށުން ދެފަރާތެއް މެދުވެރިވެގެން އައުން އެއީ އެކަށީގެންވާ ކަމަކަށް
ނުވާ ފަދައިންނެވެ.
އެހެން ކަމުން، ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް، މީހެއްގެ ލޯތްބާއި، އެދުންތަކާއި އަދި ޢަޒުމާއި ކިޔަމަންގަތުން އަދާކޮށްފިނަމަ، އެކަން ވެގެންދާނީ ބާޠިލު ކަންތައްތަކެއްގެ ގޮތުގައެވެ. އަދި އެކަންތައްތަކަކީ އޭނާ ކިތަންމެ އެކަމަށް އެދޭ ކަންތައްތަކެއް ކަމުގައިވިޔަސް، އޭނާގެ ކިބައިން އެކަންތައްތައް ވަކިވުމަށްފަހު ނެތިގެންދާނެއެވެ. އެއާއި ޚިލާފަށް، މީހެއްގެ ލޯބިވުމާއި، އެދުންތަކާއި، ޢަޒުމާއި ކިޔަމަންތެރިކަމާއި އަދި ބިރުގަތުން ވަނީ ﷲ ތަޢާލާއަށް ކަމުގައިވަނީ ނަމަ، އޭނާއަށް އުފާވެރިކަމާއި، އޭނާގެ ބޭނުންތައް ފުދިގެން ދިއުމާއި، މަތިވެރިކަމާއި، އުޖާލާކަމާއި އަދި ނިމުމެއް ނުވާ އުފާވެރިކަން ލިބިގެންދެއެވެ.
އަޅާގެ ނަފްސު އަބަދުވެސް ވަނީ، ޤަދަރުގެ އުޞޫލުތަކާއި އަދި އަމުރުފުޅުތަކުގެ ޙުކުމްތަކާއި ދެމެދުގައި ބަދަލުވޭވޭ ހުންނަ ޙާލުގައެވެ. އެހެންކަމުން، މިޙުކުމްތައް އަދާކުރުމަށްޓަކައި އޭނާއަށް އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. އަދި މުޞީބާތުގެ ވަގުތުގައި ހަމަޖެހުން ލިބުމަށާއި އަދި އޯގާތެރިކަމަށް ލިބުމަށްވެސް އޭނާގެ ނަފްސު ބޭނުންވެގެންވެއެވެ. މުޞީބާތުގެ ވަގުތުގައި އޭނާއަށް އޯގާތެރިކަން ލިބުންވަނީ، އޭނާ، އޭނާގެ ވާޖިބުތައް ފުރިހަމަކުރާ ނިސްބަތަކުންނެވެ. އެހެންކަމުން، އޭނާ، އޭނާގެ ވާޖިބުތައް އެތެރެ ފުށުންނާއި ބޭރުފުށުން އަދާކޮށްފިނަމަ، އެތެރެފުށުންނާއި ބޭރުފުށުން އޭނާއަށް އޯގާތެރިކަމާއި ހަމަޖެހުން ލިބިގެންދާނެއެވެ. އެހެން ނަމަވެސް، އެތެރެފުށުން އަދާނުކޮށް ހަމައެކަނި ބެރުފުށުން އަދާކޮށްފިނަމަ، އޭނާއަށް ލިބޭނީވެސް ހަމައެކަނި ބޭރުފުށުން ލިބޭ އޯގާތެރިކަމެވެ. އަދި އެތެރެފުށުގެ އޯގާތެރިކަން ވަރަށް ބޮޑަށް އުނިވެގެންދާނެއެވެ.
އެހެންކަމުން، އެތެރެފުށުގެ އޯގާތެރިކަމަކީ ކޮބައިހެއްޔެވެ؟
(ޖަވާބުގައި އަޅުގަނޑު ބުނަމެވެ:) އެއީ މުޞީބާތުގެ ވަގުތުގައި، ހިތަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމާއިއެކު، އަދި ހަމަނުޖެހުމާއި، އޮޅުން ބޮޅުމާއި ނުތަނަވަސްކަން ފިލައިގެން ދިއުމެވެ. އެހެންކަމުން، އަޅާ އޭނާގެ ވެރި ރައްބުގެ ހަޟްރަތަށް ކިޔަމަންތެރިކަން އަދާކޮށް އޭގެ ސަބަބުން، އޭނާގެ ނަފްސު ދާއިމީ ހަމަޖެހުމާއި އުފާވެރިކަމުގެ ޙާލަތަށް ރުޖޫޢަވެއެވެ. އޭނާގެ ހިތުގެ އަޑިން ﷲ ތަޢާލާއަށް ބަލާ ޙާލު އޭނާގެ ފުރާނަ ވަނީ އަމާންކަމުގައެވެ. ﷲ ތަޢާލާގެ އޯގާތެރިކަމުގެ މިންވަރު ވަޒަންކުރެވުމުގެ ސަބަބުން، މުޞީބާތުގެ ބޮޑުކަން އޭނާ ހަނދުމަނެތެއެވެ. ﷲ ތަޢާލާގެ ޤަދަރުގައިވާ ނިންމެވުމުގެ ފުރިހަމަކަން އޭނާއަށް ވިސްނުމުގެ ސަބަބުން މުޞީބާތް އިޙްސާސް ކުރުމުން އޭނާ ދުރުކޮށްދެއެވެ. އަދި އޭނާއަކީ ﷲ ތަޢާލާގެ ޤަދަރުފުޅު އެމީހެއްގެ މައްޗަށް ތަންފީޒުކުރެވިގެންދާނެ އަޅެއް ކަން އޭނާ ދަނެއެވެ.
އެހެންކަމުން މީހަކު، މުޞީބާތްތަކާއި މެދު ނުރުހިދާނެއެވެ. ނުވަތަ އެކަންތައްތަކާއި މެދު ރުހިވެސް ދާނެއެވެ. އެހެންކަމުން، އޭނާ އެކަންތައްތަކާއި މެދު ރުހިއްޖެނަމަ، އޭނާއަށް ﷲ ގެ ރުހިވޮޑިގަތުން ލިބޭނެއެވެ. އަދި އޭނާ އެކަންތައްތަކާއިމެދު ނުރުހިއްޖެނަމަ، އޭނާއަށް ލިބޭނީ ﷲ ގެ ނުރުއްސެވުމެވެ. އެހެންކަމުން، އެތެރެފުށުގެ މިއޯގާތެރިކަމަކީ، އެތެރެފުށުގެ ޢަމަލުތަކުގެ މޭވާއެވެ. (އެއީ ﷲތަޢާލާގެ ޤަދަރާއިމެދު ރުހިގެންވުމެވެ.) އަދި މިއެތެރެފުށުގެ އޯގާތެރިކަމާއި ހަމަޖެހުން، އިތުރުވުމާއި މަދުވުން ބިނާވަނީ އެމީހަކު ﷲ ތަޢާލާގެ ޤަދަރާއި މެދު ރުހޭ މިންވަރުންނެވެ.