20
ޖެނުއަރީ
2010 ﷲގެ އަޅާ، އޭނާގެ ހަވާނަފްސުގެ އެދުންތައް، ﷲ އަށްޓަކައި،
އެއްފަރާތްކޮށްފި ނަމަ، އޭނާ، ﷲ ގެ ގަދަފަދަ ޢަޛާބުން މިންޖުވެއްޖެއެވެ. އަދި
އެއިލާހުގެ ރަޙްމަތް އޭނާގެ މައްޗަށް ޔަޤީންވެއްޖެއެވެ.
ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތްތަކަށް ނުވަތަ އެހެން އެއްޗަކާއި މެދު އަޅާލުމާއި ފަރުވާތެރިވުން ބަހައްޓާ ހިތަކަށް، ﷲ ތަޢާލާގެ މަތިވެރި ސިފަފުޅުތަކާއި، ތަޤްވާވެރިކަމުގެ ޚަޒާނާއާއި، ﷲ ގެ ރުހިވޮޑިގަތުމާއި، އުފަލާއި، އެއިލާހާއި ބައްދަލުކުރުމަށް ދަހިވެތިވުމާއި އަދި އެއިލާހާއި ގާތްވުމުގެ ސަބަބުން ލިބޭ އުފާވެރިކަންފަދަ ގޮތްތަކެއް ނުވާނެއެވެ. އެއީ އެމީހަކީ ޢިލްމުގެ އަހުލުވެރިއެއް ނުވަތަ އަޅުވެރިއެއް ކަމުގައިވިޔަސްމެއެވެ. ﷲ ތަޢާލާ، އެއިލާހުގެ މަތިވެރި ސިފަފުޅުތައް، އެއިލާހަށް ޝަރީކުކުރާ މީހުންގެ ހިތަކަށް ނުވައްދަވައެވެ. އެބައިމީހުންގެ ނިޔަތަކީ ﷲ ފިޔަވައި އެހެނިހެން ފަރާތްތަކަށް ކިޔަމަންވުމެވެ.
މިއާ ޚިލާފަށް، އެއިލާހުގެ މަތިވެރި ސިފަފުޅުތައް އެއިލާހު ވައްދަވާނެ ހިތަކީ، އެހިތަކަށް ﷲ އާއި ގާތްވެވޭ ކަމުގައިވަނީނަމަ، ފަޤީރުކަން އެއީ މުއްސަނދިކަން ކަމުގައި ދެކޭ ހިތަކަށެވެ. އަދި ﷲ އާއި ގާތްނުވެވޭ ކަމުގައިވަނީނަމަ، މުއްސަނދިކަން އެއީ ފަޤީރުކަމެއް ކަމުގައި ދެކޭ ހިތަކަށެވެ. އެހިތަކީ ޢިއްޒަތް އެއީ ނިކަމެތިކަން ކަމުގައި ދެކި، (ﷲ އާއި ގާތްވުމުގައި) ނިކަމެތިކަން އެއީ ޢިއްޒަތް ކަމުގައި ދެކޭ ހިތެކެވެ. އަދި އުފާކުރުން އެއީ އަޛާބެއްކަމުގައާއި، (ﷲ އާއި ގާތްވުމުގައި) އަޒާބުލިބުން އެއީ އުފަލެއްކަމުގައި ދެކޭ ހިތެކެވެ.
ޖުމްލަގޮތެއްގައި، އެފަދަ ހިތެއްގެ ވެރިއަކަށް ﷲ އާއި ނުލާ، މިޙަޔާތާއި، މަރުވުމުވުމާއި، ހިތާމަޔާއި، ނުތަނަވަސްކަމާއި، ކަންބޮޑުވުމުގައި އެއްވެސް މާނައެއް ނުވާނެއެވެ. ތަޤްވާވެރި އަޅާ ދެސުވަރުގެ ޙާޞިލު ކުރެއެވެ. އެއީ މިދުނިޔެމަތީ ސުވަރުގެއާއި، އާޚިރަތް ދުވަހުގެ ސުވަރުގެއެވެ.