Share

رَقَائِق (ހިތްތައް މަޑުމޮޅިކުރުން) ގެ ތެރެއިން...

ތިބާ ރުއިމަށް މަސައްކަތް ކުރާށެވެ.

ތަރުޖަމާ: އަބޫ މުޙައްމަދު (جزاه الله خير)

01 މާރޗް 2010 - އިބްނި އަލްޤައްޔިމް (رحمه الله) ވިދާޅުވިއެވެ.” ހިތްތައް މަޑު މޮޅި ކުރުމާއި، ﷲ އަށް ބިރުވެތިވުން އިތުރުކުރުމަކީ ކޮންމެހެން ބޭނުން ޖެހިފައިވާ ކަންކަމެވެ. އަދި އެކަންތައްތައް ކުރުންވަނީ މީސްތަކުންނަށް އަޑުއިއްވުމަށްޓަކައި އަދި މީސްތަކުންނަށް ދެއްކުމަށްޓަކައެއް ނޫނެވެ.“

އަމިއްލައަށް ރޯން މަސައްކަތް ކުރުމަކީ، ހަޤީޤީ ރުއިމަށްވުރެ ބޮޑަށް އަޖުރު ލިބޭނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އެއީ ރުއިމަށްޓަކައި މީހާއަށް މަގުފަހިވާ ކަމެކެވެ. ރުއިމަށް މަސައްކަތްކުރާ މީހާއަކީ އޭނާގެ ނަފްސާއި ދެކޮޅަށް އެކަމުގައި ގަދައަޅާ މަސައްކަތް ކުރާ މީހެކެވެ. އަދި އެބައިމީހުންނީ އެބައިމީހުންގެ ނަފްސު ހިސާބުކޮށް، ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި މަސައްކަތްކުރާ މީހުންނެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

”وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا .. “
”ތިމަން އިލާހުގެ މަގުގައި ގަދައަޅާ މަސައްކަތްކުރާ މީހުންނަށް، ހަމަކަށަވަރުން ތިމަންއިލާހުގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ.“
(ސޫރަތުލް އަންކަބޫތު 69)

އެހެންކަމުން ތިމާގެ ނަފްސު ރުއިމަށް މަސައްކަތްކުރާ މީހަކަށް، ﷲ ތަޢާލާ އެފަދަ މީހަކަށް އިޚްލާސްތެރިކަމާއިއެކު ރުއިމުގެ ތައުފީޤް ދެއްވާ، އޭނާއަށް އެކަމުގައި ކާމިޔާބު ދެއްވާނެއެވެ.

އަނަސް (رضي الله عنه) ގެ ފަރާތުން ރިވާވެގެންވެއެވެ. ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. ”އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ރޯށެވެ! އަދި ތިޔަބައިމީހުންނަށް ނުރޮވޭނަމަ، ރުއިމަށް މަސައްކަތް ކުރާށެވެ. ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރީން ކޯރުތަކެއް ފަދައިން އެބައިމީހުންގެ ކަރުނަތައް ކޯތާފަތްމަތިން ފޭބުމަށްދާންދެން އެބައިމީހުން ރޯނެއެވެ....“

ރަސޫލާ (صلى الله عليه وسلم) އަހަރެމެންނަށް ރުއިމަށާއި އަދި ނުރޮވިއްޖެނަމަ ރުއިމަށް މަސައްކަތްކުރުމަށް އަމުރުފުޅުކުރައްވާފައިވާ ގޮތާއިމެދު ނިކަން ވިސްނާލައްވާށެވެ.

އިބްނި އަބީ މުލައިކާގެ ފަރާތުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.’ އަހަރެމެން ޢަބްދު ﷲ ބިން ޢަމްރު (رضي الله عنه) އާއި އެކުގައި ހިލަގަނޑެއްގެ މަތީގައި އިށީނދެގެން ތިބީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.‘ ”ރޯށެވެ. އަދި ނުރޮވޭނަމަ ރުއިމަށް މަސައްކަތް ކުރާށެވެ. ތިޔަބައިމީހުންނަށް އެނގޭނެނަމަ ތިޔަބައިމީހުންގެ ބުރަކަށިތައް ބިންދައިގެން ދާންދެން ތިޔަބައިމީހުން ނަމާދު ކުރާނެއެވެ. އަދި ތިޔަބައިމީހުންގެ އަޑުތައް ނެތިގެން ދާންދެން ތިޔަބައިމީހުން ރުއީހެވެ.“


އަޞްލު: އުޚްތު އުންމު ޖުހައިމާން އިނގިރޭސިން ލިޔުއްވާފައިވާ ލިޔުމެއްގެ ތަރުޖަމާ