|
މިފަހަރުގެ ކުރިމަތިލުމުގައި އެމެރިކާއާއި
ނޭޓޯގެ ފައުޖު ބަލިވެއްޖެނަމަ، إنشاء الله އެއީ އެބައިމީހުންގެ ނިމުން
ކަމުގައި ވަރަށްވެސް ގާތެވެ.
|
13 ފެބްރުއަރީ 2010 - އަފްޣާނިސްތާނުގެ ހިލްމަންޑު އަވަށުގައި އިސްތިޢްމާރީ ބާރުތަކުން މުޖާހިދުންނާއި ދެކޮޅަށް ފަށަން އުޅޭ ޢުދުވާނާއި ދެކޮޅަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގައި ޠާލިބާނުން ވަޢުދުވެއްޖެއެވެ.
އެމެރިކާއާއި ނޭޓޯގެ ލަޝްކަރުތަކުގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ ހިލްމަންޑު އަވަށް ވަށާލައި ވަރުގަދަ ޢުދުވާނަކަށް ތައްޔާރުވެފައެވެ. އެހެންނަމަވެސް ޠާލިބާނުން ވިދާޅުވަނީ އެމީހުން އެއަވަށް ދޫކޮށްނުލާނެ ކަމަށާއި، އެމީހުން އެއަވަށް ދިފާޢު ކުރާނެ ކަމަށެވެ. އަދި ހިލްމަންޑު އަވަށަކީ ޠާލިބާނުންގެ ފުރިހަމަ ބާރުގެ ދަށުގައިވާ އަވަށެކެވެ.
ޠާލިބާނުންވަނީ މިހަނގުރާމައަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން އެންމެ ފަހުން މުޖާހިދުން އުފެއްދި މަގުމަތީ ބޮން ކަމަށްވާ ’ޢުމަރު‘ ތައް ވަނީ އަވަށް ވަށައިގެން އެކިއެކި ތަންތާގައި ވަޅުލެވިފައެވެ.
އެމެރިކާގެ ކޮމާންޑަރު ޖެނެރަލް މެކް ކްރިސްޓަލްގެ އެންމެ ބޮޑު އުންމީދަކީ މިކުރިމަތިލުމެވެ. މިފަހަރު އިސްތިޢްމާރީން ބަލިވެއްޖެނަމަ އެއީ އެމީހުންގެ ނިމުން ކަމުގައި ވުމަކީ ވަރަށްވެސް ގާތް ގޮތެކެވެ. އެހެނީ މީގެ ކުރީންވެސް އެތައް ފަހަރަކު އެމެރިކާނުންނާއި ގުޅިފައިވާ ލަޝްކަރުތަކުންވަނީ ހިލްމަންޑު އަވަށުން މުޖާހިދުންތައް ނެރެލުމަށްޓަކައި މަސައްކަތްކޮށްފައެވެ. ނަމަވެސް މިއިން ކޮންމެ ފަހަރަކުވެސް އެމީހުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ހަނގުރާމައިގެ އުކުޅެއްގެ ގޮތުން މުޖާހިދުން ކިތައްމެ ފަހަރަކު ޢަދުއްވުންނަށް އެއަވަށަށް ވަނުމުގެ ފުރުޞަތު ދީފައިވެއެވެ. ނަމަވެސް ގެރިއްލާ ހަނގުރާމައެއްގައި އެހެން ދޫކޮށްލާ ދޫކޮށްލުމަކީ އަލުން އައު ފެށުމެއް ކަމުގައި ނޫނީ ނުވެއެވެ. އެމެރިކާގެ ކޮމާންޑަރ ޖެނެރަލް މެކްކްރިސްޓަލް ޚުދު އޭނާގެ ދުލުން ބުނެފަވެއެވެ. ”ދާއިމީކޮށް އަހަރެމެންނަށް ތަނެއްގެ ކޮންޓްރޯލް ހާޞިލު ނުކުރެވޭހާ ހިނދެއްގައި އެތަން އަހަރެމެންނަށް ލިބުނީ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން!“