|
އެފް. އައި. އޭގެ ޢިމާރަތަށް އިއްޔެ ދިން ޙަމަލާގެ ސަބަބުން އުފެދިފައިވާ ފުން ވަޅުގަނޑު ކައިރީގައި ޕުލުހުންނާއި އިންސާނީ އެހީދޭ ފަރާތްތަކުން ޙަރަކާތްތެރިވަނީ
|
09 މާރޗް 2010 - ޕާކިސްތާނުގެ ލާހޫރު އަވަށުގައި އިއްޔެގެ ހެނދުނުގެ ވަގުތުގައި އެފް.އައި.އޭގެ ޢިމާރާތަށް އަމާޒުކޮށް ދެވުނު އިސްތިޝްހާދީ ޙަމަލާގައި 12 މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެއްޖެއެވެ. މިޙަމަލާ އަމާޒު ކުރެވިފައިވަނީ ޖާސޫސީ އިދާރާގެ މައި އޮފީހަކަށެވެ. އަދި އެވަގުތު އެތާ ތެރޭގައި 40 - 50 ދޭތެރޭގެ ޢަދަދަކަށް މީހުން ތިބި ކަމަށް ޚަބަރުތައް ލިބިފައިވެއެވެ.
މިޙަމަލާގެ ޒިންމާ ތެހެރީކީ ޠާލިބާން ޕާކިސްތާނުން ވަނީ ނަންގަވާފައެވެ. އަދި ޤަބީލާ ސަރަހައްދުގައި ޕާކިސްތާނު ސިފައިން ކުރިއަށް ގެންދާ ޢުދްވާނާ، އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓުތަކުން އަޅަމުންދާ ބޮންތައް ހުއްޓުމަކަށް ނާންނަހާ ހިނދަކު މިފަދަ ޙަމަލާތައް ކުރިއަށް ގެންދަވާނެ ކަމަށް ޠާލިބާނުން ވަނީ ވަޢުދުވެ ވަޑައިގަންފައެވެ. އަދި މިޙަމަލާއަކީވެސް އޭގެ ބަދަލު ހިފުމެއްގެ ގޮތުން ދެވުނު ޙަމަލާއެއްކަމަށްވެސް ޠާލިބާނުން ވިދާޅުވެފައިވެއެވެ.
މިޙަމަލާގެ ސަބަބުން އެރި ދުންތައް އެތައް މޭލު ދުރުން ފެނުނު ކަމުގައި މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. މިޙަމަލާ ދީފައިވަނީ ބޮން އަޅާ ބަރުކޮށްފައިވާ ކާރެއް ކަމުގައި ލާހޫރު ގެ ފުލުހުން ހާމަކޮށްފައިވެއެވެ.
މިޢިމާރާތަކީ ވަރަށް ޚާއްޞަ ތަޙްޤީޤުތައް ކުރުމަށްޓަކައި ބޭނުން ކުރާ ޢިމާރާތެއް ކަމަށާއި އަދި އެތަނަށް ގެނެވެނީ އެންމެ ބޮޑެތި ކުށްވެރިން ކަމުގައިވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ. ނަމަވެސް ޙަމަލާދިން ވަގުތުގައި ޢިމާރާތުގައި އެފަދަ ކުށްވެރިއެއް ނެތް ކަމަށްވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.