09 މާރޗް 2010 - އެމެރިކާގެ ނާއިބު ރައީސް ޖޯ ބައިޑަން އިސްރާއީލުގެ ވެރިރަށް ތެލެވީވަށް ކުރި ދަތުރުގައި އިސްރާއީލަކީ މެދު އިރުމަތީގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި އޮންނަން ޖެހޭނެ ޤައުމުކަމަށް ބުނެފިއެވެ. އަދި އެމެރިކާގެ ފަރާތުން އިސްރާއީލަށް ހުއްޓުމެއްނެތި ޢަސްކަރީ އެހީތައް ދެމުން ގެންދާ ހިނދެއްގައި، އީރާނުގެ ނިއުކްލިއަރ މަސައްކަތާއި މެދުގައި އިސްރާއީލުން ކުޑަކޮށްވެސް ޖެހިލުންވާން ނުޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.
އިސްރާއީލުގެ ނޫހަކަށް ދިން ބަޔާނެއްގައި ޖޯ ބައިޑަން ބުނެފައިވަނީ އިސްރާއީލުން އީރާނާއި ހަނގުރާމަ ކުރަން ޖެހިއްޖެ ހިނދެއްގައި އިސްރާއީލަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.
”އިސްރާއީލަށް ދިމާވާ ކޮންމެ ނުރައްކަލެއްގައިވެސް އެމީހުންގެ އެހީތެރިން ކަމުގައި އަހަރެމެން މަސައްކަތް ކޮށްދޭނަން. އީރާންގެ ނިއުކްލިއަރ މަސައްކަތުގެ ސަބަބުން ނުރައްކައުތެރިކަން އޮތީ ހަމައެކަނި އިސްރާއީލަކަށް ނޫން. އެކަމުގެ ނުރައްކައުތެރިކަން އެމެރިކާއަށްވެސް އެބައޮތް.“ ޖޯ ބައިޑަން ބުނެފައިވެއެވެ.
އިސްރާއީލަށް އެމެރިކާއިން ކޮންމެ އަހަރަކު ދެމުންގެންދާ ބޮޑު އެހީއާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބައިޑަން ބުނިގޮތުގައި މެދުއިރުމަތީގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި އިސްރާއީލް އަބަދުވެސް އޮތުމަކީ އެމެރިކާއިން އެންމެ އެދޭ ގޮތް ކަމުގައެވެ.
”އޮބާމާގެ މިހާރުގެ ސަރުކާރުން އިސްރާއީލަށް އަހަރަކު 3 ބިލިޔަން ޑޮލަރުގެ ޢަސްކަރީ އެހީތެރިކަން ދެއެވެ.“ ބައިޑަން ކިޔައިދިނެވެ.
1981 ވަނަ އަހަރު ޢިރާޤުގެ ނިއުކްލިއަރ ރިއެކްޓަރަށް އިސްރާއީލުން ވަނީ ޙަމަލާދީ އެތަން ފުނޑުފުނޑުކޮށްލާފައެވެ. އަދި ހަމައެފަދައިން ސީރިޔާއަށް ވެސް މިފަދަ ޙަމަލާތައް އިސްރާއީލުން ވަނީ ދީފައެވެ.