|
ފަލަޞްޠީނުގެ މުސްލިމުންތައް ކޮންމެ ދުވަހެއްވެސް ގުނަމުންދަނީ މިފަދަ ކޮންމެވެސް އަނިޔާވެރިކަމެއްގެ ދަށުގައެވެ.
|
06 މާރޗް 2010 - އިސްރާއީލުގެ ޔަހޫދީ ސިފައިންތައް އަނެއްކާވެސް މުސްލިމުންގެ މުޤައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާގެ ސަރަޙައްދުގައި މުސްލިމުން ކުރަމުން ދިޔަ މުޒާހަރާއެއްގެ ތެރެއަށް ވަދެގަނެފިއެވެ. މިމުޒާހަރާ ކުރިއަށް ދިޔައީ އިއްޔެގެ ހުކުރު ނަމާދަށް ފަހުއެވެ. މިފަހަރު ޔަހޫދީ ސިފައިން މުސްލިމުންގެ މުޒާހަރާ ރޫޅާލަން ވަދެގަތީ، ޔަހޫދީ ފުލުހުންތަކަކާއި، ޔަހޫދީ އަޅުވެރިންތަކަކާއި ދިމާލަށް ގައު އުކި ބަޔަކު އެސަރަޙައްދުގެ ތެރޭގައި ތިބި ކަމަށް ބުނެއެވެ.
ޔަހޫދީ ސިފައިންތައް، މުޒާހަރާ ކުރަމުންދިޔަ މުސްލިމުންގެ ގަޔަށް އަމާޒުކޮށް ކަރުނަ ގޭހާއި، ރަބަރު އުންޑައާއި، ޝޮކް ޖެހޭ ކަހަލަ ބޮންވެސް ބޭނުން ކޮށްފައިވެއެވެ.
މިހަމަނުޖެހުމުގައި 30 މީހުންނަށް އެކިކަހަލަ ޒަޚަމްތައް ލިބިފައިވާ ކަމަށް ރޮއިޓާސް އިން ހާމަކޮށްފައިވެއެވެ. ސިއްޙީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުން ފަލަޞްޠީނުގެ ރައްޔިތުންގެ ތެރެއިން ޒަޚަމްތައް ލިބުނު ގިނަ މީހުން ޒަޚަމްވެފައިވަނީ ޔަހޫދީ ސިފައިންގެ ފަރާތުން މުސްލިމުންނަށް އަމާޒުކޮށް ބޭނުންކުރި ރަބަރު އުންޑައިގެ ސަބަބުން ކަމަށެވެ.
ނަމަވެސް އިސްރާއީލުގެ ދޮގުވެރި ޔަހޫދީ ސަރުކާރުން ބުނެފައިވަނީ މިހަމަނުޖެހުމުގައި އެއްވެސް ހަތިޔާރެއް (ރަބަރު އުންޑަ އަދި ހަޤީޤީ ވަޒަން ވިޔަސް) ބޭނުން ނުކުރާ ކަމަށެވެ. އަދި އެމީހުން ބޭނުން ކުރިހާވެސް އެއްޗަކީ އެކަމަށް ބޭނުންވާ ޢަދަދަށް ސިފައިން ކަމަށެވެ.
ޔަހޫދީ ސިފައިން މިދިޔަ ހަފްތާގައިވެސް ހަމަ މިފަދަ ގޮތަކަށް މަސްޖިދުލް އަޤްޞާގެ ސަރަހައްދަށް ވަނީ ވަދެގަނެފައެވެ. އަދި ކޮންމެ ފަހަރަކުވެސް އެމީހުން އެކަމަށް ކޮންމެވެސް ޢުޒުރެއް ދައްކައެވެ.