28
ފެބްރުއަރީ 2010 -
”ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާއި ހަމަޔަށް ފުރާނަ އައިސް ނޭވާ
ހޮޅިއަށް އެޅިއްޖެ ހިނދެވެ. އަދި އެހިނދު ތިޔަބައިމީހުން ބަލަބަލާ
ތިބެއެވެ. އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާއި (އެބަހީ މަރުވާ
މީހާއާއި) ގާތްކަން ބޮޑީ، ތިމަން އިލާހެވެ. އެހެނެއްކަމަކު
ތިޔަބައިމީހުނަކަށް ނުފެނެއެވެ.“ (ވާޤިއާ 83-85)
އިންސާނަކު މަރުވާ ހިނދުގައި އޭނާގެ ފުރާނަ ގެންދިޔުމަށް މަރުގެ މަލާއިކަތާ އާދެއެވެ. އެއީ އޭނާ ކޮންމެ ތަނެއްގައި ވީކަމުގައި ވިޔަސް މެއެވެ. މަރުވަމުންދާ މީހާއަށް އެމަލާއިކަތާ ފެނެއެވެ. އަޑު އިވެއެވެ. އަދި ވަހަކަ ދައްކައެވެ. އެކަމަކު އެނާގެ ލޮލަކުން ނޫނެވެ. ކަންފަތަކުން ވެސް ނޫނެވެ. އަދި ދުލަކުން ވެސް ނުމެ ނޫންމެއެވެ. ދެން ކޮން ގޮތަކަށް ބާއެވެ؟ އަހަރެންނަކަށް ނޭނގެއެވެ. އެނގެން އޮތް ކަމަކީ އޭނާ މިދުނިޔެ ދޫކޮށް އާޚިރަތުގެ ޙަޔާތަށް ދަތުރު ކުރަމުންދާއިރު އެކަން އެހިނގާ ފަދައަކުން، އޭނާއަށް ފެނެއެވެ. އަޑުއިވެއެވެ. އަދި ވާހަކަ ދައްކައެވެ. ދުނިޔޭގައި ދިރިހުރި އެއްވެސް އިންސާނަކަށް ތަޞައްވުރު ނުކުރެވޭނެ ފަދައަކުންނެވެ. މިކަމާއި ގުޅޭގޮތުން ތަފާތު ހަދީޘްތައް އައިސްފައި ވެއެވެ.
އިބްނު އަބީ ދުންޔާ ވިދާޅުވިއެވެ. ޢުމަރު ބިން ޢަބްދުލް ޢަޒީޒް ނިޔާވި ދުވަހު އޭނާޔާއެކުގައިވީ މީހުނަށް، ވިދާޅުވިއެވެ. ’ އަހަރެން ގާތުގައި އިށީންނާށެވެ.‘ އެމީހުން އެކަލޭގެފާނު އަރިހުގައި އިށީނުމުން ވިދާޅުވިއެވެ. ’ތިމަންކަލޭގެފާނަކީ އިބައިލާހު އަހަންނަށް އަމުރު ކުރެއްވި މީހާއެވެ. ނަމަވެސް ތިމަންކަލޭގެފާނު (އެކަމުގައި) ނާކަމިޔާބުވިއެވެ. އިބައިލާހު ތިމަންކަލޭގެފާނަށް ނަހީ ކުރެއްވިއެވެ. އަދި ތިމަންކަލޭގެފާނު ނުކިޔަމަންތެރި ވީމެވެ.‘ މިފަދައިން ތިންފަހަރު ވިދާޅު ވިއެވެ. އެއަށް ފަހުގައި ވިދާޅުވިއެވެ. ’ﷲ ފިޔަވާ ހައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވެއެވެ.‘ އެއަށް ފަހު އެކަލޭގެފާނު ބޯފުޅު އުފުއްލަވާލައްވާ، ވަރަށް ފުންނަޒަރަކުން ބައްލަވަން ފެއްޓެވިއެވެ. ’އަމީރުލް މުއުމިނީން އެވެ! ކަލޭގެފާނު ތިޔަބައްލަވަނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ.‘ އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ’ތިމަންކަލޭގެފާނަށް އެއްޗެއް އެބަ ފެނިލައްވައެވެ. އެއީ އިންސާނެއް އަދި ޖިންނިއެއްވެސް ނޫނެވެ.‘ މިހެން ވިދާޅުވުމަށްފަހު ނިޔާވީއެވެ.
ފަދަލާ ބިން ދީނާރް ވިދާޅުވިއެވެ. ’ތިމަން، މުޙައްމަދު ބިން ވާސީ އޭނާގެ މަރާއި ވަރަށް ގާތްވެފައިވަނިކޮށް އޭނާއާއި އެކުގައި ވީމެވެ. އޭނާ ބުނަން ފެށިއެވެ. ”ތިމަންކަލޭގެފާނުގެ ވެރި އިލާހުގެ މަލާއިކަތުންގެ އަރިހަށް މަރުޙަބާއެވެ. ﷲ ގެ ހަޟްރަތުންފިޔަވާ އެއްވެސް އާރެއް އަދި ބާރެއް ނުވެއެވެ.“ އަހަރެންނަށް އެވަގުތު، އަހަރެންގެ ޙަޔާތުގައި ދުވި އެންމެ މީރުވަސް ދުވިއެވެ. އެއަށްފަހު އޭނާގެ ލޯ މެރި އޭނާ މަރުވިއެވެ.‘
އެންމެ ކުރީގެ މުސްލިމުންގެ ޙަޔާތުގެ ދުވަސްވަރަށް ބަލާލަން މިޖެހުނީ ކީއްވެހެއްޔެވެ.؟ މީހަކު މަރުވި ތަނުގައި ޚުދު އަހަރެންވެސް ހާޟިރުވެ ހުރީމެވެ. އަރެންގެ މާމަ ނިޔާވި އިރުގައި މާމަޔާ އެކުގައި އަހަރެން ވީމެވެ. އެއީ އިރުއަރަމުން ދިޔަ ވަގުތެވެ. މާމަގެ ގައިގައި ވޭންއަޅަމުން ދިޔައެވެ. އަދި ފުންކޮށް ނޭވާލަމުން ދިޔައެވެ. އަޅަމުން ދިޔަ ވޭނުގެ ސަބަބުން ކުކުރަމުން ދިޔައެވެ. ނަމަވެސް މިކަންތައްގަނޑުގެ ތެރޭގައިވެސް މާމަ އުފާވެރިކަމާއެކު މިފަދައިން ކިޔަމުން ދިޔައެވެ. ’ﷲ ...... ، މަރުގައި ފޮނިކަމެއް ވެއެވެ.‘ އަދި ތަކުރާރުކޮށް ޝަހާދަތުގެ ދެކަލިމަ ކިޔަމުން ދިޔައެވެ. ކުޑަ ހިނދުކޮޅަކަށް ފަހު މާމަގެ ފުރާނަ މާމަޔާ ވަކިވިއެވެ. އަހަރުމެން ދިރިހުރި މީހުން އެގެން ބޭނުންވަނީ މިހިސާބުން ދެން ވާނެ ގޮތެކެވެ.
ފުރާނަ ހަށިގަނޑާއި ވަކިވުމަށް ފަހު، އެފުރާނައަކީ ޠާހިރު ފުރާނައެއްނަމަ އަދި (ކުރިން މަރުވެފައިވާ) އޭނާގެ އަހުލުވެރިން (ޖަންނަތުގެ އަހުލުވެރިން) ކަމުގައި ވާނަމަ، އެމީހުން އެފުރާނަޔާ ބައްދަލު ކުރުމަށް ކެއްތެރިކަން ކުޑަވެފައިވާފަދަ ގޮތަކަށް އުފަލުން އާދެއެވެ. އަދި އެމީހުން އެފުރާނަ ގާތުގައި މިހާރު ދުނިޔޭގައި ދިރި ތިބި މީހުންގެ ޙާލަތާއި ބެހޭ ގޮތުން ސުވާލުކޮށް ހަދައެވެ.
އެއަށްފަހު މަލާއިކަތުން އެފުރާނަ ﷲ ތަޢާލާގެ ހަޟްރަތަށް ގެއްދެވުމަށް ދާންދެން އެއްއުޑުން އަނެއް އުޑަށް އުފުއްލަވައެވެ. އެއަށް ފަހުގައި އެނބުރި ގޮސް އެފުރާނަވީ ހަށިގަނޑު ހިނަވާ އޭތީގެ ޖަނާޒާ ބޭއްވޭތަން ބަލަން ހުރެއެވެ. އެފުރާނަ ގޮވަމުންދެއެވެ. ’ތިމަންނަ އަވަހަށް ގެންދާށެވެ. ތިމަންނަ އަވަހަށް ގެންދާށެވެ.‘ ނުވަތަ ’ތިމަންނަ ތިޔަ ގެންދަނީ ކޮންތާކަށްހޭ‘ އެތަނުގައިވާ އެއްވެސް މީހަކަށް އެއަޑެއް ނީވޭނެއެވެ.
އޭތީގެ ހަށިގަނޑު ވަޅުލެވުމުން، ހަށިގަނޑުގެ ތެރެއަށް އަލުން ވަދެއެވެ. އެއީ ކައްވަޅުގައި ވެވޭ ސުވާލު ވެވުމަށްޓަކައެވެ. އޭނާއަށް އޭނާގެ ޖަނާޒައިގައި ބައިވެރިވި މީހުން އޭނާ ދޫކޮށް އެނބުރިދާ ފިޔަވަޅުތައް އަޑު އިވޭނެއެވެ. އަދި ބިންގަނޑު އޭނާގެ މައްޗަށް ބެދި އެއްވަރުވެގެން ދެއެވެ. ނަމަވެސް އޭނާ ގާތަށް ސުވާލުގެ މަލާއިކަތުން އައުމުން އެބިންގަނޑަށް މަނާ ނުކުރެވޭ ހުށިކަމެވެ. އޭނާގެ ހަށިގަނޑު ބޮޑުގަލެއްގެ ތެރެއަށް ލެވި ހުޅުވުމުގެ މަތީގައި ދަގަނޑުއަޅާ ބެއްދިކަމުގައިވިޔަސް އެމަލާއިކަތުން އޭނާ ގާތަށް އައުމުން މަނާ ނުވާ ހުށިކަމެވެ. ބިމުގައިވާ އެއްވެ ބާރުވެގެންވީ މިމާއްދާތަކުގެ ތެރެއިން ފުރާނައެއް ދަތުރުކުރުން މަނާ ނުކުރެވޭ ހުށިކަމެވެ. އަދި ޖިންނިއެއްވެސް މެއެވެ. ﷲ ތަޢާލާ ބިންގަޑުގައިވާ، މަލާއިކަތުން މިފަދައިން ލެއްވިއެވެ. އެއީ ދޫނިތަކަށް ވައިގެ ތެރޭގައި އުޅުމުގެ ބާރު ދެއްވި ފަދައިންނެވެ.
ބިންގަނޑު ފުރާނައަށްޓަކައި ފުޅާވެ ދެމިގެންދެއެވެ. ހަމައެހެންމެ ފުރާނައިގެ ސަބަބުން ބޮޑުވެގެންދާ ހަށިގަނޑަށްޓަކައިވެސް މެއެވެ. ހަށިގަނޑު ލެވިފައިވަނީ އެންމެ ހަނި ވަޅުގަނޑަކަށެވެ. ނަމަވެސް ބިންގަނޑު ހަށިގަނޑަށްޓަކައި ލޮލުގެ ކޮޅާހަމަޔަށް ފުޅާވެ ދެމިގެންދެއެވެ.
އަޞްލު: ޝައިޚް އިބްނި އަލްޤައްޔިމްގެ ’ ކިތާބުއްރޫޙް‘ މިފޮތުގެ ޚުލާސާ އިނގިރޭސި ތަރުޖަމާއިން ނެގިފައި