24
ޖެނުއަރީ 2010 -
މީހެއްގެ ސިކުނޑި ސާފުވެއްޖެނަމަ އޭނާއަށް ސާފުކަމާއިއެކު ފެންނާނެއެވެ.
އެހެން ކަމުން، އެފަދަ މީހެއްގެ ހިތަށް އަލިކަން ވެއްދެވުމުގެ ސަބަބުން
އޭނާއަށް، ﷲ ތަޢާލާގެ ހަޟްރަތުންވާ އިންޒާރާއި ވަޢުދުކުރެވިގެންވާ
ކަންތައްތައް ރަނގަޅަށް އެގިގެންދާނެއެވެ. ޖަންނަތާއި ޖަހަންނަމައެވެ.
އަދި، އެއިލާހުގެ އައުލިޔާއިންނަށް (ތެދުވެރި ރަޙްމަތްތެރިންނަށް)،
މިޖަންނަތުގައި ތައްޔާރުކުރައްވާފައި ކަންތައްތަކާއި އަދި އެއިލާހުގެ
ދުޝްމަނުންނަށް، ޖަހަންނައިމައިގައި ތައްޔާރުކޮށްފައިވާ ކަންތައްތަކެވެ.
އަދި އެއަށްފަހު، ޤިޔާމަތްދުވަހުގެ ގޮވާލުމުގެ އަޑާއި ވިދިގެން،
ކައްވަޅުތަކުގައި ތިބި މީހުން ކައްވަޅުން ނިކުމެގެން އަވަހަށް ދާތަން
ފެނިގެންދާނެއެވެ.
އުޑުތަކުގެ މަލާއިކަތުން ފައިބާވަޑައިގެން، ޚަލްޤުތަކުންގެ ވަށައިލާނެއެވެ. އެއަށްފަހު، ﷲ ތަޢާލާ ޚަލްޤުތަކުންގެ މެދުގައި އިންސާފު ކުރެއްވުމަށްޓަކައި ފައްޓަވާނެއެވެ. އަދި އެކަލާނގެ، ކުރުސީ އުފުއްލެވިގެންވާނެއެވެ. ﷲ ތަޢާލާގެ ނޫރުފުޅުގެ ސަބަބުން (އަޅުތަކުންގެ މެދުގައި ހިސާބުބެއްލެވުމަށް ފައްޓަވާ ހިނދުގައި) ބިން އުޖާލާވެ އަލިވެގެންވާނެއެވެ، އަދި ޢަމަލްތަކުގެ ފޮތްތައް ހުޅުވޭނެއެވެ. އަދި ނަބިއްޔުންނާއި ހެކިދޭ މީހުން ހާޟިރުކުރެވޭނެއެވެ. ދެން އެއަށްފަހުގައި، މީޒާން ބެހެއްޓޭ ހުއްޓެވެ. ވަކިވަކި މީހުންގެ ޢަމަލުގެ ފޮތްތައް ވަށާ އުދުހެންފަށާނެއެވެ. އަދި ޢަދުއްވުންތައް އެއްވާނެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޢަދުއްވަކާއި އެކުގައެވެ. އަލްޙޫދު (ޖަންނަތުގެ އެތެރޭގެ ކޯރަކާއި ގުޅިގެން އައިސް، ޖަންނަތުގެ ބޭރު ދޮރުމަތީގައި އުފެދިފައިވާ ފެންގަނޑެއް) ހުށަހެޅޭނެއެވެ. އަދި އެތަނުގެ ޖޯޑުތައް މީސްތަކުންނާއި ކައިރިއަށް ހުށަހެޅޭނެއެވެ.
ކަރުހިއްކައިގަތުން އިންތިހާއަށް އިތުރުވެގެންވާނެއެވެ. ނަމަވެސް އެފެންގަނޑުން ފެންބޮވޭ މީހުންނީ މަދުމީސްކޮޅެކެވެ. އަލްޖިރްސު (ޖަހަންނަމައިގެ މަތީގައި އެޅިފައިވާ ފާލަމެއް، ޖަންނަތަށް ދިއުމަށްޓަކައި ކޮންމެ މީހަކުވެސް ހުރަސްކުރާ ފާލަން) ޖަހަންނަމައިގެ މަތީގައި ބޭއްވޭނެއެވެ. އެއީ، އިންސީންނާއި ޖިންނީން އެފާލަން މަތިން ހުރަސް ކުރުމަށެވެ. ކާފިރުވި މީހުން، އެބައެއްގެ ހެޔޮ ޢަމަލްތަކަށް ވުރެ ނުބައި ޢަމަލްތައް ގިނަ މީހުން، ޖަހަންނަމައަށް ވެއްޓޭނެއެވެ. އެތަނުގައި ކާފިރުވީ މީހުން އަބަދަށް ދެމިގެންވާނެއެވެ. ދެން، މީސްތަކުން އެދިމާލަށް ގެންދެވޭނެއެވެ.
ނަރަކަ ހުށަހެޅޭނެއެވެ. އެނަރަކައިގެ އެކިބައިތައް ހަރުކަށިކަމާއިއެކު އޭގެ އެހެނިހެން ބައިތަކުގެ ތެރެއަށް ވަދެގެން ދާނެއެވެ. އެތަނުގެ ތެރެއަށް ވެއްޓޭ މީހުންގެ ޢަދަދަކީ އެތަނުން ސަލާމަތްވާ މީހުންގެ ޢަދަދަށްވުރެ މާބޮޑު ޢަދަދެކެވެ. ދެން އެއަށްފަހު، (މިފަދަ ކަންތައްތަކާއިމެދު ވިސްނާ މީހުން) ގެ ހިތުގެ ތެރޭގައި ލޮލެއް ހުޅުވޭނެއެވެ. އެހިތުގެ ސަބަބުން އޭނާއަށް ސާފުކަމާއިއެކު ފެންނާނެއެވެ. އެއަށްފަހު އޭނާގެ ހިތަށް އުޚުރަވީ ޙަޔާތުގެ މަންޒަރުތައް ފެންނާނެއެވެ. އަބަދުގެ އަބަދަށް ދެމިގެންވާ ޙަޔާތުގެ އެކިއެކި މަރުޙަލާތައް ތަޞައްވަރު ކުރާ ޙާލުގައެވެ. ދުނިޔަވީ ޙަޔާތުގެ ކުޑަ ކަމާއި އެޙަޔާތުގެ ކުރުކަމާއި އަޅާ ކިޔާ ހިނދުގައެވެ.
އަޞްލު: www.Missionislam.com