23
ޖެނުއަރީ 2010 - ދެސަބަބަކާއި ލައިގެން މެނުވީ އެއްވެސް އިންސާނަކަށް
ހުއްދަ ނޫން ކަންތައްތަކުގެ ތެރެއަށް ވަދެ ނުގަނެވޭނެއެވެ. ފުރަތަމަ ކަމަކީ
ﷲ އަށް ތަވައްކަލު ކުރުން ނެތިގެން ދިއުމެވެ. އަދި އެއީ، މީހަކު ﷲ އަށް
ކިޔަމަން ގަނެއްޖެނަމަ ﷲތަޢާލާ އެމީހަކަށް ހުއްދަވެވިގެންވާ ކަންތައްތައް
ދެއްވި ކަމުގައި ވިޔަސް މެއެވެ. ދެވަނަ ސަބަބަކީ، ﷲ ތަޢާލާ އަށްޓަކައި
މީހަކު ކަމެއް ދޫކުރުމުން އޭނާއަށް އޭގެބަދަލުގައި އޭނާ ދޫކުރި
އެއްޗަށްވުރެ ރަނގަޅު އެއްޗެއް ލިބޭނޭ ކަމުގައި ވިޔަސް، އޭނާގެ ހަވާ ނަފްސު
އޭނާގެ ކެތްތެރިކަމުގެ މައްޗަށް ގަދަވެގަނެ އޭނާގެ ސިކުނޑީގެ މައްޗަށް
ގަދަވެގަތުމެވެ. ފުރަތަމަ ކަމުގައި ވަނީ ޢިލްމުގެ އުނިކަމެވެ. އަދި ދެވަނަ
ކަމުގައި ވަނީ ފެނުމުގެ އުނިކަމެވެ.
ޔަޙްޔާ ބިން މުޢާޛް ވިދާޅުވިއެވެ. ”ދުޢާ ކުރުމުން ﷲ ތަޢާލާ އެމީހެއްގެ ހިތް ހުޅުއްވައިދެއްވި މީހަކަށް، ހަމަޔަޤީނުންވެސް ﷲ ތަޢާލާ އިޖާބަދެއްވާނެއެވެ.“ އަޅުގަނޑު އިތުރަށް ބުނީމެވެ. ”އެކަމަކު އެމީހެއްގެ ހިތް ﷲ ތަޢާލާ ހުޅުއްވާ ދެއްވާ އަދި އެހިތުގައި ﷲ ތަޢާލާއަށް ބޭނުންވާކަމުގެ އިޙްސާސްކުރެވި، އަދި އޭނާގެ އުންމީދު ވަރުގަދަ ވެއްޖެނަމަ، ދެން ﷲ ތަޢާލާ އެމީހަކަށް އިޖާބަދެއްވާނެއެވެ.“
އަޞްލު: ’އަލް-ފަވާއިދުން‘ ނެގި ދިވެހި ބަހަށް ތަރުޖަމާކުރެވިފައި