20
ފެބްރުއަރީ 2010 -
ރަސޫލާ (صلى الله عليه وسلم)، މުއާޛް ބިން ޖަބަލް (رضي الله عنه) އާއި
ބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. ”ހަމަކަށަވަރުން، އިލްމުގެ އަހުލުވެރިން،
މަތިވެރި ވަންތަ ﷲތަޢާލާގެ ހަޟްރަތަށް ރުޖޫޢަ ކުރެވޭ އިރު، މުއާޛް ވާހުށީ
އެމީހުންނަށްވުރެ އެއް ފިޔަވަޅު ކުރީގައެވެ.“ (އައް-ތަބާރަނީ)
އިބްން މަސްޢޫދު(رضي الله عنه) ވިދާޅުވިއެވެ. ”މުއާޛް (رضي الله عنه) އަކީ މުއުމިނުންނަށްވާ ފުރިހަމަ މިޘާލެކެވެ. އެކަލޭގެފާނުވީ އެކަލާގެފާނުގެ ވެރި އިލާހަށް ކިޔަމަންތެރިވެގެންނެވެ. އަދި އެކަލޭގެފާނަކީ، އިޚްލާސްތެރި އަދި ތަޤްވާވެރި މުއުމިނެކެވެ.“
އެއްފަހަރެއްގައި މުއާޛް ބިން ޖަބަލް (رضي الله عنه) އެކަލޭގެފާނުގެ ދަރިފުޅުގެ ގާތުގައި ވިދާޅުވިއެވެ. ”އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ! ނަމާދަށް ތެދުވާއިރުގައި، ވަކިވެގެންދާ މީހަކު އަލްވަދާޢު ކިޔާ ފަދައިން ނަމާދު ކުރާށެވެ. އަދި އިތުރު އެހެން ނަމާދެއް ކުރެވޭނެ ކަމުގެ އުންމީދު ނުކުރާށެވެ. އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ! ދަންނާށެވެ! މުއުމިނަކު މަރުވަނީ ދެ ޢަމަލަކަށް ވާދަކުރާ ހާލުގައެވެ. އެއް ޢަމަލަކީ މިހިނގަމުންދާ ވަގުތަށްޓަކައި އަދާކުރާ ޢަމަލެވެ. އޭގެ އަޖުރު އޭނާ ވަގުތުން ރައްކައު ކުރާނެއެވެ. ދެވަނަ ޢަމަލަކީ، ޤިޔާމަތް ދުވަހަށްޓަކައި އަދާކުރާ ޢަމަލެވެ. އެކަންތަކުގެ އާޚިރީ ފައިދާތައް އޭނާ ލިބިގަންނާނީ އެވަގުތުއެވެ.“
މުއާޛް ބިން ޖަބަލް (رضي الله عنه) ވިދާޅުވިއެވެ. ”ތިބާ ޢިލްމު ލިބިގަންނަން އެދޭ މިންވަރަކަށް އިލްމު ލިބިގަންނާށެވެ. އަދި ތިބާ ދަސްކުރި އެއްޗަކަށް ޢަމަލު ނުކުރާހާ ހިނދަކު ﷲތަޢާލާ އެކަމަކަށް އަޖުރެއް ނުދެއްވާނެއެވެ.“
އަޙްމަދު އިބްން ޙަންބަލް (رضي الله عنه) ވިދާޅުވިއެވެ. މީހަކު މުއާޛް ބިން ޖަބަލް (رضي الله عنه) ގެ އަރިހުގައި ދެންނެވިއެވެ. ”އަހަންނަށް އެއްޗެއް އުގަންނައިދޭށެވެ.“ މުއާޛް ޖަވާބުދެއްވެވިއެވެ. ”އަހަންނަށް ކިޔަމަންވާނަން ހެއްޔެވެ؟ “ އެމީހާ ވަރަށް މަޑުމައިތިރިކަމާއިއެކު ޖަވާބު ދިނެވެ. ”ކަލޭގެފާނަށް ކިޔަމަންވުމަށް އަޅުގަނޑު ދަހިވެތިވަމެވެ.“ ދެން މުއާޛް (رضي الله عنه) އިރުޝާދު ދެއްވެވިއެވެ. ”ޤަވާއިދުން ނަމާދުކޮށް ރޯދަ ހިފާށެވެ. ދިރިއުޅުމުގެ ކަންތައްތައް ކުރުމަށް ހަލާލްގޮތުގައި އާމްދަނީ ހޯދާށެވެ. އަދި އެކަމުގައި ނުބައިކޮށް ޢަމަލު ނުކުރާށެވެ. އިސްލާމް ދީނުގައި ވާ ޙާލު މެނުވީ މަރު ނުވުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ. ﷲތަޢާލާގެ ޢަދުލުގެ ކުރިމަތީގައި، ތިބާ މީހަކާއިމެދު ބޭއިންސާފުން ކަންތައްކޮށްފައިވާ މީހެއްގެ ޝަކުވާއާއި ގުޅޭ ގޮތުން ޒިންމާދާރު ވުމާއިމެދު ރައްކާތެރިވާށެވެ.“
އަލް-އަސްވަދު ބިން ހިލާލް ވިދާޅުވިއެވެ. ”މުއާޛް ބިން ޖަބަލް (رضي الله عنه) އާއިއެކުގައި އަހަރެމެން ހިނގާފައި ދިޔައީމެވެ. އެވަގުތުގައި އެކަލޭގެފާނުގެ އަހަރެމެންނާއި ދިމާލަށް ކުއްލިއަކަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ.“ ”މިތަނުގައި 1 ގަޑިއިރު މަޑުކޮށްގެން ތިބެ، އަހަރެމެންގެ އީމާންކަން އަލުން ޔަޤީން ކުރަން ހިނގާށެވެ.“
އަޞްލު: www.islaam.com