Share

ފައިދާ ކުރަނިވި ޢިލްމުގެ ޢަލާމާތްތައް

ތަރުޖަމާ: އަބޫ މުޙައްމަދު (جزاه الله خير)

20 ފެބްރުއަރީ 2010 - ކޮންމެ ކަމެއްގައިވެސް، އެކަމެއްގެ ޢަލާމާތްތަކާއި، ނިޝާންތަކެއްވެއެވެ. ފައިދާ ކުރަނިވި ޢިލްމެއްގައި އެކުލެވިގެންވާ ޢަލާމާތްތަކަކީ ރިވެތިވެގެންވާ އަޚްލާޤާއި ތަޢުރީފު ޙައްޤުވަނިވި ރިވެތި ސިފަތަކެކެވެ. މިކަމާއި ގުޅޭ ގޮތުން ބުނެވެއެވެ. ”އެމީހެއްގެ ޢިލްމުގެ ސަބަބުން އޭނާއަށް ނުރޮވޭމީހާއީ ފައިދާ ނުކުރާ ޢިލްމެއް ލިބިފައިވާ މީހެއް ކަމުގައި ބެލިދާނެއެވެ.“ އެހެނީ ﷲ ތަޢާލާ ޢިލްމުގެ އަހުލުވެރީން ސިފަކޮށްދެއްވީ މިފަދައިންނެވެ. ”قُلْ آمِنُوا بِهِ أَوْ لا تُؤْمِنُوا إِنَّ الَّذِينَ أُوتُوا الْعِلْمَ مِنْ قَبْلِهِ إِذَا يُتْلَى عَلَيْهِمْ يَخِرُّونَ لِلأذْقَانِ سُجَّدًا (*) وَيَقُولُونَ سُبْحَانَ رَبِّنَا إِنْ كَانَ وَعْدُ رَبِّنَا لَمَفْعُولا (*) وَيَخِرُّونَ لِلأذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا “ ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އެ ޤުރުއާނަށް އީމާންވާށެވެ! ނުވަތަ އީމާން ނުވާށެވެ! ހަމަކަށަވަރުން، އޭގެ ކުރިން ޢިލްމު ލިބިގެންވާ މީހުންނަށް އެ ޤުރުއާން ކިޔަވައިދެއްވާ ހިނދު، އެބައިމީހުން ސަޖިދަ ކުރާ ޙާލު، މޫނުވަތަށް ތިރިވެއެވެ. އަދި އެބައިމީހުން ބުނެއެވެ. އަޅަމެންގެ ވެރި އިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންގެ ވެރިއިލާހުގެ ވަޢުދުފުޅާ އެއްގޮތަށް ކަންތައް ވާހުށިކަން ކަށަވަރެވެ. އަދި އެބައިމީހުން ރޮމުން މޫނުވަތަށް ސަޖިދައަށް ތިރިވެއެވެ. އަދި އެ ޤުރުއާން، އެބައިމީހުންނަށް މަޑުމޮޅިކަން އިތުރުކޮށްދެއެވެ.“ (ސޫރަތުލް އިސްރާ: 107 – 109)

އެހެންކަމުން ޢިލްމު ލިބިގެންވާ މީހާ ވެގެންދާނީ، ތަވާޟުޢުވެރި، ހިތްމަޑު، ނަފްސު ހިސާބު ކުރުމުގައާއި، ރުއިމުގައާއި، ﷲ އަށް ތެދުވެރިވުމުގައެވެ.


ހަމަކަށަވަރުން ރުއިމަކީ މީހާގެ ޢިލްމުގެ ތެދުވެރިކަން ދޭހަކޮށްދޭ އެންމެ ސާފު އަދި އެންމެ ބޮޑު ޢަލާމާތެވެ. ޢިލްމު އުނގެނުމަށްފަހު، މީހާއަށް ތަވާޟުޢުވެރިކަމާއި، ކެއްތެރިކަމާއި، ރުއިމާއި، މީހުންނާ އެކުގައި ރަނގަޅު ގުޅުމެއް ޤާއިމް ކުރަން ނޭނގޭނަމަ، ދެން ފަހެ އެޢިލްމެއްގެ ފައިދާ އަކީ ކޮބައިހެއްޔެވެ؟

ހުރިހާ ޢިލްމެއްގެ ވެރިފަރާތަށް އޭނާ އޭނާގެ ޢިލްމާއި ބެހޭ ގޮތުން އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެއިލާހުގެ މަތިވެރިކަމާއި، އެއިލާހުގެ މަތިވެރި ސިފަފުޅުތަކުން އޭނާގެ ހިތް ނިކަމެތިވެ، އޭނާގެ ލޮލުން ކަރުނަ އައުމަށް މެދުވެރިނުވޭހެއްޔެވެ؟ ﷲ ގެ ފޮތުންނާއި ރަސޫލާ (صلى الله عليه وسلم) ޙަދީޘްތަކުން، ނަރަކައިގެ ބިރުވެރިކަމުންނާއި، ކައްވަޅުގެ ޢަޒާބުގެ ބިރުވެރިކަމުންނާއި، ޤިޔާމަތް ދުވަހުގެ ހިސާބު ބެއްލެވުމުގެ ބިރުވެރިކަމުގެ ސަބަބުން ބޮޑެތި ފަރުބަދަތައް (ﷲގެ ޢަޒާބަށް) ނިކަމެތިވެގެންދިޔަކަން އޭނާ ނުކިޔާހެއްޔެވެ؟

އެހެންކަމުން މިކަމުގައި ތިބާގެ މަޤާމާއި މެދު އަޅާ ކިޔާލާށެވެ. ﷲ އަހަރެމެންނަށް ރަޙްމަތް ލައްވާށިއެވެ. މަތިވެރިވެގެންވާ މިބުނުމުގެ މަތީން ހަނދާން ނައްތާ ނުލައްޗެވެ. ”އެމީހެއްގެ ޢިލްމުގެ ސަބަބުން އޭނާއަށް ނުރޮވޭމީހާއީ ފައިދާ ނުކުރާ ޢިލްމެއް ލިބިފައިވާ މީހެއް ކަމުގައި ބެލިދާނެއެވެ.“

 

އަޞްލު: www.Sunnahonline.com