19
ފެބްރުއަރީ 2010 -
މިވަގުތުގައި ތިބާގެ ޙަޔާތް ވަނީ މާޟީއާއި މުސްތަޤްބަލާއި ދެމެދުގައެވެ.
ދެރަވުމާއި، ﷲ ގެ ހަޟްރަތުން ފާފަ ފުއްސެވުމަށް އެދުމުންނާއި އަދި ތައުބާ
ވުމުގެ ސަބަބުން، ފާއިތުވެގެންގޮސްފައިވާ ކަންތައްތައް
ޙައްލުކުރެވިދާނެއެވެ. އަދި މިއީ އެކަމުގެ ސަބަބުން ތިބާއަށް
ވަރުބަލިކަމެއް، ނުވަތަ ބުރަ މަސައްކަތެއް ކުރުމުގެ ސަބަބުން ކުރިމަތިވާ
އުދަނގުލާއި ކަންބޮޑުވުން ކުރިމަތިވާނެ ކަންތައްތަކެއް ނޫނެވެ.
އެއާޚިލާފަށް މިއީ ހިތުގެ ޢަމަލެކެވެ.
ފާފައިން ތިމާގެ ނަފްސު ސަލާމަތްކުރުމުން، މުސްތަޤްބަލްގެ ކަންތައްތައް ޙައްލުކުރެވިދާނެއެވެ. މިގޮތަށް ފާފައިން އެއްކިބާވެގަތުމަކީ، އެކަންތައްތަކެއް ދޫކުރުމާއި އެކު އޭގެން ސަލާމަތްވެގަތުމެވެ. މިއީވެސް، ވަރުބަލިކަމާއި އުދަނގޫ ކުރިމަތިކޮށްދޭ ގުނަވަންތަކާއި ގުޅިފައިވާ ޢަމަލެއް ނޫނެވެ. އެއާއި ޚިލާފަށް، މިއީ ހިތުގެ ވަރުގަދަ ޢަޒުމާއި ނިޔަތެވެ. އޭގެ ސަބަބުން މުޅިހަށިގަނޑަށާއި، ހިތަށާއި އަދި ވިސްނުމަށް ހަމަޖެހުން ގެނުވައިދެނިވި ކަމެވެ. އެހެންކަމުން، ތައުބާވުމުން ފާއިތުވެފައިވާ ކަންތައްތައް ޙައްލުކުރާށެވެ.
އަދި މުސްތަޤްބަލަށް ބަލާއިރުގައި، އެކަން ހައްލުކުރާނީ ވަރުގަދަ ޢަޒުމާއި ނިޔަތުންނެވެ. މިއިން އެއްވެސް ކަމެއްގައި ބުރަކަމާއި ގުނަވަންތައް ބޭނުންކުރުމެއް ނުވެއެވެ. ނަމަވެސް ދެން ތިބާގެ ސަމާލުކަން އަނބުރާލަންޖެހޭނީ މިވަގުތުގައި އުޅެމުންދާ ޙަޔާތަށެވެ. ދެވަގުތުގެ މެދުގައިވާ ވަގުތެވެ. އެވަގުތު ބޭކާރުކޮށްލައިފިނަމަ، ކާމިޔާބު ލިބެނިވި އަދި ސަލާމަތްތެރިކަން ލިބެނިވި މީހުންގެ ތެރޭގައި ވުމުގެ ފުރުޞަތު ގެއްލުވާލީއެވެ. ތިބާ އެއަށް ފަރުވާތެރިވެއްޖެނަމަ، ދެވަގުތުވެސް (ނިމިގޮސްފައިވާ އަދި ފަހުން އަންނަ) ޙައްލުކޮށްފިނަމަ، ކުރިން ބުނެފައިވާ ފަދައިން ތިބާއަށް ކާމިޔާބު ލިބޭނެއެވެ. އަދި ބާކީބައި ޙާޞިލްކުރެވޭނެއެވެ. ހިތްހަމަޖެހުމާއި އަދި ނިމުމެއް ނުވާ އުފާވެރިކަމެވެ.
ނަމަވެސް، އެކަންތައްތަކަށް ފަރުވާތެރިވުމީ، ކުރިއާއި ފަހުގެ ކަންތައްތަކަށްވުރެ އުދަނގޫ ކަމެކެވެ. އެހެނީ، އެކަން ރައްކާތެރިކުރުމުގައި، ތިބާގެ ނަފްސަށް އެންމެ ފައިދާހުރި އަދި އެންމެ އެކަށޭނަ ކަންތައްތަކުގައި ހިފެއްހެއްޓުމާއި، އެކަމަށް ފުރިހަމަކަމާއި ކާމިޔާބު ލިއްބައިދެނިވި ކަންތައްތަކަށް ފަރުވާތެރިވުން ހިމެނެއެވެ.
އަޞްލު: ލިޔުންތެރިޔާ