12
ފެބްރުއަރީ 2010 -
މުއުމިނަކީ ހަމައެކަނި ދީނީ ވާޖިބުތައް ބޭރުފުށުން އަދާކޮށް
ޙަރާމްކުރެވިފައިވާ ކަންތައްތަކުން ދުރުވެގަންނަ މީހާއެއް ނޫނެވެ.
އެކަމަކު، އެއީ އެމީހެއްގެ އީމާންކަމާއިމެދުގައި ފުރިހަމަ ޔަޤީންކަން
އޮންނަ މީހާއެވެ. އަދި އޭނާގެ ހިތުގެ ތެރޭގައި އީމާންކަމާއިމެދުގައި
އެއްވެސް ދެކޮޅުވެރިކަމެއް ނެތުމާއިއެކު އޭނާގެ ނަފްސުގެ ތެރޭގައި އެއްވެސް
ޝައްކުތަކެއް ނެތް މީހާއެވެ. މުޞީބާތްތައް ގިނައިން ކުރިމަތިވާ ވަރަކަށް
އޭނާގެ ކިޔަމަންތެރިކަމާއި، ޘާބިތުކަމާއި އަދި އީމާންކަން
އިތުރުވެގެންދެއެވެ.
އޭނާއަށް ދުޢާ ކުރެވިދާނެއެވެ. އެކަމަކު އޭނާ ކުރި ދުޢާގެ ޖަވާބުގެ ނިޝާނެއްވެސް ނުފެނިދާނެއެވެ. އެހެންނަމަވެސް، އޭނާ ބަދަލެއް ނުވެއެވެ. އެހެނީ، އޭނާއަކީ، ވަކި ފަރާތެއްގެ އަމުރުވެރިކަމުގެ ދަށުގައިވާ އަދި އެފަރާތް އެދިވޮޑިގަންނަވާ ގޮތަކަށް އޭނާއާއި މެދުގައި ކަންތައްތައް ކުރެވިދާނެ ފަރާތެއްކަން އޭނާ ދަނެއެވެ. އެހެންކަމުން، އޭނާގެ ހިތުގައި ކަމަކާއިމެދު ދެކޮޅުވެރިކަން އުފެދޭގޮތް ދިމާވެއްޖެނަމަ، އޭނާއަކީ ﷲ ގެ އަޅެއްކަން އޭނާ ހަނދާންނައްތާލާފައި، އިބިލީސް ފަދައިން ދެކޮޅުވެރިވާ މީހެއްގެ ފަދައިން އޭނާ ވެއެވެ.
ވަރުގަދަ އީމާންކަން ފާޅުވެގެން ދަނީ ވަރުގަދަ އިމްތިޙާންތަކުންނެވެ.
ޒަކަރިއްޔާ (عليه السلام) ގެ ދަރިފުޅު ޔަޙްޔާ (عليه السلام) ގެ ކިބައިން މުއުމިނަކަށް ފެންނާނީ ރިވެތި މިޘާލެކެވެ. އެކަލޭގެފާނު އަވަހާރަކޮށްލެވުނީ އެކަލޭގެފާނާއި ކުރިމަތިލެއްވި އަނިޔާވެރިއެއްގެ އަތުންނެވެ. އެހެންނަމަވެސް، އެކަލޭގެފާނު ނަބިއްޔެއް ކަމުގައި ލެއްވި ﷲ ތަޢާލާ، އެކަމުގެ ތެރެއަށް ވަދެވޮޑިއެއް ނުގަންނަވައެވެ. އަދި އެކަލޭގެފާނު ދިފާޢުވެސް ނުކުރައްވަވައެވެ.
ހަމައެއާއި އެއްގޮތަށް، ނަބިއްޔުންނާއި މުއުމިނުންނަށް ކުރިމަތިވި ހުރިހާ އަނިޔާވެރިކަންތައްތައްކުން، ﷲ ތަޢާލާ އެބައިމީހުންގެ ކިބައިން އެކަންތައްތައް ދުރެއް ނުކުރައްވައެވެ. އެމީހެއްގެ ދުޢާ، ﷲ ތަޢާލާ އިޖާބަ ނުކޮށްދެއްވާނެ ކަމަށް ޤަބޫލުކުރާނަމަ، ދެން އެފަދަ މީހަކީ ކާފިރެކެވެ. އެހެންނަމަވެސް، މީހަކު ޤަބޫލުކުރަނީ، ﷲ ތަޢާލާއަށް އޭނާގެ ދުޢާ އިޖާބަ ކުރެއްވޭނެ ކަމުގައާއި އެކަމަކު އިޖާބަނުކުރެއްވުމަށް އިޚްތިޔާރުކުރެއްވީ ކަމުގައެވެ. އަދި ﷲ ތަޢާލާއަށް ކާފަރުންނަށް ބަނޑުފުރާ ކާއެއްޗެހި ދެއްވާފައި، އީމާންވާ އަޅުތަކުން ބަނޑުހައި ހޫނުކަމުގައި ތަޙައްމަލު ކުރުވުމަށް ޖެއްސުވި ދާނެކަމާއި، މުއުމިނުންނަށް ބަލިމަޑުކަން ޖައްސަވައި ކާފިރުންނަށް ރަނގަޅު ޞިއްޙަތު ދެއްވަފާނެ ކަމުގައެވެ. އެހެންކަމުން އަޅާއަށްވާ ހަމައެކަނި ގޮތަކީ، މުޞީބާތާއި އިމްތިޙާންތައް ޖެހޭ ހިނދުގައިވެސް އޭނާގެ ވެރި އިލާހަށް ކިޔަމަންތެރިވުމެވެ.
ޔަޢުޤޫބް (عليه السلام)، އެކަލޭގެފާނުގެ ދަރިފުޅު ޔޫސުފް (عليه السلام) ދިއުމުގެ ސަބަބުން 80 އަހަރު ވަންދެން ކީރިތި ކުރެއްވިއެވެ. އެކަލޭގެފާނު އުއްމީދު ކަނޑައެއް ނުލައްވައެވެ. އެކަލޭގެފާނު ދެންހުރި ދަރިފުޅު ބިންޔާމިން ވެސް ގެންދެވުމުން އެކަލޭގެފާނު ހަމައެކަނި ވިދާޅުވީ މިފަދައިންނެވެ. ”ﷲ ތަޢާލާ އެހުރިހާ ދަރިން ތިމަންކަލޭގެފާނުގެ ގާތަށް އަނބުރާ ގެނެސް ދެއްވާންދޭވެ!.“
މޫސާ (عليه السلام)، ކުދިންމަރާ، ސިހުރިވެރިން ޤަތުލުކޮށް އެބައިމީހުންގެ އަތްތައް ބުރިކުރި ފިރުޢައުނާއި ބެހޭގޮތުން، އެކަލޭގެފާނުގެ ދުޢާ ﷲ ތަޢާލާ އިޖާބަކުރެއްވުމުގެ ކުރިން، 40 އަހަރު ދުޢާ ކުރެއްވެވިއެވެ.
އީމާންކަމުގެ ފުރިހަމަކަން ހާމަވެގެންދަނީ، އެފަދަ ކިޔަމަންތެރިކަމަކުންނެވެ. ހަމައެކަނި ރަކުޢަތްތަކެއް (ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރުމުން) އަދާ ކުރުމަކުންނެއް ނޫނެވެ.
ﷲ ތަޢާލާގެ ޤަދަރުފުޅު މަތިވެރި ކުރި އެތައް ބަޔަކަށް ވަނީ މުޞީބާތްތައް ކުރިމަތިވެފައެވެ. އަދި މިކަމުގެ ސަބަބުން، އެބައިމީހުންގެ ކިބައިގައި އިތުރުވެގެން ދިޔައީ ކިޔަމަންތެރިކަމާއި އަދި އެބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތަށް އޮންނަ ރުހުން ނޫން އެހެން ކަމެއް ނޫނެވެ. އަދި އެކަލާނގެ ވަޙީކުރެއްވިއެވެ.
އަލް ޙަސަނުލް ބަޞަރީ (رحمه الله) ވިދާޅުވިއެވެ. ”ފުރިހަމަ ޞިއްޙަތުގައިވާ ހިނދު، ހުރިހާ އިންސާނުން ވެސް އެއްގޮތެކެވެ. ނަމަވެސް، މުޞީބާތްތައް ޖެހުމުން އެބައިމީހުންގެ މެދުގައިވާ ތަފާތުކަން ފެނިގެންދެއެވެ.“
އަޞްލު: www.islaam.com