Share

އަހަންނާއި ތިބާ!

އުންމު ސަކީނާ (جزاها الله خير)

12 ފެބްރުއަރީ 2010 - އަހަންނަކީ ﷲ ގެ ރަޙްމަތްފުޅުން ދިރިއުޅުމުގެ ބުރަބޮޑު އިމްތިޙާންތަކާއި ހަނގުރާމަކުރަމުންދާ މީހަކީމެވެ. ތިބާއަކީ ﷲ ތާޢަލާގެ ރަޙްމަތްފުޅުން ތަނަވަސް ހަމަޖެހޭ ދިރިއުޅުމެއް ހޭދަކުރަމުންދާ މީހެކެވެ. އަހަންނާ ތިބާއާ ދެމެދުގައި ބޮޑު ފަރަޤުތަކެއްވެއެވެ. ތިބާއަށް އަހަންނަށް ވުރެ މީރު ކާތަކެތި ﷲ ގެ ރަޙްމަތްފުޅުން ލިބިގެންވެއެވެ. ތިބާއަށް ލިބިގެންވަނީ އަހަންނަށްވުރެ އަރާމް ތައްމައްޗެއްކަން އަހަންނަށް އެނގެއެވެ. ތިމާގެ ވަށައިގެން ﷲ ތަޢާލާގެ ތަނަވަސް ނިޢުމަތްތައް ވެއެވެ. ދިރުޅުމުގެ ކަންތައްތައް ރޭވުމަށްޓަކައި މާބޮޑެތި ވިސްނުންތަކެއް ވިސްނާކަށް ނުޖެހެއެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުމުގެ ކޮންމެ ސާޢަތަކީ އެތައް ކަމަކާއިމެދު ވިސްނާ ފިކުރު ކުރަން ޖެހިފައިވާ ވަގުތުތަކެއް ކަމުގައި ވެފައި ވެއެވެ. ޢާއިލާގެ ކަންތައްތައް ހަމަޖައްސާނެ ގޮތެކެވެ. ކާންބޯން ކުރާނެ މަސަތްކަތެކެވެ. އަދި މިނޫނަސް އެތައް ކަމެކެވެ. ސަބަބަކީ އަހަންނަށް މިއަދު މިކަންތައްތައް ޙާޞިލު ކުރެވެން އޮތީ ބޮޑެތި ދަތިތަކާއި ކުރިމަތިލުމަށް ފަހުގައި ކަމަށް ވާތީއެވެ.

އަހަރެންގެ މިނިކަމެތި ދިރިއުޅުމުގައިވެސް އަހަރެންތިބާއަށް ފާރަލަމެވެ. ތިބާގެ ފަރާތުން އަހަރެން ބޭނުންވާ ކަންތައް ޙާޞިލު ކުރެވޭތޯ ދަހިވެތިވެފައި ވަމެވެ. އަހަންނަށް ފުރުޞަތެއް ލިބޭތޯ އިންތިޡާރުގައި ހުންނަމެވެ. މަދުންނޫނީ ނުލިބޭ މިފުރުޞަތު ހުސްވިކަން އެނގޭއިރަށް އަހަރެން، މިފުރުޞަތުގެ ބޭނުން ހިފުމަށްޓަކައި ސިއްރިއްޔާތުގައި އެކަމަށް ތައްޔާރުވަމެވެ. އެއީ އަހަންނަށް ބަނޑުމުއްތި ކުރުމަށް ލިބިފައިވާ ކާއެތިކޮޅުން ކަމުގައި ވިޔަސް މެއެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ކުލަފަނޑުވެ މިލާ މޯޅިވެފައިވާ އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމުގެ ޞަދަޤާތަކާއިގެން ގޮސް ތިބާގެ ދޮރާށީގައި ޓަކިދެމެވެ. އަދި އެހިނިތުންވުމާއި އެކު އަހަންނަށް ލިބިގެންވާ ހަމައެކަނި ކާއެތިކޮޅުވެސް ތިބާއަށް ހަދިޔާ ކުރަމެވެ. އެވަގުތު ތިބާ ބުނެއެވެ. ތިއަށް ވުރެ މޮޅު މިވެނި އެވެނި އެއްޗެއް އަހަންނަށް ލިބިގެންވެއެވެ. އެހިނދު އަހަރެންގެ ހިތުގެ އުދާސްތައް އުތުރި އަރަން ފަށައެވެ. ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަންނަން އުޅޭކަހަލައެވެ. އެހެނަސް ﷲ ގަންދީ ބުނަމެވެ. ތިބާގެ ކިބައިން އަހަރެން ތަޢްރީފަކަށް ނޭދޭމެވެ. އަދި ތިބާގެ ކައިރިއަށް ދިޔައީ އަހަރެންނަށް ލިބިގެންވާ ތަކެއްޗަށް ވުރެ ތިބާއަށް ލިބިގެންވާ ތަކެތި މޮޅުކަން އެނގޭ ޙާލުގައެވެ. ތިބާއަށް ބޭނުމެއް ޖެހޭ ކޮންމެ ފަހަރަކު ތިބާއަށް ވުރެ ކުރިން އެބޭނުންފުއްދާ ދެވޭތޯ ސިއްރުން އަހަރެން ބަލަނީ ތިބާ އަމިއްލައަށް އެބޭނުންތައް ފުއްދުމުގެ ޤާބިލުކަން ލިބިގެންވާކަން އެނގޭ ޙާލުގައެވެ. ތިބާ އަހަރެންގެ ފަރާތުން އެބޭނުމަށް ނޭދޭކަން އެނގިހުރެއެވެ. ތިބައަށް ކަމުނުގޮސްދާނެތީ އަމިއްލަ ޟަމީރު ލަދިވެތިވާ ޙާލުގައެވެ. އަހަރެންގެ އަމާޒަކަށް ތިބާ ހަދަން ޖެހުނީ އަހަންނަށް ލިބިގެންވާ މަދު އެތިކޮޅުގައި ވެސް ﷲ ގެ ބަރަކާތް ލެއްވުމަށް އެދޭތީއެވެ. އަދި އިހުގައި ކުރެވިފައިވާ ފާފަތަކާއި މިހާރުވެސް ކުރެވޭ ފާފަތަކުގެ ކައްފާރާއެއްކަމުގައި ﷲ ގެ ހަޟްރަތުން ލައްވާތޯއެވެ. އަދި ﷲ ގެ ހިދާޔަތުގެ ތެދުމަގު އަހަރެންގެ ކިބައިން ނިގުޅައިގަނެވިދާނެ ކަމުގެ ބިރު ހީވާތީއެވެ. އަދި އަހަރެންގެ ނަފްސު ޠާހިރުކޮށް ދެއްވާތޯއެވެ. އަހަރެން ޖަންނަތުގެ ވަހާއިހަމައަށް ނަމަވެސް ފޯރުކޮށްދޭނެ ޢަމަލެއްކަމުގައި މިޢަމަލު ލައްވާތޯއެވެ. އެހެނީ އަންނަކީ ﷲ ގެ މަގުގައި ހޭދަކުރުންމަދު ގިނަތަކެތިކައި ފީކުރާ މީހަކު ކަމުގައި ވަމުއެވެ. އަދި އަހަންނަށް ﷲ ގެ މަގުގައި ހޭދަ ކުރާނެ ގިނަގުނަ މަގުތަކެއް ފެނިގެންނެއް ނުވެއެވެ.

ހަމަމިފަދައިން އަހަންނަށްވެސް ބޭނުންތައްޖެހި ތިބާއަށް އެކަން އެނގުމަށްފަހުގައި ވެސް ތިބާހަނު ހުންނަމުއެވެ. އެފަދަ ވަގުތުތަކުގައި ހީވާ ކަހަލައެވެ. ތިބާއަކީ އަތްހުސްވެ ވީރާނަވެ ގޮތްހުސްވެފައިވާ މީހެކެވެ. މިމަންޒަރު ފެނި ފަރުދާގެ ފުރަގަހުގައި ހުރެ އަހަރެން ގިސްލާ ރޮމެވެ. ތިބާއަށް އަހަރެންގެ އާހުގެ އަޑު، ދެމެދުގައިވާ ފަރުދާ ފަހަނައަޅާ އިވިދެއެވެ. އެހެނަސް ތިބާ، ޙަރަކާތް ހުއްޓިފައިވާ މީހަކު ފަދައިން އެއަށް ބީރުކަންފަތް ދެމުއެވެ.

އަހަންނާ ތިބާއާއި ދެމީހުންގެ މަޖްލީސްތަކުގައި މިފަދަ އެތައް ޙާދިޘާތަކުގެ ވާހަކަ ތިބާ ޛިކުރު ކުރާތީ އަޑު އަހަމެވެ. ބައެއް ފަހަރު ތިބާގެ ލޮލުގެ ތެރެއިން ޖަޒުބާތުގެ ކަރުނަތިއްކެއް ދެމިގަންނަތަން ވެސް ދެކެމެވެ. އެވަގުތު އަހަރެންގެ ހިތް ބުނެއެވެ. މިއިންސާނުން ގިނަގިނައިން ވާހަކަ ދައްކައެވެ. މަޝްވަރާ ކުރެއެވެ. ހާދިޘާތައް އިންސާފުކުރެއެވެ. އެހެނަސް ޚުދު ތިމާގެ އަމިއްލަ ނަފްސު ޙިސާބުނުކުރެއެވެ. އަދި އަމިއްލަ ނަފްސު ޠާހިރުކުރުމުގައި ޢުޛުރުވެރި ކުރުވައެވެ. ފަހަރުގައި ތިބާއަކީ ޢުޛުރުވެރިއަކު ކަމުގައިވެސް ވެދާނެއެވެ.


އަޞްލު: ލިޔުންތެރިޔާ



/div>