11
ފެބްރުއަރީ 2010 - ﷲ ތަޢާލާގެ ޙައްޤުތަކަށްފަހުގައި، ދެން އެންމެ
މުހިއްމު ޙައްޤުތަކަކީ ރަސޫލު ﷲ (صلى الله عليه وسلم) ގެ ޙައްޤުތަކެވެ.
ރަސޫލު ﷲ (صلى الله عليه وسلم) އަށް ވުރެ ބޮޑަށް ޙައްޤުތައްވާ އެހެން
އެއްވެސް އިންސާނަކު ނުވެއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ.
”إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا (*) لِتُؤْمِنُوا
بِاللَّهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ
بُكْرَةً وَأَصِيلا “
”ހަމަކަށަވަރުން، ތިމަންއިލާހު ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު
ކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރު ދެއްވައި،
(ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ. (އެއީ)
ތިޔަބައިމީހުން ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވުމަށްޓަކައެވެ. އަދި
އެކަލޭގެފާނަށް ނަޞްރުވެރިވުމަށާއި، އެކަލޭގެފާނަށް
މާތްކޮށްހިތުމަށްޓަކައެވެ. އަދި އެކަލާނގެއަށް ހެނދުނާއި، ހަވީރު
ތިޔަބައިމީހުން ތަޞްބީޙަ ދެންނެވުމަށްޓަކައެވެ.“ (ސޫރަތުލް ފަތްޙް 9-8)
އެހެން ކަމުން، އެމީހެއްގެ ނަފްސާއި، ދަރިންނާއި، ޢާއިލާއާއި އަދި ދުނިޔެވީ އެދުންތަކަށް ވުރެ ބޮޑަށް ރަސޫލު ﷲ (صلى الله عليه وسلم) ދެކެ ލޯބިވާންޖެހެއެވެ. ރަސޫލު ﷲ (صلى الله عليه وسلم) ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ތިޔަބައިމީހުންގެ ދަރިންނާއި، މައިންބަފައިންނާއި އަދި ހުރިހާ އިންސާނުނަށް ވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބިކުރުމަށް ދާންދެން ތިޔަބައިމީހުން ކުރެ އެކަކުގެވެސް އީމާނެއްނުވެއެވެ.“ (އަލްބުޚާރީ އަދި މުސްލިމް)
ނަބިއްޔާ (صلى الله عليه وسلم) އަށްވާ ވަރަށް ގިނަ ޙައްޤުތަކެއް ވެއެވެ. އެކަލޭގެފާނަށް ޤަދަރުކޮށް އިޙްތިރާމް ކުރަންޖެހޭނީ އެންމެ ފުރިހަމަ އުޞޫލުތަކުގެ މަތިންނެވެ. ރަސޫލު ﷲ (صلى الله عليه وسلم) އަށް ޤަދަރުކުރުމުގެ ތެރޭގައި ހިމެނެނީ، އެކަލޭގެފާނު (صلى الله عليه وسلم) މިދުނިޔެ ދޫކުރެއްވުމަށްފަހު އެކަލޭގެފާނުގެ ސުންނަތަށް އިޙްތިރާމްކޮށް ޢަމަލުކުރުމެވެ. އެކަލޭގެފާނަށް ޙައްޤުވާ ޙައްޤުތައް ދޭންޖެހޭނީ، އެއަށް އުނިއިތުރު ގެނައުމެއްނެތިއެވެ. ރަސޫލު ﷲ (صلى الله عليه وسلم) ގެ ޞަޙާބީން އެކަލޭގެފާނު ދެކެ ލޯބިވި މިންވަރު ހާމަކޮށްދޭ ވާހަކަތައް ކިޔާލުމުން، މިކަމުގެ މުހިއްމުކަން އެނގިގެންދާނެއެވެ. ރަސޫލު ﷲ (صلى الله عليه وسلم) ގެ ވަންހަ ކަމުގައިވާ ޤުރައިޝުން، ޢުރުވަތު ބުނު މަސްޢޫދު، ރަސޫލު ﷲ (صلى الله عليه وسلم) އާއި ވާހަކަދައްކަން ހުދައިބިއްޔާގެ ސަރަޙައްދަށް ދިއުމުން، ޞަޙާބީން ރަސޫލު ﷲ ( صلى الله عليه وسلم) އާއިމެދު ކަންތައް ކުރެއްވި ގޮތާއިމެދު ޢުރުވަތު ބުނު މަސްޢޫދު ހައިރާންވެ، ވިދާޅުވިއެވެ. ”އަހުރެން، ފާރިސްކަރައާއި ރޯމްއާއި އަދި އަބަސީނިއާގެ ރަސްރަސްކަލުންގެ ގާތަށް ދިޔައީމެވެ. އެހެންނަމަވެސް، މުޙައްމަދު (صلى الله عليه وسلم) އަށް ވުރެ ބޮޑަށް، އެކަލޭގެފާނުގެ ޞަޙާބީންގެ ފަރާތުން ޤަދަރާއި އިޙްތިރާމް ލިބިލެއްވި ބޭކަލަކު ނުދެކެމެވެ. އެކަލޭގެފާނު، އެބޭކަލުންނަށް ކަމަކަށް އަމުރުކުރައްވައިފި ނަމަ، ލަސް ނުކުރައްވާ އެބޭކަލުން އެކަމެއް ކުރައްވައެވެ. އެކަލޭގެފާނު (صلى الله عليه وسلم) ނަމާދު ކުރެއްވުމަށްޓަކައި ވުޟޫ ކުރައްވަން ފެއްޓެވުމުން، އެކަލޭގެފާނުގެ ގުނަވަން ތަކުން އޮހޮރޭ ފެންފޮދު ލިބިގަތުމަށް އެހުރިހާ ބޭކަލުން އުޅުއްވައެވެ. އެބޭކަލުން އެކަލޭގެފާނަށް ކުރައްވާ އިޙްތިރާމްގެ ސަބަބުން، ޞަޙާބީން އެކަލޭގެފާނާއި ހަތަރުކަޅި ހަމަކުރެއްވުމަށް ފަސްޖެހިވަޑައިގަންނަވައެވެ.“ ރަސޫލު ﷲ (صلى الله عليه وسلم) ގެ ޞަޙާބީން އެކަލޭގެފާނާއި މެދު ކަންތައް ކުރެއްވި ގޮތަކީ މިއީއެވެ. އެކަލޭގެފާނަކީ، މަތިވެރި ސިފަފުޅުތަކާއި ފުރިހަމަ އަޚްލާޤު ލިބިވަޑައިގެން ހުންނެވި ﷲ ގެ ރަސޫލާއެވެ.
ރަސޫލު ﷲ (صلى الله عليه وسلم) ގެ ޙައްޤުތަކުގެ ތެރޭގައި ހިމެނެނީ، ދީނީ ކަންތައްތަކުގައްޔާއި ވެނިމިފައިވާ ކަންތައްތަކާއިބެހޭ ގޮތުންނާއި، މިހާރާއި އަދި މުސްތަޤުބަލުގައި ހިނގާނޭ ކަންތައްތަކާއި ބެހޭގޮތުން އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ކަންތައްތަކަށް ތަބަޢަވުމެވެ. އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެކަންތައްތަކަށް ޢަމަލު ކުރުމަކީވެސް އެކަލޭގެފާނަށްވާ ޙައްޤުތަކުގެ ތެރެއިން ޙައްޤުތަކެވެ. މުސްލިމަކު، ރަސޫލު ﷲ (صلى الله عليه وسلم) އަށް އީމާންވެ އޭނާގެ ދީނުގައި ރަސޫލާއަށް ތަބާވާން ބޭނުންނަމަ، އޭނާ އެކަން ކުރަންޖެހޭނީ އެކަލޭގެފާނު މަގަކީ އެންމެ ހެޔޮ މަގު ކަމަށް ދެކިގެންވާ ޙާލުއެވެ. ރަސޫލު ﷲ (صلى الله عليه وسلم) އަށް އީމާންވުމުގެ ތެރޭގައި، މިދީނަކީ އެންމެ މަތިވެރި ދީންކަމުގައި ޤަބޫލުކުރުންވެސް ހިމެނެއެވެ. ﷲ ތަޢާލާ ވަހީކުރެއްވެވިއެވެ.
ރަސޫލު ﷲ (صلى الله عليه وسلم) ގެ ދީން ޙިމާޔަތް ކުރުމަކީ، މުއުމިނުންގެ މައްޗަށް އެކަލޭގެފާނަށްވާ ޙައްޤުތަކުގެ ތެރެއިން ޙައްޤެކެވެ. ހަތިޔާރާއި، ދުލާއި އަދި ލިޔުންތައް ބޭނުންކޮށްގެން ދީން ޙިމާޔަތްކުރެވިދާނެއެވެ. ރަސޫލު ﷲ (صلى الله عليه وسلم) ގެ ދީނަށާއި އެކަލޭގެފާނަށް ރައްދުކުރެވޭ ޙަމަލާތަކަށް ބީރުކަންފަތް ދިނުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫނެވެ. އެންމެ ފުރިހަމަ އުޞޫލުތަކުގެ މަތިން، އެކަންތައްތަކަށް އިންކާރުކުރުމަށް މުސްލިމުން ގަދައަޅާ މަސައްކަތް ކުރަންޖެހޭނެއެވެ. އެކަލޭގެފާނުގެ ސުންނަތަށް އަމާޒުކުރެވޭ ޙަމަލާތަކާއި، އިންސާނިއްޔަތަށް ފޮނުއްވުނު އެންމެ މާތް ދީނުގެ އެއްވެސް އުޞޫލަކަށް އަމާޒުކުރެވޭ ޙަމަލާތަކަށް އިންކާރު ކުރަންޖެހޭނެއެވެ
އަޞްލު: www.islaam.com