Share

”އަހައްނަކަށް ނުވާނެ، އެއީ ވާނެކަމެއް ނޫނެވެ.“

ތަރުޖަމާ: އުންމު ޝުޖާޢު (جزاها الله خير)

11 ޖެނުއަރީ 2010 - މަތީގައި ލިޔެވުނު ބަސްތަކަކީ، އާންމު ގޮތެއްގައި އަހަރެމެންނަށް އިވެމުންދާ އަޑު ތަކެކެވެ. އަދި މިއީ އުންމަތް ތަޙައްމަލު ކުރަމުން މިދާ ނިކަމެތިކަމާއި ބަލިކަމުގެ އަޞްލު މައިގަނޑު ސަބަބު ވެސް މެއެވެ.

މިބަސްތައް މޫލެވިފައިވަނީ ނުކުޅެދިފައިވާ ސިކުނޑިތަކެއްގައެވެ. އަދި މިނުކުޅެދުމަކީ، ފެންނަން ނެތް، އަދި އަޞްލެއް ނެތް އެއްޗެކެވެ. އަދި ހަމަ ޔަޤީނުންވެސް ނުކުޅެދިފައިވާ ސިކުނޑިތަކަކުން އުފެދޭނީ ބަލިކަމެވެ.

އެއްވެސް ޝައްކެތް ނެތް ގޮތުގައި، ޙަޔާތުގައި ނުކުރެވޭނެ ކަންތައްތައް ހުންނާނެއެވެ. ރަސޫލު ﷲ (صلى الله عليه وسلم) އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ކިބައިން ޢަހްދު ކަށަވަރު ހިތްޕަވާއިރު މިފަދައިން ތަކުރާރު ކުރައްވަނީ މިސަބަބާއި ހެދިއެވެ. ”އަހަރެމެން އަޑުއަހާ ކިޔަމަން ވާނަމެވެ. އަހަރެމެންގެ ޤާބިލްކަން ހުރި މިންވަރަކުންނެވެ.“

މަތިވެރި ވަންތަ ﷲ ތަޢާލާ ވަހީ ކުރައްވަނީ،

”لا يُكَلِّفُ اللَّهُ نَفْسًا إِلا وُسْعَهَا“
”ﷲ، އެއްވެސް ނަފްސަކަށް، އެނަފްސަކަށް ކުޅަދާނަވެގެން ނުވާ މިންވަރަކަށް މެނުވީ ތަކްލީފް އެއް ނުޖައްސަވައެވެ.“
(ސޫރަތުލް ބަޤަރާ: 286)

މިއިން ދައްކައިދެނީ، އަހަރެމެންނަށް ކުޅަދާނަވެގެންނުވާ ކަންތައްތައް ވާނެ ކަމެވެ. މިތަނުގައި އަހަރެމެން މިދައްކަނީ މިބާވަތުގެ ކަންތައްތަކުގެ ވާހަކައެއް ނޫނެވެ. އެހެނީ އެހެން ނޫންނަމަ، ދިގުދެމިގެންވާ ވާހަކަތަކެއް ދައްކަން ޖެހިދާނެތީއެވެ. އަދި އާޚިރުގައި ނުބައި ވިސްނުމެއްގެ ތެރޭގައި ވާޙާލު ނިންމަން ޖެހިދާނެއެވެ. އެއީ ”އަހައްނަކަށް ނުވާނެއެވެ. މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.“ އަދި މީގެ އިތުރުން، މިނުބައި ވިސްނުމަށް އިސްލާމީ ދަލީލުތަކެއް ދައްކާނެއެވެ.

މިދެ ލަފުޒު ކަމުގައިވާ، ”އަހައްނަކަށް ނުވާނެއެވެ. މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.“ މީގެ ތެރޭގައި ތަފާތު މާނަ ތަކެއް އެކުލެވިގެން ވީކަމުގައި ވިޔަސް، ކޮންމެ ބަލިވުމަކާއި، ފަރުވާ ކުޑަކަމަކާއި އަދި ވިސްނުމުގެ ބަލިކަށި ކަމަކަށް އުޒުރެއްގެ ގޮތުގައި މި ލަފުޒުތައް ބޭނުންކުރެއެވެ. އަދި މިހާރުގެ ބަލި ވިސްނުންތަކަށް ރައްދު ދިނުމުގައި ބޭނުންކުރެއެވެ. ޙިއްސުތައް ހުއްޓުވުމާއި، އުންމަތުގެ ޢަޒުމް ބަލިކަށިކޮށްލުމަށާއި އަދި ކޮންމެ ކާމިޔާބީއެއް އޭގެ ޅަފަތުގައި ނައްތާލުމަށެވެ.

ޖީލަކަށް ފަހު ޖީލެއްގެ މީހުންވަނީ، މިލަފްޒަކީ އެމީހުންގެ ޙަޔާތުގެ މަގުދައްކައިދޭ ވަޞީލަތް ކަމުގައި ހަދާފައެވެ. އަދި މިހާރު ކުރިމަތިވެފައިވާ ހިތި ޙާލަތު ޤަބޫލުކުރުމަށްވާ މަގެއް ކަމުގައާއި، މިހާރު މިޙާލަތުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމާއިމެދު ހިތްހަމަޖެހިލައިގެން ތިބުމަށް ބާރުދޭކަމެއްގެ ގޮތުގައެވެ.

އުންމަތަށް ކުރިމަތިވެފައިވާ ޢަޖައިބު ކުރުވަނިވި ނާތަހުޒީބު ކަމާއިމެދު އަހަރެން ހައިރާން ވަމެވެ. އަދި އެއީ، ކާމިޔާބީއާއި، ކުރިއެރުމާއި އަދި ވެރިކަން ހިންގުމުގެ ކުޅަދާނަކަން ލިބިފައިވާ އިރުވެސް މެއެވެ.

މިކަމާއިމެދު އަހަރެން ވަރަށް ގިނަދުވަސް ތަކެއް ވަންދެން ވިސްނާ ފިކުރު ކުރީމެވެ. އަދި އެންމެ ފަހުން ނިންމީ މި ނާތަހުޒީބުގެ އެންމެ މައިގަނޑު ސަބަބެއް ކަމުގައި ވަނީ ”އަހައްނަކަށް ނުވާނެއެވެ. މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.“ އަދި މިބާޠިލް ވިސްނުމުގެ ސަބަބުން އެކަން، ނުގުޑާ ފަދަ އަސާސަކަށް ބަދަލުވިއެވެ. އަދި މީގެ ތެރެއިން އަހަރެމެން ފަށައިގަންނަމެވެ. އަދި މިކަމުގެ އަނދިކަމުގެ ތެރެއިން އަހަރެމެން ޙަރަކާތްތެރިވާން ފަށައެވެ.

މިނުބައި ވިސްނުމުގެ ސަބަބުން، ކިތައް މުޞީބާތްތައް އަހަރެމެންނަށް ކުރިމަތިވެ އަދި މިހާރު ކުރިމަތި ވަމުންދޭ ހެއްޔެވެ؟ އަދި މީގެ އެންމެ ނުރައްކާތެރި ކަމަކީ، މިއީ ނުބައި ވިސްނުމެއް ކަން ނޭނގުމެވެ. އަހަރެމެން ހޯދާ ބެލުމުން މިކަން ގެއްލިގެން ދެއެވެ. އެބައެއްގެ ހަޔާތުގެ ބައެއް ބޭކާރު ކޮށް، މިބުދަށް ”އަހައްނަކަށް ނުވާނެއެވެ. މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.“ އަޅުކަން ކުރާ މީހުން މިކަން ދިފާޢު ކުރާތަން ފެންނާނެއެވެ. މިއަޅުކަން ކުރެވޭ އެއްޗަކީ، އެއާއިމެދު ސުވާލުނުކުރެވޭނެ އެއްޗެއްކަމާއި އަދި ޙަޤީޤަތެއް ކަން ހާމަކުރުމުގައި އެމީހުންގެ ޙަޔާތުން ބައެއް ބޭކާރު ގޮތުގައި ހޭދަކުރާނެއެވެ.

މިވިސްނުން އައީ ކުއްލިއަކަށް ނޫނެވެ. އަދި މިއީ ވަރަށް ގިނަ ދުވަސްތަކަކުން އުފެދިގެން އައި ގިނަ ކަންތައްތަކެއްގެ ނަތީޖާއެވެ. ދުނިޔޭގައި ކުރިމަތިވާ މުޞީބާތްތަކާއި ހުރަސްތަކަށް ފަސްޖެހުމެއް ނެތި އުންމަތް ކުރިއަށް ގެންދާނެ މީހުން އުފެއްދުމުގެ ބަދަލުގައި، އެކަންތައްތަކުގެ ސަބަބުން އިތުރަށް އުންމީދުގެއްލުމާއި، ބަލިވުމާއި އަދި ނާއުންމީދު އުފައްދައެވެ.

ނަމަވެސް ކުއްފާރުންގެ ޤައުމުތަކުން، ދަތިއުނދަގޫ ތަކަކީ ކުރިއެރުމުގެ ފެށުމެއް ކަމުގައި އިޚްތިޔާރު ކުރުން އެއީ، އަހަރެން ހައިރާން ކުރުވި ކަމެކެވެ. ޖަޒްބާތީގޮތުން ނާއުންމީދު ވުމެއްނެތި، ނަފްސާނީ ގޮތުން ފަސްޖެހުމެއްނެތި އެބައިމީހުންގެ ކުރީގެ ދުޝްމަނުންނާއި ވަރުގަދައަށް ވާދަކުރެވެން ދެން އެގޮތުގައި ކުރިއަށް ދިޔައެވެ. ޖަޕާން ކުރި އަރައިގެން، އިޤްތިސާދީ ބާރަކަށް ވެގެން އައީ ނަގަސާކީ އަދި ހިރޯޝީމާގެ ދުންތަކުގެ ތެރެއިންނެވެ. އަދި އެބަލިކަށިވުމަކީ ރުއިމަށް އޮތް ސަބަބެއް ކަމުގައި ނުބަލައެވެ. އަދި އެހެން މީހުންގެ ހަމްދަރުދީ ލިބުމަކަށްވެސް އުންމީދެއް ނުކުރެއެވެ.

ޖަރުމަނަށް ބަލާއިރު، ދެވަނަ ބޮޑު ހަނގުރާމައިގެ ހަލާކު ތެރެއިން ނިކުމެގެން އައުމަށްފަހު އެމީހުން ބާރުގަދަ ޤައުމަކަށް ވިއެވެ. އަދި އެމީހުންގެ އިޤްތިޞާދު ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިޤްތިޞާދު ކަމުގައި ވިއެވެ. އަދި މިއީ ޖަރުމަނު ހަލާކުވެފައިވިތާ މާގިނަދުވަހެއް ނުވަނީހެވެ. ހަލާކުގެ ތެރެއިން ނިކުމެ، އިޤްތިޞާދީ ލީޑަރެއްގެ ގޮތުގައި ވުމަށް ނެގީ މަދުވެގެން 30 އަހަރެވެ.

އަހަރެން ވިސްނާލީމެވެ. އުންމަތް އަނބުރާ ގެންނަ މީހުން، މިނުބައި ވިސްނުން ކަމުގައިވާ، ”އަހައްނަކަށް ނުވާނެއެވެ. މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.“ ދޫކޮށްލިނަމަ، މިހާރު އުންމަތް އޮންނާނީ ކިހިނަކުން ހެއްޔެވެ؟!!

އަބޫބަކުރު (رضي الله عنه)، މިސާލަކަށް މިފަދައިން ވިދާޅުވިނަމަ، ”އަޅުގަނޑަކަށް އަރަބިންގެ މުރުތައްދުކަމާއި ދެކޮޅަށް ހަނގުރާމަ އެއް ނުކުރެވޭނެއެވެ. އަދި އަޅުގަނޑު، މިނިކަމެތި ހިތި ޙާލަތަށް އެއްބަސްވެ ރުހޭނަމެވެ.“ މީގެ ނަތީޖާ ނިކުންނާނީ ކިހިނެތް ހެއްޔެވެ؟ މިކަމާއިމެދު އެކަނި ވިސްނާލިޔަސް، އަހަރެންގެ ހިތަށް ބިރުވެތިކަން ވަދެއެވެ.

އިމާމް އަޙުމަދު ބިން ހަންބަލް (رحمه الله)، ފިތުނަ އުފެއްދި (ބުނެވުނު އެއްޗެއްގެ ބިރުވެރިކަމާއިމެދު ވިސްނުމެއް ނުބެހެއްޓި ވެރިން ތަކެއްގެ ކިބައިން ބާރުލިބިގެން ތިބި) މީހުންގެ ކުރިމަތީގައި ޡާބިތުނުވެ އެމީހުންގެ ކުރިމަތީގައި ނިކަމެތިވެ ”އަހައްނަކަށް ނުވާނެއެވެ. މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.“ މިފަދައިން ވިދާޅުވިނަމަ، އަހުލު ސުންނަތަށް ލިބުނު ބޮޑުވެގެންވާ ނަޞްރު (އެންމެ މީހެއްގެ އަތްމަތިން) ލިބުނީސް ހެއްޔެވެ؟

ޞަލީބީންގެ އިސްތިއުމާރީގެ ސަބަބުން އުންމަތަށް ކުރިމަތިވި ނިކަމެތިކަމަށް، ސަލާޙުއްދީން އަމާންދިން ނަމަ.. އެކި ޤައުމުތަކުން ލިބުނު ފެންވަރު ދަށް އެހީތެރިކަމާއިއެކު، އެންމެ ބާރުގަދަ ހަތިޔާރުތައް ލިބިގެންވާ މީހުންނާއި ދެކޮޅަށް ނުތެދުވެވޭނެކަމަށް ބުނެ އުޒުރު ދެއްކިނަމަ.... އެކަލޭގެފާނުގެ ޒަމާނުގެ ގިނަ ވެރިން ޤަބޫލުކުރި ފަދައިން ޤަބޫލުކޮށް، ދިގުދެމިގެންވާ ވެރިކަމަކަމާއިއެކު ނިކަމެތިކަމާއި، ކިޔަމަންވެ މިފަދައިން ކަންތައް ކޮށް، ޞަލީބީން ފައްސާލުމަކީ ކުޅަދާނަވެގެންވާ ކަމެއް ނޫންކަމަށް ބުނި ނަމަ ، ފަލަސްޠީން، އެޞަލީބީންގެ ރުޅިވެރިކަމުން ސަލާމަތްކޮށް ޠާހިރު ކުރެވުނީސް ހެއްޔެވެ؟ އެހެން ކަމަށްވާނަމަ، މިއަދު އިއްޔެއަށް ވާނީ ކިހިނެތް ހެއްޔެވެ؟

ބާޠިލް ގޮތްތަކަށާއި ބިދުޢަތަކަށް ގޮވާލާ މީހުންގެ އަޑުއުފުލިގެންވީ ދުވަސްވަރުގައި، ހަރުދަނާކަމާއިއެކު ޢިލްމީ ދިދަ އުފުލައި ޢަމަލާއި ޖިހާދު ކުރިއަށް ނުގެންދިޔަ ނަމަ... ސިޔާސީ އަދި ޢަސްކަރީ ބަލިކަށިކަމެއްގެ ތެރޭގައި ވީ ހިނދު... މި ނުބައި ވިސްނުމަށް ”އަހައްނަކަށް ނުވާނެއެވެ. މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.“ މިފަދައިން އިބްން ތައިމިއްޔާ (رحمه الله) ވިދާޅުވިނަމަ، އެޢިލްމާއި، ބާޠިލަށް ކުރިމަތިލުމާއި، ކެރުންތެރިކަން އަހަރެމެންނަށްޓަކައި ތާރީޚުގައި ލިޔެވުނީސް ހެއްޔެވެ؟

މުޙައްމަދު ބިން ޢަބްދުލް ވައްޙާބު (رحمه الله)، ޢަރަބި ކަރަ ޖާހިލު ކަމުގެ އަނދިރީގައްޔާއި ބިދުޢަތަކާއި ކަނުކޮށް އީމާންވުމުގެ މަތީގައި ވަނިކޮށް ދެކެވަޑައިގެން، އެދުވަސްވަރުގެ އެހެނިހެން ތަޤްވާވެރިން ކަންތައް ކުރިފަދައިން ”އަހައްނަކަށް ނުވާނެއެވެ. މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.“ މިފަދައިން ވިދާޅުވިނަމަ، ޢަރަބި ކަރަ، އެމީހުން ނިދާފައި ތިބި ނިދިން ހޭލާ ބިދުޢަ ތަކާއި ޝިރުކުކުރުމުން ދުރުވާނެ ހެން ހީވޭހެއްޔެވެ؟

އަހަރެމެންގެ ދިގު ތާރީޚު ފުރިގެންވަނީ މިފަދަ އިސްނެންގެވި ލީޑަރުންނާއި އިންޤިލާބުތައް ގެންނެވި ބޭކަލުންގެ ވާހަކަތަކުންނެވެ. ޖިސްމާނީ އަދި ފިކުރީ ބޮޑެތި ހުރަސްތައް ތަޙައްމަލު ކުރުމުގައި މުސްލިމުންގެ ޤާބިލްކަން ދައްކުވައިދޭ ފުރިހަމަ ނަމޫނާތަކެއް އަހަރެމެންނަށްޓަކައި ތާރީޚުގައި ލިޔުއްވި ބޭކަލުންނެވެ. ނަފްސާނީ ބަލިކަށިކަމަށް އަޅުވެތި ނުވުމާއި، ގުޅިފައިވާ ހުރަސްތަކުން އެބޭކަލުންގެ ޙިއްޞުތަކުގެ ހިނގުން ނުހުއްޓުވާ ފަދަ ގޮތެއްގައެވެ.

ވަރަށް ގިނަ މީހުން ބުނެއެވެ. ”އެބޭކަލުންނަކީ ވަރުގަދަ ބޭކަލުން ތަކެކެވެ. އަދި އެފަދައިންވީ ކޮންފަދަ މަދު ބޭކަލުންނެއް ހެއްޔެވެ؟“

އަހަރެން ބުނަން އޮތީ، އެބޭކަލުންނީ ވަރުގަދަ ބޭކަލުން ތަކެއްގެ ގޮތުގައިވީ، އެކިއެކި ދާއިރާތަކުގައި އެބޭކަލުން ހޯއްދެވި ތަޢުރީފު ލިބެނިވި ނަޞްރު ތަކުން ތާރީޚުގެ އަލިގަދަ ސަފްޙާ ތަކުގައި ލިޔެވުނީތީއެވެ. އޭގެ ކުރީގައި އެބޭކަލުންވެސް ވީ އާދައިގެ މީހުން ތަކެއްގެ ގޮތުގައެވެ. އެހެން ނަމަވެސް، ވަރަށް ގިނަ ސަބަބުތަކަކާއި ހެދި، ކާމިޔާބުގެ ހަރުފަތްތައް ގިރާކޮށް ލީޑަރުންނާއި ބަޠަލުންގެ ގޮތުގައި ވުމުގެ ޤާބިލްކަން ލިބުނީއެވެ. މިހުރިހާ ކަމެއްގެ އެންމެ ވަރުގަދަ ސަބަބަކީ، ”އަހައްނަކަށް ނުވާނެއެވެ. މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.“ ، މިނުބައި ވިސްނުން ފުނޑުފުނޑުކޮށްލުމުންނެވެ.

 

އަޞްލު: ލިޔުންތެރިޔާ