Share

ހެޔޮ މަގު

ތަރުޖަމާ: އުންމު އަބްދު ﷲ (جزاها الله خير)

10 މާރޗް 2010 - ﷲ ވަޙީ ކުރެއްވިއެވެ. ”وَلا تَسْتَوِي الْحَسَنَةُ وَلا السَّيِّئَةُ ادْفَعْ بِالَّتِي هِيَ أَحْسَنُ ...“ ”ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ!“ (ސޫރަތު ފުއްޞިލަތު 34)

މިކަމާއި ބެހޭގޮތުން ޤުރުއާނުގައި ތަކުރާރުކޮށް އެކި ގޮތްގޮތަށް އައިސްފައިވެއެވެ.

މީގެ މާނައަކީ، މުއުމިނުން އަބަދުވެސް އިޖާބަދޭންޖެހޭނީ ހެޔޮގޮތަށެވެ. ހުރިހާ ޙާލަތެއްގައިވެސް، ހެޔޮނޫން ގޮތަށް ޢަމަލު ކުރުމުން ދުރުވެގަންނަން ޖެހޭނެއެވެ. އެމީހުންގެ އުޅުން ހުންނަންވާނީ ފުރިހަމައަށެވެ. އެއީ ހަމައެކަނި އާންމު ޙާލަތްތަކުގައި އެކަންޏެއްނޫނެވެ. އެކަމަކު، ހަމައެއާއިއެކު ނުރަނގަޅު ޙާލަތްތަކުގައިވެސް މެއެވެ. އެއީ، ކޮންމެ ބައިގަނޑަކުން ނުބައި ގޮތަކަށް ޢަމަލު ކުރިޔަސް، މުއުމިނުންގެ މައްޗަށް އޮތް ގޮތަކީ ބަދަލު ހިފުމުގެ ވިސްނުން ހުންނަ ގޮތަށް ނުދެއްކުމެވެ. އެވަގުތުގައިވެސް، އެމީހުންނަކީ ރަނގަޅު ސިފަލިބިގެންވާ ބައެއްކަމުގައި ހެކިކޮށްދޭންޖެހޭނެއެވެ. އެމީހުންގެ ރަނގަޅު އަޚުލާޤު ހިފެހައްޓަންޖެހޭނެއެވެ. އެއީ އެހެން މީހުންގެ ކިބައިން ނުބައި އަޚުލާޤު ފެނުނު ކަމުގައި ވިޔަސްމެއެވެ.

މަތީގައިވާ އާޔަތް ބަޔާންކުރައްވަމުން ޢަބްދު ﷲ ބިން ޢައްބާސް (رضي الله عنه) ވިދާޅުވިއެވެ: 'މިއާޔަތުގައި ﷲ ތަޢާލާ މުސްލިމުންނަށް އަމުރު ކުރައްވަނީ، އެބައިމީހުން ރުޅިގަދަވީ ކަމުގައިވިޔަސް ކެތްތެރިވެ ތަޙައްމަލު ކުރަންޖެހޭނެކަމެވެ. ޖާހިލުކަން ނުވަތަ ވަކިކޮޅަކަށް ޖެހޭފަދަ ވިސްނުމެއްގެ ސިފަތައް މީހަކު ދެއްކިކަމުގައި ވިޔަސް މުއުމިނުން ހިފަންޖެހޭ މަގަކީ ކެތްތެރިކަމާއި ޘާބިތުކަމުގެ މަގެވެ. އަދި މީހެއްގެ ކިބައިން ނުރަނގަޅު އުޅުމެއް ފެނިއްޖެނަމަ، މުއުމިނުން އެމީހަކަށް މަޢާފްކުރަންޖެހޭނެއެވެ.

މިފަދައިން އުޅުން ބަހައްޓައިފިނަމަ އެފަދަ ޢަމަލަކީ ހެޔޮ އުޅުމެއް ކަމުގައި ބަޔާންކުރެވިދާނެއެވެ. އެއީ، ބަދަލު ހިފުމުގެ ބަދަލުގައި މެދުމިނެއްގައި ހުރުމެވެ. އެހެން މީހުންގެ އުޅުން ކޮންމެ ގޮތަކަށް ހުރިކަމުގައި ވިޔަސް މުއުމިނުން އަބަދުވެސް އިންސާނިއްޔަތުގެ އެންމެ މަތިވެރި އަޚުލާޤަށް ތެދުވެރިވުންމަތީ ހުންނަންޖެހޭނެއެވެ.

މުއުމިނަކީ، އޭނާގެ ޙަޔާތް ޙަޤީޤަތުގެ މަތިވެރި އުޞުލޫތަކާއި އެއްގޮތަށް ފަށައިގަންނަ މީހެކެވެ. ޢާންމު އިންސާނުންގެ ވިސްނުމަށްވުރެ މަތީ ވިސްނުމުގެ ދަރަޖައެކެވެ. އެފަދަ މީހަކު ވާނީ ތަޙައްމަލު ކުރުމުގައި ހައްދެއްނެތް މީހެއްގެ ގޮތުގައެވެ. އޭނާގެ އެތެރޭގެ ނަފްސު އަމާންކަމުން ފުރިގެންވާ މިންވަރުން، ބޭރުފުށުގެ އެއްވެސް ކަމަކަށް އޭނާގެ ޖަޒްބާތްތަކަށް އަޘަރެއް ނުކުރާނެއެވެ. އަވަހަށް ރުޅިއަންނަ މީހުންނާއިމެދުގައި އޭނާ ހަމްދަރުދީވުމުގެ ނަޒަރުންދެކެއެވެ. ޢާންމު މީހުން ރުޅިއަންނަ ޙާލަތްތަކުގައި، އޭނާ ހިތްހަމަޖެހުމާއިއެކުގައި ހަމަޖެހިގެންވާނެއެވެ.


އަޞްލު: ލިޔުންތެރިޔާ