Share

މުސްލިމަކީ އެހެން މީހުންނާއި ރަޙްމަތްތެރި، އެހެން މީހުންގެ ރުހުން ލިބިގެންވާ މީހެކެވެ.

ޑރ. މުޙަންމަދު ޢަލީ އަލްޙާޝިމީ

ތަރުޖަމާ: އުންމު ރަޙީމާ (جزاها الله خير)

09 ފެބްރުއަރީ 2010 - ތެދުވެރިކަމާއި އެކު އިސްލާމްދީނުގެ ޢިލްމު ދަނެގެންވާ މުސްލިމަކީ، އޯގާތެރި، ރަޙްމަތްތެރި އަދި އެހެން މީހުން ރުހޭ މީހެކެވެ. އޭނާ މީސްތަކުންނާއި އެކުވެ، އެމީހުންނާއި ގުޅޭނެއެވެ. މިސިފައަކީ، މީސްތަކުންގެ އިތުބާރު ހޯދާ އެހެން މީހުންނާއި ގުޅުން ބަދަހިކުރުމުގެ ގޮތުން މުސްލިމުންގެ ބޮލުގައި އެޅިފައިވާ މުހިންމު މަސްޢޫލިއްޔަތު ދަންނަ މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭނޭ ސިފައެކެވެ. ޙައްޤުގެ ބަސް އެމީހުންނާއި ހިސާބަށް ވާޞިލްކޮށްދެނިވި މުހިންމު މަގެކެވެ. އަދި އެމީހުނަށް އަޚްލާޤީ ސިފަތައް ދައްކުވައިދިނުމުގައިވެސްމެއެވެ. އެހެނީ، މީސްތަކުން އަޑުއަހާނީ އެމީހުން ގަޔާވާ، އިތުބާރުކުރާ އަދި ޤަބޫލުކުރާ މީހުންގެ ބަހެވެ. އެހެންކަމުން، ރަޙްމަތްތެރި އަދި މީސްތަކުންގެ ރުޙުން ލިބިގެންވާ މީހުންނަށް ތަޢުރީފްކޮށްފައިވާ ގިނަ ހަދީޘްތަކެއް ވެއެވެ. އެފަދަ މީހަކީ ހޮވާލެވިގެންވާ އަދި ރަސޫލާ (صلى الله عليه وسلم) ގެ ލޯބި ލިބިގެންވާ މީހެކެވެ. އަދި ޤިޔާމަތް ދުވަހުން އެކަލޭގެފާނު (صلى الله عليه وسلم) އާއި އެންމެ އަރިހުގައިވާ މީހުންނެވެ.

”ތިމަންކަލޭގެފާނާއި، ޤިޔާމަތްދުވަހުން އެންމެ ގާތް އަދި ތިމަންކަލޭގެފާނު އެންމެ ލޯބިވާ ބަޔަކީ ތިޔަބައިމީހުންގެ ތެރެއިން ކޮންބައެއްތޯ ދަންނަވަންތޯއެވެ؟“ އެކަލޭގަފާނު މިފަދައިން 2 ފަހަރު ނުވަތަ 3 ފަހަރު ތަކުރާރު ކުރެއްވެވިއެވެ. ދެން އެބޭކަލުން ދެންނެވިއެވެ. ”އާދެހެވެ1 ﷲ ގެ ރަސޫލާ (صلى الله عليه وسلم) އެވެ.“ އެކަލޭގެފާނު ޖަވާބުދެއްވިއެވެ. ”ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ.“ (ރިވާކުރެއްވީ އަޙުމަދު، 'އިސްނާދު-ޖައްޔިދު') އެހެން ރިވާޔަތެއްގައި އިތުރަށް އައިސްފައިވެއެވެ. ”ތިޔަބައިމީހުންގެ ތެރެއިން ހިތްތިރި ކިޔަމަންތެރި އަދި މީސްތަކުންނާއި ގުޅޭ، އަދި އެމީހަކާއި އެކީވުމަށް އެހެން މީހުން ރުހޭ މީހުންނެވެ.“

މުއުމިނެއްގެ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ، އޭނާ އެހެން މީހުންނާއި ގުޅި އަދި އެހެން މީހުން އޭނާއާއި މެދު ހިތްހަމަޖެހިގެންވުމެވެ. އޭނާ މީސްތަކުންނާއި މެދު ރުހި، މީސްތަކުން އޭނާއާއިމެދު ރުހިގެންވުމެވެ. މިފަދައިން އޭނާ ނުވާނަމަ، އޭނާއަކަށް އިސްލާމްދީނުގެ ދަޢްވަތު ފޯރުކޮށެއް ނުދެވޭނެއެވެ. އަދި މުހިންމު އެއްވެސް ކަމެއް ޙާސިލެއް ނުކުރެވޭނެއެވެ. މިފަދައިން ނުވާ ކޮންމެ މީހެއްގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނުވެއެވެ. ޙަދީޘްއެއްގައިވާ ފަދައިންނެވެ.

”މުއުމިނަކު މީސްތަކުންނާއި ގުޅިގެންވާނެއެވެ. އަދި އެބައިމީހުން އޭނާއާއި މެދު ހިތްހަމަޖެހިގެންވާނެއެވެ. މީސްތަކުންނާއި ނުގުޅޭ އަދި އެމީހަކާއިމެދު މީސްތަކުން ހިތްހަމަނުޖޭ މީހެއްގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނުވެއެވެ.“ (ރިވާކުރެއްވީ އަޙުމަދު)

މީސްތަކުންނާއި މެދުގައި އެންމެ ރިވެތިވެގެންވާ ނަމޫނާ ދެއްކެވީ ރަސޫލާ (صلى الله عليه وسلم) އެވެ. އެބައިމީހުންގެ ހިތްތައް މަޑުކުރުމުގެ ހުނަރުވެރިކަން އެކަލޭގެފާނުގެ ކިބައިގައިވިއެވެ. އަދި ޢަމަލުންނާއި ބަހުން، މީސްތަކުން އެކަލޭގެފާނަށް ތަބަޢުވުމަށް ގޮވާލެއްވިއެވެ. މީސްތަކުންގެ ހިތާއި ހަމައަށް ވާޞިލްވެވޭނެގޮތާއި، އެމީހުންގެ ލޯތްބާއި އެމީހުންގެ ރުހުން ހޯދާނެގޮތް އެކަލޭގެފާނު ދައްކަވައިދެއްވިއެވެ.

އެކަލޭގެފާނުވެލެއްވީ، އަބަދުވެސް ވަރަށް ހިނިތުންވެލައްވާ، ފަސޭހަ ބޭކަލެއްގެ ގޮތުގައެވެ. އެއްވެސް ގޮތަކަށް ހަރުކަށިވެ ނުލައްވައެވެ. މީސްތަކުންގެ ޖަމާޢަތަކަށް އެކަލޭގެފާނު ހާޟިރުވެއްޖެނަމަ، އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ކޮންމެ ހުސްތަނެއްގައި އެކަލޭގެފާނު އިށީނދެ ވަޑައިގަންނަވައެވެ. އަދި އެގޮތަށް ޢަމަލުކުރުމަށް އެހެން މީސްތަކުންނަށް ވެސް އެންގެވިއެވެ. އިންޞާފުން އެންމެނާއި މެދުގައިވެސް އެކަލާގެފާނު ކަންތައް ކުރެއްވިއެވެ. އެހެންކަމުން، އެޖަމާޢަތެއްގައިވާ އެއްވެސް މީހަކަށް، އެހެން މީހަކާއި މެދުގައި ޙާއްޞަ ގޮތަކުން ކަންތައްކުރެވޭ ކަމަށް ފާހަގައެއް ނުވާނެއެވެ. އެކަލޭގެފާނުގެ އަރިހަށް މީހަކު އެއްޗަކަށް އެދިގެން އަތުވެއްޖެނަމަ، އެކަލޭގެފާނު އެއެއްޗެއް އެމީހަކަށް ދެއްވަވައެވެ. ނޫންނަމަ، އޯގާތެރި ބަސްތަކަކުން ޖަވާބުދެއްވައެވެ. އެކަލޭގެފާނުގެ ހެޔޮ އަޚްލާޤުފުޅު އެންމެންގެ މައްޗަށްވިއެވެ. އަދި އެކަލޭގެފާނު ވެގެންދިޔައީ އެބައިމީހުންނަށް ބައްޕައެއް ފަދައިންނެވެ. އެކަލާގެފާނާއި އެކުގައިވި މީސްތަކުންނަކީ، އެއްވަރަކަށް ހަމަހަމަ ބަޔެކެވެ. ހަމައެކަނި ފަރަޤުކުރެވެނީ އެބޭކަލެއްގެ ތަޤްވާވެރިކަމުންނެވެ. އެބޭކަލުންނީ، ކިޔަމަންތެރި، ތިމާއަށްވުރެ ދޮށީ މީހުންނަށް އިޙްތިރާމްކުރާ، ކުޑަކުދިންނަށް އޯގާތެރިވާ، މަދަދަށް ބޭނުންވާ މީހުންނަށް އިސްކަންދޭ އަދި ބީރައްޓެހިންނަށް އަޅާލައްވާ ބަޔެކެވެ.

ރަސޫލާ (صلى الله عليه وسلم) ގެ އަރިހަށް ކަމަކާއިގެން އައި އެއްވެސް މީހަކު، އެކަލޭގެފާނު ދެރަކޮށް ނުލައްވައެވެ. އެކަލޭގެފާނުގެ ކިބައިގައި ނުވާ ތިން ސިފައެއްވިއެވެ. އެކަލޭގެފާނަކީ ދެބަސްވާ ބޭކަލެއް ނޫނެވެ. އެކަލޭގެފާނު ގިނައިން ވާހަކަދައްކަވައެއް ނޫޅުއްވައެވެ. އަދި އެކަލޭގެފާނާއި ނުބެހޭ ކަންތައްތަކަށް ސަމާލުކަމެއް ނުދެއްވަވައެވެ. އެކަލޭގެފާނު އެހެން މީހުންނަށް ނުކުރައްވާ ތިންކަމެއްވެއެވެ. އެއީ، އެކަލޭގެފާނު އެއްވެސް މީހަކަށް ފާޑުވިދާޅުނުވެއެވެ. އެކަލޭގެފާނު ދުވަހަކުވެސް މިފަދައިން ”ކަލޭ ލަދު ގަންނަންޖެހޭނެއެވެ.“ ޙަދީޘެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނު އެހެން މީހުންގެ ކުށްތައް ނުހޯއްދަވައެވެ. އެކަލޭގެފާނަށް އެކަމަކުން އަޖުރު ލިބުން އުންމީދުކުރައްވާ އެއްޗެއް މެނުވީ ވިދާޅުނުވެއެވެ. އެކަލޭގެފާނު ވާހަކަދައްކަވާ އިރު، އެކަލޭގެފާނުގެ ވަށައިގެންވާ ބޭކަލުން ނުހަނު ސަމާލުކަމާއި އެކުގައި އަޑުއައްސަވައެވެ. އަދި އެއީ އެބައިމީހުންގެ ބޯތައް މަތީގައި ދޫނިތަކެއް އުދުހޭ ފަދައިން އެބައިމީހުންނަށް ހީވާފަދަ ހަނުހިމޭންކަމެއްގައެވެ. އެކަލޭގެފާނު ހަނުހިމޭނުން ހުންނަވާއިރު، އެބޭކަލުން ވާހަކަދައްކައެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި، އެބޭކަލުން ކުރެ އެއްވެސް ބޭކަލަކު އެއްބޭކަލަކު އަނެއް ބޭކަލަކާއި ދެބަސްވެ ވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނު ހިނިތުންވެލައްވާ ކޮންމެ ކަމަކަށް އެބޭކަލުން ހިނިތުންވެއެވެ. އަދި އެކަލޭގެފާނު ޚާއްޞަކަމެއް ދެއްވާ ކޮންމެ ކަމަކަށް އެބޭކަލުން ޚާއްޞަކަން ދެއްވައެވެ. އެމީހެއްގެ އެދުންތަކުގައާއި އަދި ސުވާލުތަކުގައި ހަރުކަށިވާ ކޮންމެ ބީރައްޓެއްސަކާއި މެދު އެކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީން، އެބީރައްޓެހި މީހާގެ ގާތުގައި މަޑުމައިތިރިކޮށް ވާހަކަދެއްކުމަށް ދަންނަވާނެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާނެއެވެ. ”ކަމަކަށް ބޭނުންވެފައިވާ މީހަކު ފެނިއްޖެނަމަ، އެމީހަކަށް އެހީވެދޭށެވެ.“ އެކަލޭގެފާނުގެ ކިބައިން އެހީތެރިކަމެއް ލިބިގަތުމަށްފަހު ޝުކުރު އަދާކުރާ މީހެއްގެ ކިބައިން މެނުވީ އެކަލޭގެފާނު ތަޢުރީފް ޤަބޫލުނުކުރައްވައެވެ. އަދި މީހަކު ވާހަކަ ދައްކަމުންދާ ވަގުތުގައި އެކަލޭގެފާނު އެވާހަކަ ހުއްޓުވައެއް ނުލައްވައެވެ. އެމީހެއްގެ ވާހަކަ ނިމިއްޖެކަމުގެ ޢިޝާރާތެއް ލިބުމުން ނުވަތަ އެމީހަކު ތެދުވަންދެން އެކަލޭގެފާނު މަޑުކުރައްވައެވެ.

އައިޝާ (رضي الله عنها) ވިދާޅުވަނީ، އެކަލޭގެފާނު، މީސްތަކުން ކުރެ އެންމެ ނުބައި މީހުންނާއިމެދު ސަމާލުވެލައްވާ ކަމުގައެވެ. އަދި އެކަލޭގެފާނު އެފަދަ މީހުންނާއި އޯގާތެރިކޮށް ވާހަކަދައްކަވާ އަދި ހެޔޮކޮށް ހިއްތަވާ ކަމުގައެވެ. މީހަކު އެކަލޭގެފާނުގެ އަރިހަށް އައުމުގެ ހުއްދަ ހޯދުމަށް އެދި ދެންނެވިއެވެ. ”އޭނާ ވަނަ ދޭށެވެ! އޭނާއަކީ، އޭނާގެ ވަންހައަށް ކޮންފަދަ ނުބައި އަޚެއްހެއްޔެވެ؟“ އެމީހާ އެތެރެއަށް ވަނުމުން، އެކަލޭގެފާނު އެމީހާއާއި އޯގާތެރިކޮށް ވާހަކަ ދެއްކެވިއެވެ. ޢާއިޝާ (رضي الله عنها) ދެންނެވިއެވެ. ”އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ވިދާޅުވި އެއްޗެއް ކަލޭގެފާނު ވިދާޅުވިއެވެ. އެއަށްފަހު ކަލޭގެފާނު، އޭނާއާއި އޯގާތެރިކޮށް ވާހަކަދެއްކެވީއެވެ.“ އެކަލޭގެފާނު (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ. ”އޭ ޢާއިޝާއެވެ! މީސްތަކުންގެ ތެރެއިން އެންމެ ނުބައި މީހުންނަކީ، މީސްތަކުން އޭނާގެ ނުބައިކަން ބޮޑު ވާހަކަތަކަށް ބިރުގަތުމުގެ ސަބަބުން އޭނާގެ ކިބައިން މީސްތަކުން ދުރުވާ މީހުންނެވެ.“ (ބުޚާރީ މުސްލިމް)

ތެދުވެރި މުސްލިމުން، ރަސޫލާ (صلى الله عليه وسلم) މީސްތަކުންނާއި މުޢާމަލާތު ކުރެއްވުމުގައި ދެއްކެވި ފިޔަވަޅުތަކަށް ތަބަޢުވާނެއެވެ. އެއީ ރަނގަޅު އަދި ނުރަނގަޅު މީހުންނާއި މެދުގައިވެސްމެއެވެ. އަދި އޭގެސަބަބުން އޭނާއީ މީސްތަކުން ރުހޭ އަދި ޤަބޫލުކުރާ މީހަކަށް ވުމަށެވެ.


އަޞްލު: www.islaam.com