07
މާރޗް 2010 -
”كُلُّ نَفْسٍ ذَائِقَةُ الْمَوْتِ .. “
”ކޮންމެ ނަފްސެއްމެ މަރުގެ ރަހަ ދެކޭނެއެވެ.“ (އާލްއިމްރާން: 185)
މަރަކީ ކޮބައި ތޯއެވެ؟ އެއީ މުޅިން ހަލާކުވެ ނެތި ދިއުން ތޯއެވެ؟ ނުވަތަ އެއީ ހަމައެކަނި ފުރާނަ ހަށިގަނޑާ ވަކިވުންހެއްޔެވެ؟ ފުރާނަ ހަށިގަނޑާ ވަކިކުރެވުމަށްފަހު އޭގެން ކޮންމެ ފުރާނައަކަށް ވަނީ ކިހިނެއްހެއްޔެވެ؟ މިވަގުތީ ހަށިގަނޑާއި ދާއިމީ ފުރާނައިގެ ވެރިޔާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ހަށިގަނޑު މަރުވުމުން އޭނާގެ ހޭ މުޅިން ނެތެނީ ހެއްޔެވެ؟ ނުވަތަ އޭނާގެ ހޭ، ހަށިގަނޑުން ބޭރުވެފައިވާ ފުރާނަޔާ އެކުގައި ވާނެ ހެއްޔެވެ؟ ދިރި ހުރި މީހަކު ފަދައިން މަރުވެފައިވާ މީހަކަށްވެސް އުފަލާއި ހިންހަމަޖެހުމާއި ވޭން އިޙްސާސް ކުރެވޭނެ ހެއްޔެވެ؟ އެމީހެއްގެ ފުރާނަ ހަށިގަނޑުގައިވާ، ދިރިހުރި މީހެއްގެ ހެޔާއި ފުރާނަ ހަށިގަނޑާ ވަކިވެ މަރުވެފައިވާ މީހެއްގެ ހެޔާއި އަޅާ ކިއިދާނެ ހެއްޔެވެ؟
ހަޤީޤަތަށް ބުނާނަމަ އެންމެ ފަހު ސުވާލުގެ ޖަވާބަކީ ނޫނެކެވެ. ދިރިހުރި މީހާގެ ހޭ ހުރެއެވެ. އަދި މަރުވެފައިވަ މީހާގެ ވެސް ހޭ ހުރެއެވެ. އެހެންނަމަވެސް އެކަމުގައި ފަރަޤެއް ވެއެވެ. އަދި އެކަން އަޅާ ކިޔޭނެ ގޮތެއް ނުވެއެވެ. މަރަކީ މުޅިން ހަލާކުވެ ނެތި ދިޔުމެއް ނޫނެވެ. އެއީ ހަމަ އެކަނި އެއްދުނިޔޭން އަނެއްދުނިޔެއަށް ބަދަލު ވުމެވެ. މަރުވެފައިވާ މީހާއަށް އުފަވެރިކަމާޢި ހިންހަމަޖެހުން ނުވަތަ ވޭން އިޙްސާސް ކުރެވުމުން އޭގެ މާނައަކީ އޭނާ ކައްވަޅުގައި ދިރި ހުރި ވާހަކައެއް ނޫނެވެ. ކާނާއާއި ހެދުމާއި އެހެނިހެން ތަކެތި ބޭނުންވާނެ ވާހަކައެއްވެސް ނޫނެވެ. އަދި އޭނާ ދުނިޔޭގައި ވީފަދައިން އޭނާގެ ހަށިގަނޑުގެ ހުރިހާ ތަނަކަށް ފުރާނަ ވަންނަ ވާހަކައެއްވެސް ނޫނެވެ. ދުނިޔޭގެ ޙަޔާތުގައި އޭނާގެ ފުރާނަ ހަށިގަނޑުގައި ވީގޮތް ނޫން ގޮތަކަށް ފުރާނަ އޭނާގެ ހަށިގަނޑަށް ވަދެއެވެ. އެއީ އޭނާއާއި ސުވާލު ވެވުމަށާއި ކައްވަޅުގައި އޭނާ އިމްތިޙާނު ކުރެވުމަށެވެ.
މަރުގެ ބާވަތެއް ކަމުގައިވާ ނިންޖަށް ބަލާލުމުން މިކަންތައްތަކުގެ ތަޞައްވުރެއް އަހަރުމެންނަށް ލިބިދާނެއެވެ. ހަޤީޤަތުގައި އެދެކަމުގައި ތަފާތެއްވީ ކަމުގައި ވިޔަސް މެއެވެ. ނިދާފައިވާ މީހާގެ ފުރާނަ އޭނާގެ ނޭފަތުން ނިކުމެގެން އަރުށީގެ ވެރިރައްބުގެ ހަޟްރަތަށް ދަތުރު ކުރެއެވެ. ނިދާފައިވާ މީހާއަކީ ޞާލިޙް މީހެއްނަމަ، އޭނާގެ ފުރާނަ އޭގެ ޚާލިޤަށް (ޚަލްގު ކުރެއްވި ފަރާތަށް) ސަޖިދަ ކުރެއެވެ. ދެން އެފުރާނަ ހުވަފެނީ ދުނިޔެއާއި ގުޅެއެވެ. ނުވަތަ މަރުވެފައިވާ މީހުންގެ ފުރާނަތަކާއި ބައްދަލުކުރެއެވެ. އެހެންނަމަވެސް މިކަންތައްތައް ސީދާ ހިނގާގޮތް އެއީ ﷲ ތަޢާލާގެ ޣައިބުގެ ޢިލްމުގެ ތެރެއިންވާ ކަންތައްތަކެވެ. އެކަންތައްތައް ބިނާވެގެންވަނީ އެއިލާހު އެއަޅަކަށް ޤަދަރުކުރައްވާފައިވާ ރަގަޅު ގޮތްތަކާއި ނުބައި ގޮތްތަކެއްގެ މައްޗަށެވެ. ނިދާފައިވާ މީހާއަކީ ތެދުވެރި، ދީލަތި އަދި ޠާހިރު މީހެއްނަމަ، އަދި އޭނާ ހޭލާ އުޅޭ ވަގުތުތަކުގައި ބޭކާރު ކަންތައްތައް ކުރުމުން ދުރުވެގެންވާ މީހަކު ނަމަ، އޭނާގެ ފުރާނަ އެނބުރި އޭނާގެ ހަށިގަނޑަށް ވަންނަ ހިނދުގައި، އޭނާއަށް ﷲ ތަޢާލާ އެދެއްކެވި ކަންތައްތަކުގެ ހަޤީޤަތް އޭނާގެ ހިތަށް އިޙްސާސް ކޮށްދެއެވެ. ވެދިޔަ ކަންތައްތައް އެއީ ހަޤީޤީ ހުވެފެނެއް ކަމުގައި ބުނެއެވެ. އިންސާނާ ނިދާފައިވާ ވަގުތުގައި އޭނާގެ ފުރާނައަށް މިނިވަންކަމާއެކު ދުނިޔެތެރޭ ދަތުރުކޮށް ދިރިހުރި އެހެން މީސްމީހުންގެ ފުރާނަޔާއި ބައްދަލުކޮށް މަޢުލޫމާތު ބަދަލުކޮށް ހެދެއެވެ. ހުވަފެނުގެ ގޮތުގައި މިފެންނަ ބައެއްކަންތައް ތެދު ވެފައި އަނެއްބައި ކަންތައް ތެދުނޫން ޢާންމުކޮށް މިފެންނަ އާދައިގެ ހުވަފެންތަކެވެ. ނުވަތަ ’ހަދީޘް ނަފްސް‘ (ނަފްސުގެ ވާހަކަދެއްކުންތައް) އެވެ.
ނިދާފައިވާ މީހާއަކީ ދޮގުވެރި، ދޮގުކަންތައްތަކަށް ލޯބިކުރާ މީހަކުނަމަވެސް އޭނާގެ ފުރާނަ، އޭނާ ނިދާފައިވާ ވަގުތުގައި އުޑަށް ދަތުރުކުރެއެވެ. އަދި މިނިވަންކަމާއެކު ދުނިޔެތެރޭ ދަތުރުކޮށް އެހެނިހެން ފުރާނަތަކާއި ބައްދަލުކޮށް (ނިދާފައިވާ މީހާއަށް) ނުފެންނަ ކަންތައްތަކުގެ މަޢުލޫމާތު ޙިއްސާ ކޮށްހަދައެވެ. އެހެންނަމަވެސް ފުރާނަ އަނބުރާ ހަށިގަނޑަށް އަންނަ އައުމުގައި ވަކި ހިސާބަކުން ޝައިޠާނާއާއި ބައްދަލުވެއެވެ. އޭނާ ޙަޤީޤަތާއި ދޮގު އެއްކޮށް މަސްހުނިކޮށް އޮޅުވާލައެވެ. ހޭލާ ހުންނަ މީހަކަށްވެސް އޭނާ އޮޅުވާލާ ފަދައިންނެވެ. ދެން ނިދާފައިވާ މީހާ ހޭލާއިރު، އޭނާއަށް ﷲ ތަޢާލާ އެދެއްކެވި ކަންތައްތައް އޮޅި ވާނުވާ ނޭނގިދެއެވެ. އަދި ނަތީޖާއެއްގެ ގޮތުން އެފެނުނު އެއްޗެއް އޭނާއަށް ފަހުމެއް ނުވެއެވެ. ހަނދާނުގައި ހުންނާނީ ހަމައެކަނި ޝައިޠާނާ ދެއްކި ކަންތައްތަކެވެ. މިއީ ވާނުވާ ނޭނގެ ހުވަފެންތަކެވެ.
ބުނެވިދިޔަ ކަންތައްތަކުގެ ތެދުކަން ވަރުގަދަ ކުރުމަށްޓަކައި ﷲ ތަޢާލާ އައްޒުމަރު ސޫރަތުގައި ބަޔާންކުރައްވާފައިވާ މިއާޔަތް ގެންނާނަމެވެ.
އަޞްލު: ޝައިޚް އިބްނި އަލްޤައްޔިމް ގެ ’ކިތާބުއްރޫޙް‘ މިފޮތުގެ ޚުލާސާ އިނގިރޭސި ތަރުޖަމާއިން ނެގިފައި