Share

ކެތްތެރިކަމުގެ ދަރަޖަތައް

އިމާމް އިބްނި އަލްޤައްޔިމް އަލް ޖައުޒިއްޔާ (رحمه الله)

ތަރުޖަމާ: އުންމު ޝުޖާޢު (جزاها الله خير)

06 މާރޗް 2010 - 1. ﷲ އަށްޓަކައި ކެތްތެރިވުމާއި އަދި އެކަލާނގެ މަދަދާއި އެކުގައި ކެތްތެރިވުމެވެ. މީހަކަށް ﷲ ގެ މަދަދާއިއެކުގައި އެކަލާނގެއަށްޓަކައި ކެތްތެރިވެވޭނެއެވެ. އެއްވެސް ގޮތެއްގައި އޭނާގެ އަމިއްލަ ބާރެއް ނެތްކަން ވިސްނޭ ޙާލުގައެވެ. މިއީ، ކެތްތެރިކަމުގެ އެންމެ މަތިވެރި ދަރަޖައެވެ.

2. ﷲ އަށްޓަކައި ކެތްތެރިވެ އެހެން ނަމަވެސް އެކަލާނގެ މަދަދާއި ނުލައި ކެތްތެރިވުން: އެފަދަ މީހުން، ﷲ އަށްޓަކައި ކެތްތެރިވާން ބޭނުންވެދާނެއެވެ. ނަމަވެސް، އެމީހުން ޢަމަލީ ގޮތުން ﷲ ތަޢާލާގެ މަދަދަކަށް ނޭދޭނެއެވެ. އަދި އެމީހުންގެ ތަވައްކަލް ކުރުމާއި އިތުބާރުކުރުން ބަލިކަށިވާނެއެވެ. އެފަދަ މީހުންނަށް ރަނގަޅު ނިމުމެއް ވާނެއެވެ. އެކަމަކު، އެމީހުން ބަލިކަށިވާނެއެވެ. އަދި އެމީހުންނަށް އެމީހުން ޙާޞިލްކުރަން ބޭނުންވާ ހުރިހާ ކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. މިއީ، އިޚްލާސްތެރި އެހެންނަމަވެސް ބަލިކަށި މުއުމިނުންނެވެ.

3. ﷲ ތަޢާލާގެ މަދަދާއިއެކުގައިވާ ކެތްތެރިކަން: އެފަދަ މީހަކު ﷲ ގެ މަދަދަށް އެދޭނެއެވެ. އަދި އޭނާ އެކަލާނގެއަށް ތަވައްކަލް ކުރެއެވެ. އޭނާގެ އެއްވެސް ބާރެއްނެތްކަން ދަންނަ ޙާލުގައެވެ. އެކަމަކު، އޭނާގެ ކެތްތެރިކަމަކީ ﷲ ތަޢާލާއަށްޓަކައިވާ ކެތްތެރިކަމެއް ނޫނެވެ. އެހެނީ، އޭނާގެ ކެތްތެރިކަމަކީ އީމާންކަމުގެ ސަބަބުތަކަށްޓަކައި ވާކަމަކަށް ނުވީމައެވެ. މިކަމުގެ ސަބަބުން އޭނާއަށް، އޭނާގެ މަޤްޞަދުތައް ޙާޞިލްކުރެވޭނެއެވެ. އެކަމަކު، އޭނާގެ ނިމުން ނުބައިވެދާނެއެވެ. އެފަދަ މީހުންގެ ތެރެއިން މީހުންނަކީ، ކުއްފާރުންގެ ވެރިންނާއި ޝައިޠާނާއަށް ތަބާވާ މީހުންނެވެ. އެހެނީ، އެބައިމީހުންގެ ކެތްތެރިކަމަކީ ﷲ ތަޢާލާގެ މަދަދާއިއެކުގައިވާ ކެތްތެރިކަމެވެ. ނަމަވެސް އެއީ ﷲ ތަޢާލާއަށްޓަކައި ވެވޭ ކެތްތެރިކަމެއް ނޫނެވެ.

4. އެއްވެސް ކަހަލަ ކެތްތެރިކަމެއް ނެތުން: މިއީ އެންމެ ދަށު ދަރަޖައެވެ. އަދި މިފަދަ މީހަކަށް ހުރިހާ ވައްތަރެއްގެ ނާކާމިޔާބީއެއް ޙައްޤުވާނެއެވެ.


އަޞްލު: Patience and gratitude އިން ނެގި ތަރުޖަމާ ކުރެވިފައި