06
ފެބްރުއަރީ 2010 -
އިސްލާމްދީނުގައި އަހަރުމެންނަށް ކުރުމަށް އަންގަވާފައިވާ ހެޔޮޢަމަލުތައް
އަހަރުމެންގެ ތެރެއިން ވަޅުޖެހިފައިވާކަމީ، ﷲ ތަޢާލާއާއި ދުރުހެލި ވެފައިވާ
މިންވަރު ދައްކުވައިދޭ ކަމެކެވެ. އެހެނީ އެއިލާހާއި އަހަރުމެން ގާތްވެ
އެއިލަހަށް ލޮބުވެތި އަޅަކުކަމުގައި ވާހުށީ ހެޔޮޢަމަލުތައް ކުރުމުންނެވެ.
އެހެންކަމުން ހެޔޮ އަމަލުތަކާ ދުރަށް ދިއުމަކީ އެއިލާހާއި ދުރަށް ދިއުން
އަދި އަހަރުމެންގެ މައްޗަށްވާ އެއިލާހުގެ ލޮބުވެތިކަން ކުޑަވެގެންދާނެ
ކަމެކެވެ.
ގިނަވެ ޢާއްމުވެފައިވާ ފިތުނަތަކާއެކު އަހަރުމެންގެ އީމަންތެރިކަމުގެ ބަލިކަށިކަމާއި، ހިތްތަކުގެ ބަލިމަޑުކަން ބޮޑުވެފައިވުމާއި، އެކަންތައްތަކުގެ ބޮޑުކަމާއި، މާތްކަން އަހަރުމެންގެ މިބަލި ހަދާނުން ނެތިފައިވުމުގެ ސަބަބުން އިސްލާމްދީނުގައި އަހަރުމެންނަށް އެކަންތައްތަކެއް ކުރުމުގެ ސަބަބުން ބޮޑުވެގެންވާ އަޖުރު ލިބިދޭ ޢަމަލުތައް މިހާރުވެފައިވަނީ ވަގުތުގެ ދަތިކަމުން ކުރުމަށް ނުޅެދިފައިވާ ނުވަތަ އެކަންތައްތަކަށް ފަސްޖެހޭ ނުވަތަ ބުރަބޮޑު ކަމެއްކަމުގައި ވެފައެވެ. ނޫންނަމަ އެކަންތައްތައް ނުކުރިކަމުގައި ވިއަސް ފުދޭނެކަމަށް ހީކުރެވި އެކަންތައްތަކާއިމެދު ފަރުވާ ކުޑަކުރެވިފައިވާ ކަމެއްކަމުގައި ވެފައެވެ.
ތިމާގެ އަޚާ ތިމާގެ ގާތަށް އެހީއަކަށް ނުވަތަ ކަމަކަށް އެދި އަތުވެއްޖެނަމަ އެކަމަށް އިޖާބަދީ އެކަން ފުއްދާ ދިނުމަކީ އަހަރުމެންގެ މިބާރު ބޮޑު ތާވަލުން އެއަށް ޖަގަހަ ނުދެވޭނެވަރުގެ ކަމަކަށް މިއަދު ވެފައިވެއެވެ. އެކަންތައްތަކުގެ މައްޗަށް އެތައް އެތައް އުޒުރުތަކެއް އަހަރުމެން ދައްކާ އެކަންތައް ތަކުން ބޯދަމައިގަނެވެން އޮތްނަމަ އެގޮތަށް ކަންތައް ކުރަމުން ދަމެވެ. އަމިއްލަ ނަފްސުގެ އެދުންތައް އެކަމަށްވުރެ މާމުހިއްމު ކަންކަންކަމުގައި ވެފައިވެއެވެ. އިސްލާމްދީނުގެ ރިވެތި މަތިވެރި އުޞޫލުތަކުގައިވާ ގޮތުން އަހަރުމެން އަހަރުމެންގެ އާޚާގެ ގާތުން ބޭނުމެއް އޮތްތޯ އަހާ އޮޅުންފިލުވާ އެކަންތައްތައް ފުއްދާދޭން ޖެހެއެވެ. މިހެންނަމަވެސް ތިމާގެ އަޚާ ޚުދު އަމިއްލައަށް އައިސް ތިމާގެ ގާތުގައި ކަމަކަށް އެދުމުންވެސް އެކަމުން މޫނު އަނބުރާ ލެވުމީ މިއަދު އަހަރުމެންނަށް އާދަވެފައިވާ ކަމަކަށް ވެއްޖެއެވެ.
އަހަރުމެންގެ އެހީއަށް ބޭނުންވެފައިވާ އަދި އަހަރުމެންގެ ގާތަށް އެހީއަށް އެދިގެން އަންނަ އަޚާއަށް އެއެދުން ފުއްދާދިނުމަކީ އޭގައި މަތިވެރިވެގެންވާ އުޖޫރައެއްވާ ކަމެކެވެ.
އިބްނު އައްބާސް (رضى الله عنهما) ރިވާކުރެއްވިއެވެ.
”އެއްދުވަހެއްގައި ތިމަންކަލޭގެފާނު އިންނެވީ، ނަބިއްޔާ (صلى الله عليه
وسلّم) ގެ މިސްކިތް ކޮޅުގައި އިއުތިކާފުގައެވެ. މީހަކު އައިސް
ތިމަންކަލޭގެފާނު ގާތުގައި އިށީނެވެ. ތިމަން ކަލޭގެފާނު އޭނާއަށް
ދެންނެވީމެވެ. ’އޭ މިވެނި އެވެނި މީހެއްގެ ދަރިޔާއެވެ. ބަލާބެލުމަށް ހީވަނީ
ކަލޭ ދެރަވެފައި އިންހެންނެވެ.‘ އޭނާ ބުންޏެވެ. ’އޭނަބިއްޔާ (صلى الله عليه
وسلّم) ގެ އެކުވެރި އަޚާއެވެ. އާދޭހެވެ. އަހަރެން މިވެނި އެވެނި މީހަކަށް
ދައްކަން ޖެހޭ ދަރަންޏެއް ވެއެވެ. އަދި މިޤަބުރުގައި، ދާއިމީ
އަމާންކަމުގައިވާ ފަރާތުގެ (އެބަހީ ނަބިއްޔާ صلى الله عليه وسلّم ގެ)
ހައްޤުގައި ދަންނަވަމެވެ. އަހަންނަށް އެދަރަނި ދެއްކުމުގެ ކުޅަދާނަކަމެއް
ނެތެވެ.‘ ތިމަންކަލޭގެފަނު ދެންނެވީމެވެ. ’އަހަރެން ކަލޭގެ ތިދަރަންޏާ
ބެހޭގޮތުން އޭނަޔާ ވާހަކަ ދައްކަން ހެއްޔެވެ.‘ އޭނާ ބުންޏެވެ. ’ކަލޭގެފާނު
ބޭނުންފުޅުނަމަ އެކަން ކޮށްދެއްވާށެވެ.‘ އެހެންކަމުން ތިމަންކަލޭގެފާނު
ފައިވާންކޮޅަށް އަރުއްވައިގެން މިސްކިތުން ނިކުންނެވީމެވެ. އެމީހާ
ތިމަންކަލޭގެފާނުގެ ގާތުގައި އެއްސެވެ. ’ކަލޭގެފާނު ކުރައްވަން އިންނެވި
ކަންތަކުގެ (އިއުތިކާފް) މަތިން ހަދުމަފުޅުނެތުނީ ތޯއެވެ.‘
ތިމަންކަލޭގެފާނު ޖަވާބުދެއްވީމެވެ. ’އެހެނެއްނޫނެވެ. އެކަމަކު
މިޤަބުރުގައި، ދާއިމީ އަމާންކަމުގައިވާ ފަރާތުން ހަދީޘް ކުރައްވާތީ
އަހަރެން އަޑު އެހީމެވެ.‘ (އެކަލޭގެފާނުގެ ލޯފުޅު ކަރުނަފުޅުން ފުރިފައިވާ
ހާލު ވިދާޅުވިއެވެ.)
”ތިމާގެ އަޚާގެ އެއްވެސް ބޭނުމެއް ފުއްދައިދިނުމަށް ހިގައްޖެ މީހާ، އަދި އެކަމަށް މަސައްކަތްކޮށްފި މީހާއަށް އެކަންވާނީ ދިހަ އަހަރުގެ އިއުތިކާފަށްވުރެ މޮޅުއިތުރު ކަމަކަށެވެ. އަދި ﷲ ގެ ރުހިވޮޑިގަތުމަށްޓަކައި އެއްދުވަހު އިއުތިކާފުގައި އިނދެއްޖެ މީހާއަށް ﷲ އޭނާ ޖަހަންނަމައާއި ތިންވަޅުގަނޑުގެ ދުރުމިނަށް ދުރުކޮށްދެއްވައެވެ. އަދި މިއިން ކޮންމެ ވަޅުގަނޑެއްގެ ފުޅާމިނުގައި އިރާއި ހުޅަނގުގެ ދުރުމިން ނުވަތަ އުޑައި ބިމުގެ ދުރުމިން ވެއެވެ.“
މިފަދަ މަތިވެރި އަޖުރެއްވާ މިކަމަށް އަހަރުމެން ފަރުވާކުޑަވެ އެކަމުން އެއްކިބާ ވެވިފައިވަނީ އަހަރުމެންނަށް ނޭގުމުގެ ސަބަބުން ނުވަތަ އެކަމުގެ މަތިން ހަދާންނެތުމުގެ ސަބަބުން ކަމަށް ވެދާނެއެވެ. މިކަމުގެ މާތްކަމާ މަތިވެރިކަން ހަދާންނެތިފައިވުމުން އެކަންތައް ސިކުނޑިއަށް ތަޞައްވުރު ނުކުރެވުނީއެވެ. އިއްޔެ އަހަރެމެންގެ އަޚާއަށް، ހިތްނޭދިހުރެ، އެކަމާ މާގަޔާނުވެ، ބުނީތީލަދުން ނުކޮށްދީ ނުކެރިގެން އެކަން ކޮށްދިނީ މިހެންވެގެނެވެ. ހިތްނިޔަތް މިފަދަ މަތިވެރި ޢަމަލެއްކުރާކަމުގެ މައްޗަށް ޚާލިސް ނުކުރެވިހުރެ އެކަން ކުރެވުނީ މިހެންވެގެންނެވެ. އިއްޔެ އަހަރުމެންގެ އަޚާގެ އެދުމުގެ މައްޗަށް އިސްވި ކަންތަކުގައި ހަޤީޤަތުގައި މިވަރުގެ މަތިވެރި ފައިދާއެއްނުވެއެވެ.
އަހަރުމެން ކޮންމެ މުސްލިމަކުވެސް އެދެނީ އެޖަހަންނަމައިގެ އަލިފާނުން މިންޖުވުމަށެވެ. ވީއިރު އެޖައްނަމައާއި އަހަރުމެން ދުރުހެލި ކޮށްދޭފަދަ ޢަމަލުތައް ކުރުމަށް ދަހިވެތި ބަޔަކު ކަމުގައި ވަމާ ހިނގާށެވެ! އެކަމުގައި އެކަކު އަނެކަކާއި ވާދަ ކުރަންހިނގާށެވެ!
އަހަރުމެންނީ އެފަދަ ޢަމަލުތަކަށް ދަހިވެތިވެފައިވާ ބަޔަކު ކަމުގައި ލައްވާށީ! އާމީން!
އަޞްލު: ލިޔުންތެރިޔާ