05
މާރޗް 2010 -
ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރެއްވި ކަމަށް ޢަބްދުﷲ ބިން
މަސްޢޫދު(رضي الله عنه) ވިދާޅުވިއެވެ. ރަސޫލާ(صلى الله عليه وسلم)ޙަދީޘް
ކުރެއްވިއެވެ. ”اللَهُمَّ إنِّي أَسْأَلُكَ الْهُدَى وَالتُّقَى
وَالْعَفَافَ وَالْغِنَى” “ޔާ ﷲ! އިބަ ﷲގެ ހަޟްރަތުން ހިދާޔަތަށާއި،
ތަޤްވާވެރިކަމަށާއި، ރައްކާތެރިކަމަށާއި އަދި ރަނގަޅު ޙާލަތުގައި ވުމަށާއި،
ހިތްހަމަޖެހުމަށާއި އަދި ފުދިގެންވުމަށް އެދެމެވެ.“ (މުސްލިމް، ނަންބަރ
2721)
އިމާމް އައްސަޢުދީ (رحمه الله)، 'ބަޙްޖަތުލް ޤުލޫބުލް އަބްރާރް' ގެ ޞަފްޙާ ނަންބަރު 198 ގައި ވިދާޅުވެފައިވެއެވެ.
”މިދުޢާ އަކީ އެންމެފައިދާ ހުރި ފުރިހަމަ ދުޢާތަކުގެ ތެރެއިންވާ ދުޢާއެކެވެ. އެހެނީ، އޭގައި ދެދުނިޔޭގައިވެސް ރަނގަޅު ޙާލަތެއްގައި ވުމަށް ﷲ ގެ ހަޟްރަތުގައި ދެންނެވުން ވާތީއެވެ.
އެހެންކަމުން، އަލްހުދާ (ހިދާޔަތް) އަކީ ފައިދާހުރި ޢިލްމެވެ. އަދި އައްތުޤާ (އެއީ، ތަޤްވާ) އަކީ، ޞާލިޙް ޢަމަލުތަކާއި އަދި ﷲއާއި އެކަލާނގެ ރަސޫލާ (صلى الله عليه وسلم) ނަހީކުރެއްވި ކަންތައްތައް ދޫކޮށްލުމެވެ. އަދި އެމީހެއްގެ ދީނުގައި ރަނގަޅު ޙާލަތުގައި ވުމަށް އެދުމެވެ.
އެހެނީ ހަމަޔަޤީނުންވެސް، ދީނުގެ ތެރޭގައި ހިމެނެނީ ފައިދާހުރި ޢިލްމާއި ޙައްޤު ދެނެގަތުމެވެ. ޙައްޤުއެއީ ހިދާޔަތެވެ. އަދި ﷲ އާއި ރަސޫލާ (صلى الله عليه وسلم) އަށް ކިޔަމަންވުމުގައި ޘާބިތުވެ ހުރުމެވެ. އަދި މިއީ ތަޤްވާވެރިކަމެވެ.
އަދި ޢަލްއަފާފަ (ރަނގަޅު ޙާލަތެއްގައި ވުމާއި ރައްކާތެރިކަން) އަދި އަލްޣިނާ (ހަމަޖެހުމާއި ފުދިގެންވުން) އެކުލެވެނީ ޚަލްޤުތަކުންގެ ކިބައިން ލިބޭ ގެއްލުމުން ރައްކާތެރިވެގެން ވުމާއި އަދި ހިތް އެމީހުންނާއި ގުޅިފައި ނުވުމެވެ.
އަދިވެސް އޭގައި އެކުލެވެނީ، ﷲ ތަޢާލާއާއިމެދުގައްޔާއި އެކަލާނގެ ދެއްވާ ތަކެއްޗާއިމެދުގައި ހިތްހަމަޖެހިގެންވުމެވެ. އަދި އެކަލާނގެއާއިމެދު ހިތް ރުހޭނެފަދަ ހުރިހާ ކަމަކަށް އެދުމެވެ. އެހެންކަމުން، މިކަމާއި އެކުގައި މިދުނިޔޭގެ ހިތްހަމަޖެހުން ފުރިހަމަވީއެވެ. އަދި ޙަޤީޤީ ފޮނިކަމާއި ހިތްހަމަޖެހުމުގެ ރަހަ ހިތަށް ކުރެއެވެ. އަދި މިއީ ރަނގަޅު ޙަޔާތެކެވެ.
އެހެންކަމުން، ތަޤްވާވެރިކަމާއި ހިދާޔަތުގެ ނިޢްމަތާއި، ރަނގަޅު ޙާލަތެއްގައި ވުމާއި އަދި ހިތްހަމަޖެހުން ލިބިއްޖެ މީހަކަށް ހަމަޔަޤީނުންވެސް ޙަޤީޤީ އުފާވެރިކަން ޙާޞިލްކުރެވިއްޖެއެވެ. އަދި އޭގެ ފަހުގައި ލިބޭނެ ހުރިހާ އެއްޗެއް ލިބޭނެއެވެ. އަދި ހަމައެއާއިއެކު، ބިރުވެރިކަން ކުރިމަތިވާފަދަ ހުރިހާ ކަމަކުން ސަލާމަތްވެގެންވުމެވެ.“
އަޞްލު: www.SunnahOnline.com