02
ޑިސެމްބަރު 2009 - ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ.[ޢިލްމު ޙާޞިލް
ކުރުމުގައާއި، ދަޢްވާ ދިނުމުގައާއި، ޖިހާދު ކުރުމުގައި އެމީހާގެ ވަގުތުތައް
ހަމަޖައްސާނީ ކިހިނެއް ހެއްޔެވެ؟ ފަށާނީ ކޮން ކަމަކުން ހެއްޔެވެ؟]
މިމައްސަލައަކީ ހީވާގޮތުން ޒުވާނުންގެ ތެރެއިން ގިނަ މީހުންނަށް އުނދަގޫ ވަމުންދާ މައްސަލައެކެވެ. އެއީ ދަޢްވަތުގެ ދާއިރާގެ ދޮރުތަކުގައި ޓަކިޖަހަމުންދާ ޒުވާނުންތައް ވަނީ ޢިލްމު ޙާޞިލު ކުރާ ނުވަތަ ޖިހާދުކުރާ ޒުވާނުންތައް ވަށާލާފައެވެ.
ކުރީގެ އިސްވެ ދިޔަ މުސްލިމުންގެ ޖީލު ދެއްކެވި ނަމޫނާއަށް އަހަރެމެން ތަބަޢު ނުވަނީ ކީއްވެހެއްޔެވެ؟
އެބޭކަލުން ފަތިސް ނަމާދު ރަސޫލާ صلى الله عليه وسلم ގެ ޖަމާޢަތުގައި ކުރެއްވުމަށްފަހު، ޢިލްމީ ޙަލަޤާ އެއްގައި (ޢިލްމު ޙާޞިލް ކުރުމަށްޓަކައި އެއްވާ އެއްވުމެއް) ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި މިޙަލަޤާ، އިރު އެރުމަށްދާންދެން ދެމިގެންދެއެވެ. އެއަށްފަހު އެބޭކަލުން ވަޑައިގަންނަވަނީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރެއްވުމަށެވެ. ދުވަހުގެ ފަހު ވަގުތުގައި، ބަދަވީ މީހަކަށް އިސްލާމްދީނުގެ އަސާސްތައް ބުނެދިނުމުގައި އެބޭކަލުން މަޝްޣޫލުވެލައްވާތަން ފެންނިލައްވާނެއެވެ. އަދި ޖިހާދަށް ގޮވާލެވޭ ހިނދު އެބޭކަލުން ފެންނާނީ ޖިހާދުގެ އެންްމެ ކުރީ ސަފުތަކުންނެވެ.
މިހުރިހާ ކަމަކުން އުފެދެނީ އިސްލާމްދީނެވެ. އަދި މިހުރިހާ ކަމަކުން އުފެދިގެން ދަނީ ދިރިއުޅުމުގެ ނިޒާމެކެވެ. އަދި މީގެ ތެރެއިން އެއްވެސް ކަމެއް އުނި ކުރުމަށްޓަކައި ގޮވައެއް ނުލެވޭނެއެވެ. އެހެނީ އެހުރިހާ ކަމަކީ އިލާހީ އަމުރުތަކެކެވެ. އިލާހީ ޝަރުތު ތަކެކެވެ.
އެބޭކަލުންނަށް، އެބޭކަލުންގެ މަތިވެރި މުދައްރިސް، ރަސޫލާ صلى الله عليه وسلم ވަނީ އެކަލޭގެފާނުންގެ ދެއްވަމުން ގެންދެވި އެންމެހާ އިރުޝާދުތައް އެހެންމީސްތަކުންނަށް ފޯރުކޮށްދިނުމަށް އަންގަވާފައެވެ. އެއީ އޭގެތެރެއިން ކިތަންމެ ކުޑަ މިންވަރެއް ކަމުގައި ވިޔަސް މެއެވެ.
އެހެންކަމުން އެއިން ބޭކަލަކަށް ޤުރުއާނުގެ ސޫރަތެއް ހިތުދަސްވުމުން އެބޭކަލަކު، އެބޭކަލެއްގެ ޢާއިލާއަށް އެސޫރަތް ދަސްކޮށްދެއްވައެވެ. އެއަށްފަހު އެބޭކަލެއްގެ އަވަށްޓެރިންނަށް އެސޫރަތް ދަސްކޮށްދެއްވަވައެވެ. އެއަށްފަހު އެބޭކަލެއްގެ މުޅި އަވަށަށް އެސޫރަތް ދަސްކޮށްދެއްވައެވެ.
ޤުރުއާނުގެ ބައެއް ދުވާލުގެ ވަގުތުގައި ދަސްކުރެއްވުމުގެ ފައިދާ އެބޭކަލަކަށް އިޙްސާސް ކުރެވެއެވެ. އެއީ އެބޭކަލަކު ރޭގަނޑުގެ ފަހުބައިގައި އެ ދަސްކުރެއްވި ޤުރުއާނުގެބައި ނަމާދުގައި ކިޔަވާ ވިދާޅުވެއެވެ. އަދި އެއަށް ފަހުގައި އެބޭކަލެއްގެ ހަޔާތްޕުޅުގައި އެބޭކަލަކަށް ޤާބިލުކަން ލިބިލެއްވި މިންވަރަކުން އެބޭކަލުން އެދަސްކުރެއްވި ޤުރުއާން ޢަމަލީ ގޮތުން ތަންފީޒު ކުރައްވަވައެވެ.
އެބޭކަލުންގެ މެދުގައި މިފަދަ ހެޔޮ ޢަމަލު ތަކާއި، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި މެދު އެއްވެސް ތަޢާރުޟު ވުމެއް ނުވެއެވެ. އެހެނީ އާމްދަނީ ހޯދުމަކީ ދިރިއުޅުމަށް ކޮންމެހެން ބޭނުން ކަމަކަށް ވާތީއެވެ. މީހާގެ ހާޔާތް އަބަދުވެސް ދާނީ ވަރަށްވެސް ތަރުތީބުންނެވެ. ހުރިހާ ކަމެއްވެސް ގުޅި ލާމެހިފައިވާ އުޞޫލަކުންނެވެ. ތަޢާރުޟު ވަނިވި ގޮތަކަށް އެއްކަމަށް ގޮސް ހުސްވެގެންނެއް ނޫނެވެ.
މިބުނާ އެއްޗަކީ އެއްވެސް ޙާލެއްގައި ޞަޙާބީންގެ ތެރެއިން ބައެއް ބޭކަލުން ބައެއްކަހަލަ ދާއިރާގައި ފުންނާބު އުސްވެލައްވާފައިތަން ފެނުމާއި އަދި ބައެއް ޞަހާބީން ބައެއް ކަހަލަ ދާއިރާތަކުގައި ދަށްވެލައްވާފައި ތަން ފެންނާނެ ވާހަކައެއް ނޫނެވެ. އެހެނީ މިސާލެއްގެ ގޮތުން ޚާލިދުބިން ވަލީދް رضي الله عنه ވިދާޅުވެފައިވެއެވެ. [ޖިހާދުގެ ސަބަބުން، ޤުރުއާނާ (ދަސްކުރެއްވުމުން) އަހަރެން ވަރަށް ދުރެވެ.]
އެހެންނަމަވެސް ދަޢުވަތު ދިނުމުގެ ކުރިން މީހާގެ ގައިގާ ހުންނަށް ޖެހޭ ޝަރުޠު ތަކެއް ވެއެވެ. މިސާލަކަށް ދަޢުވާދޭ މީހަކު ޖާހިލިއްޔަތަށް ގޮވާނުލުމާއި އަދި ﷲ ގެދީނުން އޭނާ ދަސް ކުރި ކަންތައްތަކަށް ގޮވާލުން ހިމެނެއެވެ.
އަދި ހަމައެހެންމެ ﷲ ގެ މަގުގައި ޖިހާދު ކުރާ މީހާ، އޭނާ އަށް ޖިހާދު ކުރުމަށް ބޭނުންވާ އެންމެހާ މުހިންމު މަޢްލޫމާތުތައް ނުލިބި ޖިހާދު ކޮށްގެން ނުވާނެއެވެ. މިސާލަކަށް އޭނާ ގެ ޢަދުއްވުން އޭނައަށް ރަނގަޅަށް އެނގެން ޖެހޭނެއެވެ. އަދި ހަނގުރާމަ ކުރަނީ ކީއްވެގެންކަންވެސް ރަނގަޅަށް އެނގެން ޖެހޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތަކުގައި ޞަޙާބީންގެ މެދުގައި އެއްވެސް އިޚްތިލާފެއް ނުއުފެދެއެވެ. މިއާ ޚިލާފަށް ވަކި ވަކި ދާއިރާތައް ގުޅިގެން، އެބޭކަލުންގެ މެދުގައި އެކަންތަކުގެ ސަބަބުން އެބޭކަލުންނަށް ލިބިލެއްވީ ޢަމަލީ ދިރިއުޅުއްވުމެކެވެ.
ޖިބްރީލް عليه السلام ރަސޫލާ صلى الله عليه وسلم އަރިހަށް އިންސާނެއްގެ ސޫރައިގައި ވަޑައިގަތީ މިސަބަބަށްޓަކައެވެ. ރަސޫލާ صلى الله عليه وسلم އަރިހުގައި އިސްލާމްކަމާއި ، އީމާންކަމާއި އިޙްސާން ތެރިކަމާއި ބެހޭ ގޮތުން ސުވާލު ކުރެއްވެވިއެވެ. ދެން ރަސޫލާ صلى الله عليه وسلم އެސުވާލުތަކަށް ޖަވާބުދެއްވާ ނިންމެވުމުން، އެބޭކަލުންނަށް ދީން އުނގަންނައި ދެއްވުމަށްޓަކައި އެވަޑައިގަތީ ޖިބްރީލް عليه السلام ކަން އެންގެވިއެވެ. އެހެނީ އެކަންކަމުގައި ދީނުގައި ހިމެނޭ އެންމެހާ ކަންތައްތަކާއި އެންމެ މަތިވެރިވަންތަ ﷲ އަށް ކިޔަމަންވުން އެކަންތައްތަކުގައި ހިމެނޭކަމަށްޓަކައެވެ.އަދި މީހަކު ހެޔޮ ޢަމަލެއް ކުރުމުން ދުރުވެގެންވާ ހިނދު، އެކަމުގެ ދިފާޢުގައި އެވެނި މިވެނި ބަހަނާތައް ދެއްކުން އެއީ ރަނގަޅު ގޮތެއް ނޫނެވެ. ތިބާ ހިތު ނިޔަތްގަތް ޢަމަލެއް ނުކުރެވުމުން އެންމެ ކުޑަ މިނުން އެޢަމަލު ކުރުމަށް ފެށި މީހުންނަށް ފާޑު ކިޔުމާއި އެމީހުން ދަށް ކޮށްލުމުން ދުރުވެ ރައްކައުތެރިވާށެވެ.
ހަޤީޤަތުގައި ތިބާ ވާން ޖެހޭނީ އެމީހުންނަށް މަދަދުދޭ މީހެއް ކަމުގައެވެ. އެއީ ޚިޔާލެއް ދިނުމުގެ މިންވަރުން ވިޔަސް މެއެވެ. މަޑުމައިތިރިކަމާއި އެކު ނަޞޭހަތްތެރި ވުމުން ވިޔަސް މެއެވެ. ނުވަތަ އެންމެ ކުޑަ މިނުން އެފަދަ މީހުންނަށް ހެޔޮ ދުޢާ ކުރުމުންނެވެ.
ޝައިޠާނާގެ މަޅީގައި ޖެހިގެން، ތިމާ ކުރާ ކަންތައް މާ މޮޅު ކަމުގައި ދެކިގެން އެހެން މީހުން ކުރާ ކަންތައް ދަށްކޮށް ނުލާށެވެ. މިސާލަކަށް ދީނުގެ ޢިލްމު ޙާޞިލް ކުރަމުން ގެންދާ މީހަކާއި މެދު، އޭނާ އެކުރަނީ ބޭކާރު ކަމެއް ކަމުގައި ތިބާ ދެކިގެން އަދި އޭނާ މުޖްތަމަޢްގެ ބަލިކަށިކަމަށް ހައްލެއް ހޯދުމަށް ވަގުތެއް ނުދޭކަމަށާއި (ދަޢްވާ ދިނުމުގައި) ނުވަތަ އޭނާ ޖިހާދާއި ގުޅުމަށް ވަގުތެއް ނުދޭ ކަމަށް ބުނެ އޭނާ ދަށް ކޮށްލެވޭތަން ބައެއް ފަހަރު އާދެއެވެ.
އެހެން ޙާލަތެއްގައި ޖިހާދު ކުރަމުންދާ މީހަކު ތިބާއަށް ފެނިދާނެއެވެ. އަދި އޭނާ، ދީން އެހާ ރަނގަޅަށް ދަސް ނުކޮށް ޖިހާދު ކުރާ ކަމަށް ދެކި އޭނާ މާދަށް ކޮށްލެވޭތަން އެބައާދެއެވެ.
ނުވަތަ ދަޢްވާގައި އުޅެމުންދާ ޒުވާނަކާ ދިމާލަށް، އޭނާ ޢިލްމުވެރިންގެ ގާތުން ޢިލްމު ހޯދުމުގައި ވަގުތު ނުދެވޭ ކަމަށްޓަކައި އެފަދަ މީހަކު ދަށް ކޮށްލެވޭތަންވެސް އެބައާދެއެވެ.
ހަމަކަށަވަރުން މަތީގައި ދެންނެވުނު އެންމެހާ ކަންތައްތަކަކީ ހެޔޮ ޢަމަލުތަކެވެ. އެފަދަ ކޮންމެ ކަމެއްގައި ޝާމިލުވާ ކޮންމެ މީހަކުވެސް އެކަމެއްގައި ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ. އެކަކު އެހެން މީހުންނަށްވުރެ ޢިލްމަށް ދަށްވެއްޖެނަމަ އެހެންމީހުންގެ މަދަދާ އެހީތެރިކަމުން އެ އުނިވިބައި ފޫބައްދާނީއެވެ. އެހެނީ ﷲ ތަޢާލާ އަހަރެމެންނަށް އަމުރުކުރައްވާފަދައިން މުއުމިނުން ވާންޖެހޭނީ އެއްބަޔަކު އަނެއްބަޔަކަށް އެކުވެރިވެ ވާގިވެރިވާ ބައެއްގެ ގޮތުގައެވެ.
އަޞްލު: SunnahOnline.com