Share

ދުނިޔޭގެ ހަޔާތުން އުޚްރަވީ ހަޔާތަށް (2)

ތަރުޖަމާ: އަޚް އަބޫ ކަޘީރު (جزاه الله خير)

02 މާރޗް 2010 - ކުރިން ކިޔައިދެވުނު އެއްޗެއްގެ ތަފްޞީލު އަދި ޞައްޚަކަން ބަޔާން ކޮށްދިނުމަށްޓަކައި މިކަމާއި ގުޅޭގޮތުން އައިސްފައިވާ، ނަބިއްޔާ (صلى الله عليه وسلم) ގެ ހަދީޘްފުޅެއް ހިމަނާލާނަމެވެ. އެކަލޭގެފާނު (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ.

'ﷲ އަށް އީމާންވެގެންވާ އަޅާ މިދުނިޔެ ދޫކޮށް އުޚްރަވީ ޙަޔާތަށް ދަތުރުކުރާ ވަގުތުގައި، އިރުފަދައިން އަލިވެގެންވާ މޫނަކާއެކުވާ މަލާއިކަތުން، އޭނާގެ ގާތުގައި ލޮލުގެ ކޮޅާހަމަޔަށް، ތަޚުތު ތަކުގައި އިށީންދެގެން ތިއްބަވާނެއެވެ. އަދި މަރުގެ މަލާއިކަތާ ވަޑައިގެން އޭނާގެ ބޯލާކޮޅުގައި އިށީންދެ ވިދާޅުވެއެވެ. 'އޭ ޠާހިރު ފުރާނަޔާއެވެ! ﷲ ގެ ފާފަފުއްސެވުމާއި ރަޙްމަތަށް އަންނާށެވެ.' ދެން އޭނާގެ ފުރާނަ، ފެން ހަމަކުން ފެންތިއްކެއް ޖަހާފަދައިން އޭނާގެ ހަށިގަނޑުން ނިކުމެއެވެ. އަދި އެހެނިހެން މަލާއިކަތުން އެފުރާނަ ނަންގަވައެވެ. މަރުގެ މަލާއިކަތާ އޭނާގެ ފުރާނަ ނެއްގެވުމުން އެހެނިހެން މަލާއިކަތުން، މަރުގެ މަލާއިކަތާގެ އަތްޕުޅުން އެފުރާނަ ނުނަންގަވާ އެސްފިޔަޖަހާލާހާ އިރުކޮޅަކުވެސް މަޑު ނުކުރައްވައެވެ. އެބޭކަލުން އެފުރާނަ މީރުވަސްދުވާ ރަޖައެއްގެ ތެރެއަށް ލައްވައެވެ. އޭގެ ވަސް ދުނިޔޭގައިވާ އެންމެ މީރުވަސްދުވާ ގޮމަކަސްތުރީގެ ވަސް ފަދައެވެ.

އެއަށްފަހު އެބޭކަލުން އެފުރާނަޔައިގެން އުޑަށް އަރުއްވައެވެ. މިގެންދެވުމުގައި ދިމާވާ ކޮންމެ މަލާއިކަތް ބޭކަލަކު ސުވާލު ކުރައްވައެވެ. 'މިޠާހިރު ފުރާނަ އަކީ ކާކުހެއްޔެވެ.' ފުރާނަ ހިއްޕަވައިގެންދާ މަލާއިކަތުން ޖަވާބުގައި ދަންނަވާނެއެވެ. 'މިއީ މިވެނި އެވެނި މީހެއްގެ ދަރި މިވެނި އެވެނި މީހެކެވެ.' ދުނިޔޭގައި އޭނާއަށް ކިޔާއުޅުނު އެންމެ ރީތި ނަމަކުން އޭނާއަށް ނަންދެއްވާނެއެވެ. ފުރަތަމަ އުޑަށް ފޯރުމުން އެފުރާނައަށްޓަކައި އުޑުގެ ދޮރުކޮޅު ހުޅުވުމަށް ދެންނެވޭނެއެވެ. އެ ދޮރުކޮޅު އޭނާއަށްޓަކައި ހުޅުވޭނެއެވެ. އަދި އެއުޑުގައިވާ، ﷲ ގެ އަރިސް މަލާއިކަތް ބޭކަލުން އެފުރާނަ ހިއްޕަވައިގެން ޖެހިގެން އޮތް އުޑަށް އަރާވަޑައިގަންނަވާނެއެވެ. ﷲ ވޮޑިގެންވާ އެންމެ މަތީ އުޑަށް އެރުމަށް ދާންދެން މިފަދައިން ތަކުރާރުވަމުން ދާނެއެވެ. ގަދަ ކީރިތި ވަންތަ މާތް ﷲ ވަޙީކުރައްވާނެއެވެ.' 'ޢިއްލިއްޔޫން' (ޖަންނަތުގައިވާ އެންމެ މަތިވެރި ދަރަޖަތަކުގެ ތެރެއިން ދަރަޖައެއް) ގައި ތިމަންއިލާހުގެ އަޅާގެ ފޮތް ލިޔުއްވާށެވެ. އަދި އޭނާ އަނބުރާ ދުނިޔޭގެ ބިމަށް ފޮނުއްވާށެވެ. ތިމަން ﷲ އެމީހުން ޚަލްޤުކުރެއްވީ އޭގެންނެވެ. އަދި އެނބުރި ދާހުށި އެއަށެވެ. އަދި އޭގެން ތިމަން ﷲ، އެމީހުން، ޤިޔާމަތް ދުވަހުގައި ނެރުއްވާ ހުށީމެވެ.'

ދެން އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑަށް އަނބުރާ ރައްދު ކުރެވެއެވެ. އަދި ދެމަލާއިކަތުން އޭނާގެ ގާތަށް ވަޑައިގަނެއެވެ. އެމީހުން އޭނާ ނަގައެވެ. އަދި ސުވާލު ކުރައްވައެވެ. 'ކަލޭގެ ރައްބަކީ ކާކު ހެއްޔެވެ؟' އޭނާ ޖަވާބުދެއެވެ. 'އަހަރެންގެ ރައްބަކީ ﷲ އެވެ.' މަލާއިކަތުން ސުވާލުކުރައްވައެވެ. 'ކަލޭގެ ދީނަކީ ކޮބައި ހެއްޔެވެ؟' އޭނާ ޖަވާބު ދެއެވެ. 'އަހަރެންގެ ދީނަކީ އިސްލާމް ދީނެވެ' މަލާއިކަތުން ސުވާލު ކުރައްވައެވެ. 'ކަލޭމެންގެ ތެރެއަށް ފޮނުވުނީ ކާކު ހެއްޔެވެ؟' އޭނާ ޖަވާބު ދެއެވެ ' ﷲ ގެ ރަސޫލާ އެވެ.' މަލާއިކަތުން ސުވާލުކުރައްވައެވެ. 'ކަލެއަށް މިކަންތައްތައް އެނގުނީ ކިހިނަކުން ހެއްޔެވެ؟' އޭނާ ޖަވާބު ދެއެވެ. 'އަހަރެން ﷲ ގެ ފޮތް ކިޔާ އެއަށް އީމާންވެ އެތެދުކުރީމެވެ.' ދެން ﷲ ތާޢާލާގެ ބަސްފުޅު އިއްވެވޭނެއެވެ. 'ތިމަން އިލާހުގެ އަޅާ ތެދު ބުނެފިއެވެ. އެހެންކަމުން އޭނާއަށް ޖަންނަތުގެ ތަންމައްޗެއް އަޅާ ދޭށެވެ. އަދި ޖަންނަތުން ދޮރުކޮޅެއް އޭނާއަށްޓަކައި ހުޅުވައިދޭށެވެ.' ދެން އޭނާއަށް ޖަންނަތުގެ މީރުވަސް ލިބިލިބި ހުރެއެވެ. އަދި ކައްވަޅު އޭނާއަށްޓަކައި ލޮލުގެ ކޮޅާ ހަމަޔަށް ފުޅާކުރެވި ތަނަވަސް ކުރެވޭނެއެވެ. އަދި ސާފު، މީރުވަސްދުވާ ސާފު ހެދުމެއްގައިވާ މީހަކު އޭނާ ގާތަށް ވަޑައިގަންނަވާނެއެވެ. އަދި ވިދާޅުވާނެއެވެ. 'ކަލެއަށްވާ އުފާވެރިކަމުގައި ވާށެވެ. މިއީ ކަލެއަށް ވަޢުދުވެވިގެންވީ ކަންތަކެވެ.' އޭނާ އެމީހާގެ ގާތުން އަހާނެއެވެ. 'ކަލޭ ތީ ކާކުހެއްޔެވެ؟ ކަލޭގެ މޫނު، އުފާވެރިކަމުގެ ޚަބަރު ދެއެވެ.' އެމީހާ ބުނާނެއެވެ. 'އަހަރެންނަކީ ކަލޭގެ ހެޔޮ ޢަމަލު ތަކެވެ.' ދެން އޭނާ ބުނާނެއެވެ. "އޭ ﷲ އެވެ! ދުނިޔޭގެ ނިމުން އަވަސް ކުރައްވާނދޭވެ. އެއީ މިއަޅާ، މިއަޅާގެ ޢާއިލާ އާއި މުދަލުގެ ކައިރިއަށް އަލުން ދިއުމަށެވެ.'

'ﷲ އަށް އީމާންނުވާ އަޅާ މިދުނިޔެ ދޫކޮށް އުޚްރަވީ ޙަޔާތަށް ދަތުރުކުރާ ވަގުތުގައި، ކަޅުވެ އަދިރިވެގެންވީ މޫނަކާއެކުވާ މަލާއިކަތުން ހަޑިފޭރާމަކާއެކު ވަޑައިގެން، އޭނާގެ ގާތުގައި ލޮލުގެ ކޮޅާހަމަޔަށް، ތަޙުތު ތަކުގައި އިށީންނަވާނެއެވެ. އަދި މަރުގެ މަލާއިކަތާ ވަޑައިގެން އޭނާގެ ބޯލާކޮޅުގައި އިށީންދެ ވިދާޅުވެއެވެ. 'އޭ ނުޠާހިރު ފުރާނަޔާއެވެ! ﷲ ގެ ކޯފާއާއި ޢަޛާބަށް އަންނާށެވެ.' ދެން އޭނާގެ ފުރާނަ، ހަށިގަނޑުގައި ބައިބައިވެ، ތެތްކަފަގަނޑެއްގެ ތެރެއިން އުލެއް ދަމާނެރޭފަދައިން އޭނާގެ ހަށިގަނޑުން ފުރާނަ ނެރެވޭނެއެވެ. އަދި އެހެނިހެން މަލާއިކަތުން އެފުރާނަ ނަންގަވައެވެ. މަރުގެ މަލާއިކަތާ އޭނާގެ ފުރާނަ ނެއްގެވުމުން އެހެނިހެން މަލާއިކަތުން، މަރުގެ މަލާއިކަތާ އަތްޕުޅުން އެފުރާނަ ނުނަންގަވާ އެސްފިޔަޖަހާލާހާ އިރުކޮޅަކުވެސް މަޑު ނުކުރައްވައެވެ. އެބޭކަލުން އެފުރާނަ އެހަޑިފޭރާމުގެ ތެރެއަށް ލައްވައެވެ. އޭގެ ވަސް ދުނިޔެމަތީގައިވާ އެންމެ ނުބައި ވަސް ދުވާ މުޅަވެ ކުނިވެފައިވާ މައްޔިތެއްގެ ހަށިގަނޑުން ދުވާ ވަސް ފަދައެވެ.

އެއަށްފަހު އެބޭކަލުން އެފުރާނަޔައިގެން އުޑަށް އަރުއްވައެވެ. މިގެންދެވުމުގައި ދިމާވާ ކޮންމެ މަލާއިކަތް ބޭކަލަކު ސުވާލު ކުރައްވައެވެ. 'މިނުޠާހިރު ފުރާނަ އަކީ ކާކުގެ ފުރާނައެއް ހެއްޔެވެ؟' ފުރާނަ ހިއްޕަވައިގެންދާ މަލާއިކަތުން ޖަވާބުގައި ދަންނަވާނެއެވެ. 'މިއީ މިވެނި އެވެނި މީހެއްގެ ދަރި މިވެނި އެވެނި މީހެކެވެ.' ދުނިޔޭގައި އޭނާއަށް ކިޔާއުޅުނު އެންމެ ހުތުރު ނަމަކުން އޭނާއަށް ނަންދެއްވާނެއެވެ. ފުރަތަމަ އުޑަށް ފޯރުމުން އެފުރާނައަށްޓަކައި އުޑުގެ ދޮރުކޮޅު ހުޅުވުމަށް ދެންނެވޭނެއެވެ. އެކަމަކު އެދޮރުކޮޅު އޭނާއަށްޓަކައި ނުހުޅުވޭނެއެވެ.'

ދެން ނަބިއްޔާ (صلى الله عليه وسلم) ކީރިތި ޤުރުއާނުގެ މިއާޔަތް ކިޔަވާވިދާޅުވިއެވެ.

..لا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلا يَدْخُلُونَ الْجَنَّةَ حَتَّى يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ ...
އެބައިމީހުންނަށްޓަކައި، އުޑުގެ ދޮރުތައް ހުޅުވިގެން ނުދާހުއްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖެއުމަށްދާންދެން އެބައިމީހުން ޖަންނަތަށް ނުވަންނަހުއްޓެވެ.
(އަލް އަޢްރާފް – 40)

ދެން ގަދަ ކީރިތި ވަންތަ މާތް ﷲ ވަޙީކުރައްވާނެއެވެ. ބިމުގެ އެންމެ އަޑީގައި 'ސިއްޖީން' (ޖަހަންނަމައިގެ އެންމެ ފުން ވަޅުގަނޑެއް) ގައި އޭނާގެ ފޮތް ލިޔުއްވާށެވެ. އަދި އޭނާ ބިމަށް ވައްޓާލެވޭނެއެވެ.'

އެއަށްފަހު ނަބިއްޔާ (صلى الله عليه وسلم) ކީރިތި ޤުރުއާންގެ މިއާޔަތް ކިޔަވާވިދާޅުވިއެވެ.

وَمَنْ يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ
ﷲ އަށް ޝިރުކު ކޮށްފައިވާ މީހާ (ދަންނާށެވެ)، ފަހެ، އެމީހާ އުޑުން ވެއްޓި، ދޫނިތައް އެމީހާ ޖަހައިގަނެގެން ގެންދާ ނުވަތަ ވައިގެ ބާރުން ދުރުތަނަކަށް ވެއްޓިންދާ މީހެއްފަދައެވެ.
(އަލް ޙައްޖް – 31)

ދެން އޭނާ އޭނާގެ ހަށިގަނޑަށް ލެވޭނެއެވެ. އަދި ސުވާލުގެ ދެމަލާއިކަތާ ވަޑައިގެން ވިދާޅުވާނެއެވެ. 'ކަލޭގެ ރައްބަކީ ކޮބާ ހެއްޔެވެ؟' އޭނާ ޖަވާބުދޭނެއެވެ. ' ހާހް! ... ހާހް! ... އަހަންނަކަށް ނޭނގެ!' ދެން ﷲ ތަޢާލާ ބަސްވަޙީ ކުރައްވައެވެ. 'ތިމަން އިލާހުގެ އަޅާ ދޮގު ބުނެފިއެވެ. އެހެންކަމުން އޭނައަށް އަލިފާނުންވާ ތަންމައްޗެއް ފަތުރާލާށެވެ. އަދި ޖަހަންނަމައިގެ ދޮރެއް އޭނާއަށް ހުޅުވާށެވެ!' އޭގެ ގަދަ ހޫނު އޭނާއަށް ލިބިލިބި ހުންނާނެއެވެ. އޭނާގެ ކައްވަޅު ހަނިކަމުން އޭނާގެ މޭކަށިގަނޑު ފިއްތާލާނެއެވެ. އަދި އޭނާ ގާތަށް ހުތުރުކަންބޮޑު މޫނަކާއި ފޭރާމަކާއެކުވާ އެހާމެ ނުބައިވަސް ދުވާ މީހަކު އައިސް އޭނާ ގާތު ބުނާނެއެވެ. 'ކަލޭ ތިޔަ ގެނެސްގަތް ކަންތަކުގެ ނުބައިކަމުގެ ބޮޑުކަމާއެވެ. ހިތާމަހުއްޓެވެ. އެހެނީ މީކަލެއަށް ވަޢުދު ވެވިގެންވީ ޖަޒާއެވެ.' އޭނާ ސުވާލު ކުރާނެއެވެ. 'ކަލޭ ތީ ކާކުހެއްޔެވެ؟ ކަލޭގެ މޫނަކީ ނުބައިކަމުގެ ޚަބަރު ދޭ މޫނެކެވެ.' އެމީހާ ޖަވާބުދޭނެއެވެ. 'އަހަރެންމީ ކަލޭގެ ނުބައި ޢަމަލު ތަކެވެ.' ދެން އޭނާ ބުނާނެތެވެ. ' އޭ ރައްބެވެ! ދުނިޔޭގެ ނިމުން އަޔަ ނުދެއްވާނދޭވެ!'

ކައްވަޅުގައިވާ މީހާއާއި ސުވާލުގެ ދެމަލާއިކަތުން ކުރައްވާ ސުވާލުތަކާއި ބެހޭގޮތުން ﷲ ތަޢާލާ އެއިލާހުގެ ކީރިތި ފޮތުގައި ވަޙީކުރައްވާފައިވެއެވެ.

يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الآخِرَةِ وَيُضِلُّ اللَّهُ الظَّالِمِينَ وَيَفْعَلُ اللَّهُ مَا يَشَاءُ
"ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތުގެ ޙަޔާތުގައި ޘާބިތުވެގެންވާ ޙައްޤު ބަހުން އީމާންވީ މީހުނަށް، ﷲ ޘާބިތުކަން ދެއްވައެވެ. އަދި ﷲ އަނިޔާވެރިން މަގުފުރައްދަވައެވެ. އަދި ﷲ އެއިލާހު އިރާދަ ކުރައްވާ ކަމެއް ކުރައްވައެވެ."
(ޢިބްރާހީމް – 27)

- ޗެޕްޓަރ 1 ނިމުނީ -


އަޞްލު: ޝައިޚް އިބްނި އަލްޤައްޔިމްގެ ’ ކިތާބުއްރޫޙް‘ މިފޮތުގެ ޚުލާސާ އިނގިރޭސި ތަރުޖަމާއިން ނެގިފައި