01
ފެބްރުއަރީ 2010 -
”ﷲތަޢާލާގެ ހިޔާވަހިކަން ނޫން އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާ
ދުވަހުގައި، ﷲތަޢާލާ 7 މީހަކަށް ހިޔާވަހިކަން ދެއްވަވާނެއެވެ.“(ބުޚާރީ
މުސްލިމް). އެ 7 ބަޔަކީ:
1- އަދުލުވެރި ވެރިއެއް، 2- ﷲ ތަޢާލާއަށް އަޅުކަން ކުރުން މަތީގައި ބޮޑުވެގެން އައި ޒުވާނާ
(އެމީހެއްގެ ޅައުމުރުއްސުރެ ﷲ ތަޢާލާއަށް އިޚްލާސްތެރިކަމާއިއެކު އަޅުކަން
ކުރާޒުވާނާ)، 3- މިސްކިތާއި އެމީހެއްގެ ހިތް ގުޅިފައިވާ މީހާ (5 ނަމާދުގައި މިސްކިތުގައި
އަދާކުރާ މީހާ)،
4- ﷲ އަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާ ދެމީހެއް، އެމީހުންގެ
ބައްދަލުވުމާއި ވަކިވުންވަނީ ﷲ ތަޢާލާއަށްޓަކައެވެ.، 5-
ރީތި އަދި ޢިއްޒަތްތެރި އަންހެނަކު ޒިނޭކުރުމަށް ދަޢުވަތު ދޭހިނދުގައި، ”ތިމަން ﷲ އަށް ބިރުވެތިވަމޭ“ ބުނެ އެކަމަށް އިންކާރުކުރާ މީހާ،
6- ތިމާގެ ކަނާތުން ދޭއެއްޗެއް ވައަތަށް ނޭނގޭހާ ސިއްރުން (އޭނާ
ޞަދަޤާތުގެ ގޮތުގައި ހޭދަކުރި މިންވަރު އެއްވެސް މީހަކަށް ނާންގާ)
ޞަދަޤާތްކުރާ މީހާ،
7- އެކަނިވާ ހިނދުގައި ﷲ މަތިން ހަނދުމަކޮށް ލޮލުން ކަރުނަ އޮހޮރޭ މީހާ.
ﷲ ތަޢާލާގެ ޢަރުޝީގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި، އެކަލާނގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭ 7 މީހުންނާއި މެދު ވިސްނާލުމުން އެނގިގެންދާނީ އެމީހުންނަށް އެހިޔާވަހިކަން ލިބިގެން ދިޔައީ ހަވާ ނަފްސުގެ އެދުންތަކާއި އިދިކޮޅު ވުމުގެ ސަބަބުންކަމެވެ. ބާރާއި ވެރިކަން ލިބިގެންވާ ވެރިއަކަށް، އޭނާގެ ހަވާ ނަފްސުން އެއްކިބާވެގެން މެނުވީ ޢަދުލުވެރިއެއް ނުވެވޭނެއެވެ. އޭނާގެ ޒުވާންކަމުގެ މައްޗަށް، ﷲ ތަޢާލާއަށް އިޚްލާސަތެރިކަމާއިއެކު އަޅުކަން ކުރުން އިސްކުރާ ޒުވާނާއަށް ބަލާލާއިރު، އޭނާ އޭނާގެ ހަވާނަފްސުގެ އެދުންތަކުން އެއްކިބާވެގެން މެނުވީ އަޅުކަމުގައި އެފަދަ ދަރަޖައެއް ނުލިބުނީހެވެ.
މިސްކިތާއި އެމީހެއްގެ ހިތް ގުޅިފައިވާ މީހާއަށް ބަލާލާއިރު، އޭނާ މިޙާލަތަށް ގެނުވި ކަމަކީ، އޭނާ އެދުންތަކާއި ޝަހުވަތްތަކުގެ މަޖިލީސްތަކަށް ދަޢުވަތުދޭ ހަވާ ނަފްސުން އެއްކިބާވެ ދުރުވެގަތުމުންނެވެ. އެމީހެއްގެ ކަނާތުން ޞަދަޤާތްކުރާ އެއްޗެއް ވައަތަށް ނޭނގޭހާ ސިއްރުން ޞަދަޤާތްކުރާ މީހާއަށް، އޭނާގެ ހަވާ ނަފްސުގެ އެދުންތައް ދޫކޮށްލުމުން މެނުވީ މިދަރަޖަ ނުލިބުނީހެވެ.
ޢިއްޒަތްތެރިކަމާއި ރީތިކަން ލިބިގެންވާ އަންހެނަކު، ޒިނޭކުރުމަށް ފިރިހެނަކަށް ދަޢުވަތު ދިނުމުން އެފިރިހެން މީހާ ﷲ އަށް ބިރުވެރިތެ އޭނާގެ ހަވާ ނަފްސުން ދުރުހެލިވިއެވެ. އެކަނި އިނދެ ﷲ މަތިން ހަނދުމަކޮށް، އެއިލާހަށް ބިރުވެތިވެ ލޮލުން ކަރުނަ އޮހޮރޭ މީހާއަށް ވިސްނާއިރު، އޭނާ މިމަޤާމަށް ގެނުވި ކަމަކީ އޭނާގެ ހަވާ ނަފްސަށް އޭނާ ތަބަޢަނުވުމުގެ ސަބަބުންނެވެ.
ނަތީޖާއެއްގެ ގޮތުން، މަޙްޝަރުގެ މައިދާނުގައި، އަލްމައުޤިފްގެ ގަދަފަދަ ހޫނުންނާއި ދާހިތްލުމުން އެބައިމީހުން ސަލާމަތް ކުރެވެއެވެ. ހަވާ ނަފްސަށް ތަބާވާ މީހުންނަށް، އަލްހަވާގެ ޖަލަށް ވަނުމަށް އިންތިޒާރުގައި ތިބޭ ތިބުމުގައި، އެމީހުންނަށް ހޫނުކަން އިންތިހާ ދަރަޖައަށް ތަޙައްމަލު ކުރަންޖެހޭނެއެވެ. ނުބައި ޢަމަލްތަކަށް ލަންބުވައިދޭ ހަވާ ނަފްސުން ސަލާމަތްކޮށްދިނުމަށް އެދި ދަންނަވަންވީ ފަރާތަކީ ﷲސުބުޙާނަހޫ ވަތަޢާލާއެވެ. އަދި އެކަލާނގެ ރުހިވޮޑިގަންނަވާ އަދި ލޯބިކުރައްވާ ކަންތައްތަކާއި އެއްގޮތަށް އަހަރެމެންގެ ހަވާ ނަފްސުގެ އެދުންތައް ބަދަލުކޮށްދެއްވަނީ ވެސް ހަމަ އެކަލާނގެއެވެ. ހުރިހާ ކަމެއްގެ ބާރުވަނީ އެކަލާނގެ އަތްޕުޅުގައެވެ. އަދި އަހަރެމެންގެ އާދޭސްތަކަށް އިޖާބަދެއްވަން އެންމެ ހައްޤުވާ ފަރާތަކީވެސް ﷲ ތަޢާލާއެވެ.
އަޞްލު: www.Sunnahonline.com