Share

އަޅުކަމާއި ލޯބީގެ ދަރަޖަތައް

ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ (رحمه الله)

ތަރުޖަމާ: އުންމު ޝުޖާޢު (جزاها الله خير)

01 ފެބްރުއަރީ 2010 - އަހަރެމެންގެ މައްޗަށް ވާޖިބުކުރެއްވިގެންވާ އަޅުކަމުގެ ތެރޭގައި، ތަވާޟުޢުވެރިކަމާއި ލޯބި ހިމެނެއެވެ. ﷲ ތަޢާލާގެ ހަޟްރަތުގައި މީހާ އިންތިހާ ދަރަޖައަށް ނިކަމެތިވުމާއިއެކު އެއިލާހަށް އިންތިހާ ދަރަޖައަށް ލޯބިވުމެވެ. ލޯބިވުމުގެ އެންމެ މަތީ ދަރަޖައަކީ، އިންތިހާ ދަރަޖައަށް ރުހިގެންވާ ޙާލު، ލޯބިވުމެވެ. އަދި މީގެ އެންމެ ދަށު ދަރަޖައަކީ، ޝައުޤުވެރިވުމެވެ. އެހެނީ، ލޯބިވާ އެއްޗެއް ނުވަތަ މީހަކާއިމެދު ހިތުގައި ފުރަތަމަ އުފެދޭނީ ޝައުޤުވެރިކަމެވެ. ޝައުޤުވެރިކަމަށްފަހު ދެން އަންނާނީ ގަޔާވުމެވެ. އެއަށްފަހު ލޯތްބެވެ. އަދި އެންމެ ފަހުގައި އިންތިހާ ދަރަޖައަށް ރުހިގެންވާ ޙާލު، ލޯބިވުމެވެ. ޢަރަބި ބަހުގައި 'ތައިމު ﷲ' (ﷲ އަށް ލޯބިވާ މީހާ)، ޢަބްދު ﷲ(ﷲ ގެ އަޅާ) ގެ ގޮތުގައި މާނަކުރަން ބޭނުން ކުރެވެއެވެ. އެހެނީ، ލޯބިވާ މީހަކީ، އޭނާ އެލޯބިވާ ފަރާތަށް ކިޔަމަންތެރިވާ މީހާއެވެ.

މީހަކަށް ނަފްރަތުކުރާ ޙާލު އެމީހަކަށް ކިޔަމަންތެރިވާ މީހާ އަކީ، އަނެކާއަށް އަޅުކަން ކުރާ މީހެއް ކަމުގައެއް ނުވާނެއެވެ. އަދި އަނެކާއަށް ކިޔަމަންތެރި ނުވާ ޙާލު އޭނާ ދެކެ ލޯބިވުމަކީ ވެސް އަޅުކަން ކުރުން ކަމަކަށް ނުވާނެއެވެ. މީގެ މިޘާލަކީ، އެމީހެއްގެ ދަރިންނާއި ރަޙްމަތްތެރިން ދެކެ ލޯބިވާ މީހާގެ މިޘާލެވެ. އެހެން ކަމުން، ހަމައެކަނި ލޯބި ނުވަތަ ހަމައެކަނި ކިޔަމަންތެރި ވުމަކުން، ﷲ ތަޢާލާއަށް އަޅުކަން ކުރުމުގައި، އެއީ ފުދިގެންވާ މިންވަރެއް ނޫނެވެ. އަޅުތަކުން އެންމެ ލޯބިވާ ފަރާތަކަށް ވާންވާނީ ﷲ ތަޢާލާއެވެ. އަދި އެކަލާނގެ ވާންޖެހޭނީ އޭނާގެ ކުރިމަތީގައިވާ އެންމެ މަތިވެރި ފަރާތް ކަމުގައެވެ. ﷲ ތަޢާލާއަށް މެނުވީ ފުރިހަމަ ލޯތްބާއި ކިޔަމަންތެރިކަން ހައްޤުވެގެންނެއް ނުވެއެވެ. ﷲ އަށް ނޫން އެހެން ފަރާތަކަށްޓަކައި އެއްޗެއްދެކެ ލޯބިވެވިއްޖެނަމަ އެއީ އަގެއް ނެތް ލޯތްބެކެވެ. އަދި ﷲ ގެ އަމުރުފުޅާއި ނުލައި އެއްޗެއް މަތިވެރިކުރެވިއްޖެ ނަމަ، އެކުރެވުނު މަތިވެރިކަންވަނީ ރައްދުކުރެވިގެންނެވެ.

އެހެން ހުރިހާ އެއްޗެއްގެ މައްޗަށް، ﷲ އާއި ރަސޫލާ( صلى الله عليه وسلم ) ދެކެވާ ލޯބި އިސްވާންޖެހޭނެއެވެ.

ﷲތަޢާލާ ވަހީކުރެއްވިއެވެ.

قُلْ إِنْ كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُمْ مِنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّى يَأْتِيَ اللَّهُ بِأَمْرِهِ وَاللَّهُ لا يَهْدِي الْقَوْمَ الْفَاسِقِينَ
ކަލޭގެފާނުވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައި މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) ﷲ އާއި، އެކަލާނގެ ރަސޫލާއާއި، އެކަލާނގެ މަގުގައި ޖިހާދުކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، ﷲ ގެ އަމުރުފުޅު (އެބަހީ:އަޛާބު) އަތުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! ފާސިޤުވި މީހުންނަށް، ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.
(ސޫރަތުއް ތައުބާ: 24)

އެހެން ކަމުން، ޚާލިޞް ލޯބިވާންޖެހޭނީ ﷲ އާއި ރަސޫލާ (صلى الله عليه وسلم) ދެކެއެވެ. ހަމައެއާއިއެކު ކިޔަމަންތެރިކަމާއިއެކުއެވެ. އެހެނީ، ކިޔަމަންތެރިކަންވަނީ ﷲ ތަޢާލާއާއި ރަސޫލު ﷲ (صلى الله عليه وسلم) އަށެވެ. އަދި ރުހުންވެސް ވަނީ ﷲއަށާއި ރަސޫލާ (صلى الله عليه وسلم) އަށެވެ.

يَحْلِفُونَ بِاللَّهِ لَكُمْ لِيُرْضُوكُمْ وَاللَّهُ وَرَسُولُهُ أَحَقُّ أَنْ يُرْضُوهُ إِنْ كَانُوا مُؤْمِنِينَ
އެބައިމީހުން ތިޔަބައިމީހުން ރުއްސުމަށްޓަކައި، ﷲގަންދީ ތިޔަބައިމީހުން ގާތުގައި ހުވާކޮށް ހަދައެވެ. އެބައިމީހުންނީ، މުއުމިނުން ކަމުގައި ވާނަމަ، އެބައިމީހުންނަށް ހައްޤުކަން ބޮޑީ، ﷲއާއި، އެކަލާނގެ ރަސޫލާ ރުއްސުމެވެ.
(ސޫރަތުއް ތައުބާ: 62)

އަޞްލު: www.islam.com