Share

ތަކްފީރު މައްސަލަ (3)

ތަކްފީރުކުރުން މަނާ ކުރާ ކަންތައްތައް

25 ޖެނުއަރީ 2010 - ތަކްފީރު ކުރުމުގައި އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް އެންމެ ބޮޑަށް އޮޅުން އަރާފައިވާ އެއް ދާއިރާއަކީ ވަކި ޚާއްޞަ ފަރުދެއް ކާފަރުކުރުމުގައެވެ. ނުވަތަ ތަކްފީރުލް މުޢައްޔަން ގައެވެ. އަދި މިކަންތައް ރަނގަޅަށް އޮޅުން ނުފިލުމުގެ ސަބަބުން ހިތާމަވެރި އެތައް ކަންތައްތަކެއް އަޅުގަނޑުމެންގެ ތެރޭގައި ހިނގަމުންއެބަދެއެވެ. މިފަދައިން މުސްލިމަކާއި މެދު ގޮތް ނިންމާ ހިނދުގައި، އަހްލުއްސުންނަތު ވަލްޖަމާޢަތުގައި ތަކްފީރު ކުރުމުގައި ޝަރުތުތަކާއި މަނާތަކެއް ނުވަތަ ހުރަސްތަކެއް ކަނޑައަޅާފައިވާކަން އެފަދަ އަޚުންނާއި އުޚްތުން ވަނީ ހަނދާންނެތިފައެވެ.

މިކަމުގައި އޮޅުން އެޅުމުގެ ސަބަބުން، ޢިލްމުވެރީންގެ ފޮތްތަކުގައި، އެބޭކަލުން ޢާންމު ހުކުމާއި ބެހޭގޮތުން ވާހަކަ ދައްކަވާފައިތަން ފެނުމުން، ބައެއް ފަރާތްތަކުން އެޙުކުމްތައް ޚާއްޞަކޮށްފައި ވަކިވަކި ފަރުދުންނަށް ގޮތް ނިންމުމުގައި ބޭނުން ކުރާތަންވެސް އެބައާދެއެވެ. ނުވަތަ ބައިގަނޑެއްގެ ތެރެއިން ވަކި ބައެއް ކުރާ ކުފުރުގެ ސަބަބުން އެބައިގަނޑަކަށް ނިސްބަތްވާ އެންމެންނަށް ތަކްފީރު ކުރުމަށް ފަހުގައި އެމީހުންގެ މުދަލާއި ލޭ ހަލާލުކޮށްލާތަން ވެސް އެބަފެނެއެވެ. ނަމަވެސް ހަޤީޤަތުގައި އިސްލާމްދީނުގައި ކޮންމެ ކަމަކަށްވެސް އެކަމަކަށް ޚާއްޞަ ޙުކުމްތައް އައިސްފައިވެއެވެ.

ޝޭޚް އަބޫހަމްޒާ ( فك الله أسره) ގެ ”Beware of takfir“ ގައި ޝޭޚް ވިދާޅުވެފައިވެއެވެ.

”ތަކްފީރު ކުރުމުގައި ގެންގުޅެންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް، ނުބައި ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން، ޚަވާރިޖުންނާއި، ތަކްފީރީ ޚިޔާލުގެ މީހުންނާއި އަދިވެސް އެހެނިހެން މީހުން، މަގުފުރެދުމަށް ވާޞިލުވެގެންދިޔައެވެ. އެމީހުން ކުރި އެންމެ ނުރައްކައުތެރި ކުށަކީ ތަކްފީރުލް މުޢައްޔަން (ވަކި ޚާއްޞަ ފަރުދަކަށް ނިސްބަތްކޮށް ކުރެވޭ ތަކްފީރު) އާއި ތަކްފީރުލް އިޖްތިހާދު (މިނިވަން ޙުކުމަކުން ކުރެވޭ ތަކްފީރު) އާއި ތަކްފީރުއް ނައްޞު (ނައްޞުތަކުގެ މައްޗަށް ބިނާކޮށް ކުރެވޭ ތަކްފީރު) އާއި، މިތިންވައްތަރުގެ ތަކްފީރުކުރުން އެކައްޗެއްގެ ގޮތުގައި ހެދުމެވެ. މީގެ ތެރެއިން ތަކްފީރުއް ނައްޞުއަކީ އަހްލުއް ސުންނަތު ވަލްޖަމާޢަތުގެ ގާތުގައި ވަރަށްވެސް މުހިއްމު އަސާސެކެވެ. މީގެ އިތުރުން ޝޭޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބު (رحمه الله) ގެ ’ނަވާޤިދުލް އިސްލާމް‘ ގައި އިސްލާމްދީނުން މީހާ ބޭރުވާ ކަންތައްތަކުގެ ތެރޭގައި ވެސް މިޤަވާޢިދު ހިމެނިފައިވެއެވެ. އެޤަވާޢިދުގައި ވަނީ މުޝްރިކުންގެ ކުފުރުކަން އެއީ ކުފުރެއް ކަމުގައި ނުދެކޭ މީހާ އާއި މުޝްރިކުންގެ ކުފުރާއި މެދުގައި ޝައްކުރުމާއި އަދި އެމީހުންގެ ވިސްނުމުގެ ތެދުކަމާއި މެދުވެސް ޝައްކުކުރުމަކީ ވެސް ކުފުރެއްކަމުގައެވެ.

މިބައިމީހުން (ޚަވާރިޖުންނާއި ތަކްފީރީން) ހަރުކަށިކަމާއި، ރުޅިވެރިކަމާއި އެކުގައި މިޤަވާޢިދުގެ މާނަ ނުބައި ގޮތުގައި ނެގިއެވެ. އެމީހުން މިޤަވާޢިދުން ނެގި މާނައަކީ އެމީހުން ކާފަރެއްގެ ގޮތުގައި ދެކޭ މީހަކަށް، ކާފަރުކުރުމަށް އިންކާރުކުރާ ކޮންމެ މީހަކީވެސް ކާފަރެއް ކަމުގައެވެ. މިވިސްނުން އުފަންވެފައިވަނީ ޚަވާރިޖުން، ޢަލީ (رضي الله عنه) އާއި މުޢާވިޔާ (رضي الله عنه) އަކީ ކާފަރުން ކަމުގައި ނިއްމުމަށް ފަހު، ޢަމްރު ބިން އަލްޢާސް (رضي الله عنه) އެދެބޭކަލުން ތަކްފީރު ނުކުރިކަމަށްޓަކައި ޢަމްރު ބިން އަލްޢާސް (رضي الله عنه) އަށްވެސް ޚަވާރިޖުން ކުފުރުޖެހި ހިސާބުންނެވެ. މިވިސްނުމަކީ ވަރަށްވެސް ހައްދުފަހަނައަޅާފައިވާ ވިސްނުމެކެވެ. އަދި އަހްލުއް ސުންނަތު ވަލްޖަމާޢަތުގެ ވިސްނުމާއި ވަރަށްވެސް ޚިލާފު ވިސްނުމެކެވެ.

މިޤަވާޢިދުގެ ޞައްޙަ ވިސްނުމަކީ، އެމީހުން (ޔަހޫދީން، ނަޞާރާއިން، މުޝްރިކުން) އެއީ ކާފަރުން ކަމުގައި ނިސްބަތް ކުރެވެނު ޤުރުއާނުގެ އާޔަތެއް ނުވަތަ ޙަދީޘެއް މީހަކަށް އެނގޭ ޙާލު، އެމީހުން ކާފަރުން ކަމުގައި ނިއްމުމަށް އެމީހާ އިންކާރު ކޮށްފިނަމަ، ނުވަތަ އޭގެ ބަދަލުގައި އެމީހުނަކީ މުސްލިމުން ކަމުގައި އޭނާ ނިންމައިފި ނަމަ، ދެން އެފަދަ މީހަކީވެސް ކާފަރެކެވެ. ހަމައެފަދައިން، ފިރްޢައުނާއި، އަބޫ ލަހަބާއި، ޔަހޫދީންނާއި، ނަޞާރާއިންނާއި އަދި ނަބީ (صلى الله عليه وسلم) އަށް ފަހުގައި އައި އެހެނިހެން ދީންތަކުގެ މީހުންނަކީ، އިސްލާމީ ބައެއް ކަމަށް ނިންމައިފިނަމަ ވެސް މިޤަވާޢިދުގެ ދަށުން އެމީހަކު ކާފަރުވާނެއެވެ.

އެހެންނަމަވެސް އެމީހެއްގެ ކުފުރު ސާފުނުވާ މީހަކާއި ބެހޭ ގޮތުން އެމީހަކަށް ތަކްފީރުކުރުމުގައި، ތަފާތުވާނެއެވެ. އޭނާގެ އަތުގައި ދަލީލެއް ނެތް ޙާލުގައި ނުވަތަ އޭނާ ކާފަރެއް ކަމުގައި ނިއްމި މީހާ، ކުފުރުވާ ކަމުގެ ދަލީލު އޭނާއަށް ނުވެސް އެނގޭ ޙާލުގައި، އެއްވެސް މުސްލިމަކަށް، އަނެއް މުސްލިމަކަށް ކުފުރުޖެހުމަށް މަޖްބޫރެއް ނުކުރެވޭނެއެވެ. ހަމައެހެންމެ އިމާމް މުޙައްމަދު ބިން ޢަބްދުލް ވައްޙާބު (رحمه الله) އާއި އަދި އެއަށްވުރެ ކުރީގެ ޢިލްމުވެރިންވެސް، ޢަމަލެއް އެއީ ކުފުރުގެ ޢަމަލެއް ކަމުގައި ނިންމެވި ކޮންމެ ފަހަރަކު، އެޢަމަލެއް ކުރި ކޮންމެ މީހަކީ ކާފަރެއް ކަމުގައެއް ނުނިއްމަވައެވެ. އަހުލުއް ސުންނަތް ވަލްޖަމާޢަތުގައި، ޚާއްޞަކޮށް ވަކި ފަރުދަކަށް ކުފުރު ޖެހުން ނުވަތަ ތަކްފީރުލް މުޢައްޔަނު ކުރުމުގައި ޤަވާޢިދުތަކާއި އުޞޫލުތަކެއް ކަޑައްތު ކުރަންޖެހެއެވެ. މިކަމުގެ މިސާލަކީ ޞަހާބީން (رضي الله عنهم) ، ނަބީ (صلى الله عليه وسلم) އަރިހުގައި ޛާތު އަންވާތު ހެދުމަށް އެދުނު ހިނދުގައި، އެކަލޭގެފާނު (صلى الله عليه وسلم) ޞަޙާބީންނަށް ތަކްފީރެއް ނުކުރައްވައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވީ އެކަމަކީ ﷲ އާއި އެއްފަދަ އެހެން ޝަރީކެއް އުފެއްދުމަށް އެދުމެވެ. (އައްތިރިމީޛީ ޙަދީޘް ނަންބަރު 2180) އެކަމަކީ ކުފުރުގެ ޢަމަލެއް ކަމުގައިވީ ހިނދުގައިވެސް އެކަލޭގެފާނު (صلى الله عليه وسلم) އެގޮތަށް އެދުނު ޞަހާބީން (رضي الله عنهم) އެއީ ކާފަރުން ކަމުގައި ނުނިއްމަވައެވެ. އެހެނީ އެޞަޙާބީން (رضي الله عنهم) ހަމައެކަނި އެކަމަށް އެދުނީތީއެވެ. އެޞަޙާބީން (رضي الله عنهم) އެގޮތަށް ޢަމަލެއް ނުކުރައްވައެވެ. އަނެއް މިޘާލަކީ ނަބީ (صلى الله عليه وسلم) ގެ ޙަދީޘެއް ކަމުގައިވާ، 3 ވަނަ ފަހަރަށް ފަހުގައި ބަނގުރާ ބޭނުން ކުރުމުގެ ސަބަބުން، މީހެއްގެ ގައިގާ ހައްދުޖެހި ހިނދުގައި، ޞަޙާބީއެއް އެމީހާއަށް ނިސްބަތްކޮށް ލަޢުނަތް ދިނެވެ. އެހިނދު ނަބީ (صلى الله عليه وسلم) އެކަން މަނާ ކުރެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. “އޭނާއަށް ނިސްބަތްކޮށް ލަޢުނަތް ނުދޭށެވެ. އޭނާ ﷲ އާއި ރަސޫލާ ދެކެ ލޯބިވެއެވެ.” (ޞަޙީޙުލް ބުޚާރީ 4932) އެހެނެއްކަމަކު ނަބީ (صلى الله عليه وسلم) ވަނީ ބަނގުރާ ބޭނުންކުރާ މީހުންނަށް ޢާންމުކޮށް، 10 ހާދިޘާއެއް ގައި ލަޢްނަތަށް އެދިލައްވާފައެވެ. ނަމަވެސް އެކަން ކުރާ ޚާއްޞަ ވަކި ފަރުދަކަށް ލަޢުނަތަށް އެދުން އެކަލޭގެފާނު (صلى الله عليه وسلم) މަނާކުރެއްވިއެވެ. ނަބީ (صلى الله عليه وسلم) ގެ މިޙަދީޘުންނާއި އަދިވެސް ގިނަގުނަ އެހެނިހެން ޙަދީޘްތަކުންނާއި، ޤުރުއާނުގެ އާޔަތްތަކުންނާއި، އެއާޔަތްތައް ޞަޙާބީންނަށް ފަހުމްވެލެއްވި ގޮތުގެ މަތީން، އަހްލުއް ސުންނަތު ވަލްޖަމާޢަތް ވަނީ ކުފުރުކުރުން މަނާ ކުރާ ކަންތައްތައް ކަނޑައަޅުއްވާފައެވެ.

އަންނަނިވި ކުފުރުކުރުން މަނާ ކުރާ ކަންތައްތަކާއި މެދުގައި އަހްލުއް ސުންނަތު ވަލްޖަމާޢަތުގެ ޢިލްމުވެރީން ވަނީ އެއްބަސްވެލައްވާފައެވެ.

1. ކާފަރެއްގެ ގޮތުގައި އޭނާއަށް ނިސްބަތް ކުރެވޭ ކުފުރުގެ ޢަމަލަކީ، އެޢަމަލަކާއި މެދުގައި އެއްވެސް ޝައްކެއް ނެތް ކުފުރުގެ ޢަމަލަކަށް ވާން ޖެހޭނެއެވެ. އަދި އެޢަމަލަކީ މީސްތަކުންނަށް ހީވާ ގޮތުން ނުވަތަ ވިސްނޭ ގޮތުން ކުފުރުގެ ޢަމަލެއް ކަމުގައި ވެގެންނުވާނެއެވެ.

2. މީހާ އަކީ ބުއްދިހުރި މީހެއް ކަމުގައި ވާންޖެހޭނެއެވެ.

3. އޭނާ ކުރި ޢަމަލަކާއި ބެހޭގޮތުން އޭނާގެ ކިބައިގައި ޢިލްމު ހުންނަން ޖެހޭނެއެވެ. ނުވަތަ އެޢަމަލަކާއި ގުޅޭ ދާއިރާއެއްގެ ޢިލްމަށް އޭނާއަށް ވާޞިލްވެވެންވާނެއެވެ.

4. އެޢަމަލު އޭނާ ކުރީ ގަސްދުގައި ކަމުގައި ވާންޖެހޭނެއެވެ.

5. އޭނާ އަކީ ނިދާފައި އޮތް މީހެއް ކަމުގައި ވެގެންނުވާނެއެވެ.

6. އޭނާ، އެޢަމަލު ކުރީ އޭނާގެ ފުރިހަމަ އިޚްތިޔާރުގައި ކަމަށް ވާންޖެހޭނެއެވެ. އެއްވެސް މަޖްބޫރު ކުރުމެއް ނެތިއެވެ.

7. އޭނާގެ ކިބައިގައި އެޢަމަލަކާއި ބެހޭގޮތުން ތަފާތު އެހެން ތައުވީލެއް (މާނަ ކުރުމެއް) އޮވެގެން ނުވާނެއެވެ. އެފަދައިން ތައުވީލެއް ކޮށްފިނަމަ އޭގެ ސަބަބުން އޭނާ، އެޢަމަލު ކުރަނީ ﷲ ގެ ރުހިވޮޑިގަތުން ޙާޞިލު ކުރުމަށްޓަކައެވެ. މިނުޤުތާ ޚާއްޞަގޮތެއްގައި މުހިއްމުވާ ސަބަބަކީ އެފަދައިން އެކަން ކުރާ މީހާ، އެކަން ކުރަނީ ތައުވީލެއްގެ މައްޗަށެވެ. އެފަދަ މީހުންގެ ޢަމަލަކީ ކުފުރެއް ކަމުގައިވިޔަސް، އަހްލުއް ސުންނަތު ވަލްޖަމާޢަތުގައި އެމީހަކަށް ތަކްފީރެއް ނުކުރެއެވެ. މިކަމުގެ ސަބަބަކީ، އޭގެތެރެއިން ގިނަ މީހުންނަކީ ޖާހިލު ނުވަތަ ނުބައި ޢިލްމުވެރިންގެ ސަބަބުން އެކަމުގެ ޞައްޙަ ތައުވީލު ބަޔާންކޮށްދިނުމުގައި މަގުފުރައްދާފައިވާ މީހުންނެވެ. ބައެއް އެފަދަ ޢިލްމުވެރީންނާއި ވެރިން، ނަބީ (صلى الله عليه وسلم) އާއި މެދުގައި ދޮގުހަދައިގެން ވެސް އެފަދަ ތައުވީލުތައް މީސްތަކުންނަށް ބަޔާންކޮށްދެއެވެ.

އަހަރެމެންގެ ޒަމާނުގައި މިޤަވާޢިދު އަލުން އަނބުރާ އިޔާދަކުރެއްވި އިމާމް މުޙައްމަދު ބިން ޢަބްދުލް ވައްޙާބު (رحمه الله)، ޤުބްލާތު އަލް-ކަވާޒް ކިޔާތަނެއްގައި ﷲ އަށް އެދި ދުޢާ ކުރި މީހުންނަށް ތަކްފީރު ނުކުރެއްވީ ސީދާ މިސަބަބަށްޓަކައެވެ. އެކަލޭގެފާނު އެޙާލަތަށް މުހިއްމުކަން ދެއްވާ އެކަންތައް ބަދަލު ކުރެއްވިއެވެ. މިފަދައިން ކަން ކުރެއްވި ސަބަބަކީ އެޒަމާނުގައި ތިބި ގިނަ ނުބައި ޢިލްމުވެރީންތަކެއް އަމިއްލައަށް ޙަދީޘެއް ހެދުމަށްފަހުގައި، އެބިދުޢައަކީ ޙަލާލު ކަމެއްގެ ގޮތުގައި މީސްތަކުންނަށް ބަޔާންކޮށްދިނުމުންނެވެ.

ތަކްފީރު ކުރުމުގެ ޝަރުތުރަކާއި އެކަމުގެ މަނާތައް ނުވަތަ ހުރަސްތައް ޝޭޚުލް އިސްލާމް އިބްނި ތައިމިއްޔާ (رحمه الله) ބަޔާންކޮށްދެއްވިއެވެ.

”ވަކި ޚާއްޞަ ފަރުދަކަށް ތަކްފީރު ކުރުމުގައި ޝަރުޠުތަކާއި މަނާތަކެއް ހިމެނިގެންވެއެވެ. އަދި އަހަރެމެން ޢާއްމު ތަކްފީރުގެ ވާހަކަދެއްކުމުން، އޭގެ މާނަ އަކީ އެކަމުގައި ހިމެނޭ ކޮންމެ ފަރުދެއް ކާފަރުވާ ވާހަކައެއް ނޫނެވެ. މިޝަރުޠުތަކާއި މަނާތައް އޭނާގެ ކިބައިން އެއްކޮށް ނެތިދިޔުމުން މެނުވީއެވެ.“ ޝޭޚުގެ ބަސް ނިމުނީ. (މަޖްމޫޢް ފަތާވާ ވޮލިޔުމް 12 ޞަފްޙާ ނަންބަރު 487-489)

އެހެންކަމުން މިޝަރުތުތަށް ފުރިހަމަވުމުން މެނުވީ އަހަރެމެން މީހެއްގެ މައްޗަށް ޚާއްޞަކޮށްފައި (ތަކްފީރުލް މުޢައްޔަން) ތަކްފީރެއް ނުކުރާނަމެވެ. މީހެއްގެ މައްޗަށް ކުފުރުޖެހުން މިބަސް މާނަ ކުރެވެނީ:

ސާފު ކުފުރާއި ސާފު ކާފަރަކާއި ދެމެދު ސާފުވެގެންވާ ތަފާތެއް ވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ސާފު ކުފުރެއް ކުރާ ކޮންމެ މީހަކީ ކާފަރެއް ނޫނެވެ. އެހެންނަމަވެސް ސާފު ކޮންމެ ކާފަރަކީ ޔަޤީނުންވެސް ކުފުރެއް ކޮއްފައިވާ މީހެކެވެ!

ޚުލާޞާކޮށް ބުނާނަމަ މިޤަވާޢިދަކީ އެއީއެވެ.

މިޤަވާޢިދުން ބޭރަށްދާ ކޮންމެ އުޞޫލަކީ އަހްލުއް ސުންނަތު ވަލްޖަމާޢަތުގެ ތެރެއިންވާ އުޞޫލެއް ނޫނެވެ. ޚަވާރިޖުންގެ ފަރާތުން ފެނުނު ނުރައްކައުތެރި އަޚްލާޤުތަކުން އަހަރެމެން ޢިބްރަތް ލިބިގަންނަންވާނެއެވެ.“

ޝޭޚް އަބޫ ހަމްޒާ ( فك الله أسره)ގެ ބަސް ނިމުނީ.

އެހެން ކަމުން އަޅުގަނޑުމެންގެ އެދުމަކީ، ދީނުގައިވާ ބޮޑެތި ނިއްމުންތައް، ޚާއްޞަކޮށް މީހެއްގެ ލެޔާއި މުދާ ހަލާލުކުރުން ފަދަ ނުރައްކައުތެރި ކަންތައްތަކުގައި ގޮތް ނިއްމާ ހިނދުގައި، މިފަދަ ޤަވާޢިދުތަކާއި އުޞޫލުތަކާއި ބެހޭގޮތުން ހޯދާ ބަލާ، ޢިލްމުވެރީން އެކަމާއި ގުޅޭ ގޮތުން ދައްކަވާފައި ވާހަކަތައް ރަނގަޅަށް ބެލުމަށް ފަހުގައި މެނުވީ، އެފަދަ ކަންތައްތަކުގައި ގޮތް ނުނިއްމުމެވެ. ﷲ އަޅުގަނޑުމެން އެއްމެންނަށް ހިދާޔަތް ދައްކަވާށިއެވެ. އާމީން


**** ނިމުނީ ****

އަޞްލު: ލިޔުންތެރިޔާ